ތަހުގީގަށް އެއްބާރުލުން ދިނުމަށް ހަދާފައިވާ އެއްބަސްވުމުގެ ފަހަތުގައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ހިމެނޭ ނަންތަކެއް ފޮރުވުމުގެ "ޑީލް" އާއި ނުހައްގުން އަނިޔާދިނުމަށް ހެކި ހޯދުން ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުވައްރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން ކުރީ ސަރުކާރުގެ އިސްވެރިންތަކަކަށް ދައުވާ ކުރަމުންދާއިރު މި ހިޔާނާތުގައި ބައިވެރިވެ މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ އިތުރުން އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ވަނީ ޖަލު ހުކުމް އިއްވާފަ އެވެ. އޭގެ އިތުރަށް ކުރީގެ ބަންޑާރަ ނައިބު އާޒިމާގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުންތައް ކޯޓުގައި ކުރިއަށް ދާއިރު، ވިލިމާލޭގެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް ދައުވާކޮށް މައްސަލަ ބެލުމަށް ކޯޓަށް ވަނީ ފޮނުވާފަ އެވެ.
އިދިކޮޅު ކޯލިޝަނުން މިއީ ސިޔާސީ ތުހުމަތުތަކެއް ކަމަށް ބުނެ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ޕީޕީއެމްގެ ސަރުކާރެއްގައި އެމްއެމްޕާއާރްސީ ހިޔާނާތުގައި ހިމެނޭ މި ސަރުކާރުގެ ވެރިންނާއި ސަރުކާރަށް ނިސަބަތްވާ ބޭފުޅުންގެ މައްސަލަތައް ބަލާނެ ކަމަށްވެސް އެ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލަުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވަނީ ވިދާޅުވެފަ އެވެ.
އާދަމް ޝަރީފް މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ މައްސަލަތައް ހައްލު ކުރުމުގެ ބަދަލުގައި، ބަދަލު ހިފުމާއި ހަމަ އެކަނި އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށްގެން ޝަރީއަތް ހިންމަކީ ސަރުކާރުން ރާވައިގެން ހިންގާ މުޑުދާރު އަމަލެއް ކަމަށެވެ. އަދި ގައުމު އާރާސްތު ކުރެވޭނީ "ޑީލް" ނުހަދައި ހަމަހަމަ ކަމާއެކު އިންސާފު ގާއިމްކޮށްގެން ކަމަށާއި އެމްއެމްޕީއާރްސީގެ ހިޔާނާތުގައި މި ސަރުކާރުގެ އެތައް ބަޔަކު ހިމެނޭއިރު އެއިން އެއްވެސް މީހަކަށް ދައުވާ ކުރުމަށް ނުފޮނުވަނީ ސަރުކާރުގައި ހަމަހަމަކަން ނެތީމަ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރަށް ތަހުގީގަށް އެއްބާރުލުން ދިނުމަށް ކަމަށްބުނެ ހަދާފައިވާ އެއްބަސްވުމުގެ ފަހަތުގައި ވަނީ ހިޔާނާތުގައި ހިމެނޭ ނަންތަކެއް ފޮރުވުމުގެ "ޑީލް" އާއި ނުހައްގުން އަނިޔާ ދޭން ހެކި ހޯދުން ކަމަށްވެސް ވިދާޅުވި އެވެ.
އާ އަހަރާ ދިމާކޮށް އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނިމިގެން ދިޔަ އަހަރަކީ ސިޔާސީ ހުކުމެއްކޮށް ޖަލުގައި ބަންދުކޮށްފައިވާ ރައީސް ޔާމީން ހުރަގެއިން މިނިވަން ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި އަހަރެއް ކަމަށެވެ. ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސިޔާސީ ހަރަކާތްތައް އިތުރަށް ވަރުގަދަވެ، މެންބަރުން އިތުރުވެ، ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަމާއެކު ސިޔާސީ ހަރަކާތްތައް ފުޅާވެ ވަރުގަދަވެގެން ދިޔަ ކަމަށް ވެސް ބުންޏެވެ. އަދި މި ފެށުނު އާ އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ އިދިކޮޅު މައި ލީޑަރު ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރުމަށާއި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށްވެސް އިދިކޮޅުން ވަނީ ބުނެފަ އެވެ.
ސިޔާސީ
ސިޔާސީ
ސިޔާސީ
ސިޔާސީ