ރާއްޖެ ނާދެވި ދިވެހީންތަކެއް މެލޭޝިއާގައި ތާށިވީ އެގައުމުގެ އިމިގްރޭޝަނުން، އޮފިސަރުންނަށް ދިވެހީންނަށް ދީފައިވާ ލުއިތައް އަންގާފައިނުވުމުން ކަން "ވަން"އަށް ކަށަވަރުވެއްޖެއެވެ.

ކޮވިޑް 19އާ ގުޅިގެން މެލޭޝިއާގައި ދަތުރުފަތުރު ކުރުމަށް ދިން ލުއިތައް މިދިޔަ މަހުގެ 31 ވަނަ ދުވަހު އުވާލުމާއެކު މިހާރު އެގައުމުން ފުރޭނީ ހާއްސަ ފާހެއް ހޯދައިގެންނެވެ.

މެލޭޝިއާގެ ސަރުކާރުން އެގޮތަށް ނިންމާފައިވީ ނަމަވެސް، ޓޫރިސްޓް ނުވަތަ ސޯޝަލް ވިޒިޓެއްގައި އެގައުމުގައި ތިބި ދިވެހިންނަށް މިމަހުގެ 14 ވަނަ ދުވަހުގެ ކުރިން ހާއްސަ ފާހެއް ނުހޯދައި ރާއްޖެ ދެވޭގޮތަށް ވަނީ ނިންމައިފައެވެ. އެކަން މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން ވެސް ވަނީ އިއުލާންކޮށްފައެވެ.

މިމަހުގެ 14ގެ ކުރިން ހާއްސަ ފާހަކާ ނުލައި ރާއްޖެއަށް ދެވޭގޮތަށް އޮތް ނަމަވެސް، ރާއްޖެއަށް ފުރަން އެއާޕޯޓަށް ދިޔަ ދިވެހިންތަކަކަށް ނުފުރި އެގައުމުގައި ވަނީ ތާށިވެފައެވެ. އިމިގްރޭޝަން އޮފިސަރުން އަންގާފައިވަނީ ހާއްސަ ފާހެއް ނެތި ދިވެހީންނަށް ވެސް މެލޭޝިއާ އިން ނުފުރޭނެ ކަމަށެވެ.

"ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި މެލޭޝިއާގެ ފޮރިން މިނިސްޓްރީން ވަނީ އެ ނިންމުން އެގައުމުގެ އިމިގްރޭޝަނަށް އަންގައިފައެވެ. އެ ދިވެހީންނަށް ފުރުމުގެ ހުއްދަ ދީފައިނުވަނީ އެއާޕޯޓުގައި މަސައްކަތްކުރާ ޑިއުޓީ އޮފިސަރުންނަށް އިމިގްރޭޝަނުން އެކަން އަންގާފައި ނުވުމުންނެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ އެކަން ހައްލުކުރުމުގެ މަސައްކަތް މެލޭޝިއާގައި ހުންނަ އެމްބަސީން ކުރަމުން އަންނަ ކަމަށެވެ. އަދި އެގައުމުގެ އިމިގްރޭޝަނުން އަންގާ ގޮތެއްގެ މަތިން އަމަލުކުރަމުން ދިއުމަށް ވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.