އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލާ ޕޮއިންޓުގެ ގޮތުން އެއްވަރު ކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ރޭ ޔުނައިޓެޑުން ކުޅުނު މެޗު ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ. ރޭގެ ނަތީޖާއާއެކު ޔުނައިޓެޑަށް 16 މެޗުން 33 ޕޮއިންޓް ލިބިފައިވާއިރު، އެންމެފަހުގެ ލީގު ޗެމްޕިއަން ލިވަޕޫލަށްވެސް 16 މެޗުން ލިބިފައި ވަނީ 33 ޕޮއިންޓެވެ. ލިވަޕޫލް މިވަގުތު އެއްވަނައިގައި އޮތީ ފައިދާ ގޯލްގެ ތަފާތުންނެވެ.
ޔުނައިޓެޑުން ދަށްކޮށް ސީޒަން ފެށި ނަމަވެސް އެޓީމުން ވަނީ ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް، މުހިއްމު މެޗުތަކަކުން ނަތީޖާ ނެރެފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ގިނަ ބަޔަކު މިހާރު ޔުނައިޓެޑް ސިފަކުރަނީ އަލުން އަނެއްކާވެސް ތަށްޓައް ވާދަކުރާ ކްލަބެއްގެ ގޮތުގައެވެ. އެންމެފަހުން ޔުނައިޓެޑުން ލީގުގައި ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުން ވަނީ މޮޅުވެފައެވެ.
ރޭގެ މެޗުގައި ޔުނައިޓެޑްގެ ގޯލްތައް ކާމިޔާބު ކޮށްދިނީ އެންތޮނީ މާޝިއަލްއާއި ބްރޫނޯ ފެނާންޑޭޒްއެވެ. ފެނާންޑޭޒް ޖެހި ގޯލަކީ ޕެނެލްޓީއެކެވެ. މިހާތަނަށް 11 ލީގު ގޯލް އޭނާ ޖަހާފައިވާއިރު، ފަސް ގޯލަކީ ޕެނެލްޓީން ޖަހާފައިވާ ގޯލްތަކެވެ. މާޝިއަލް ފުރަތަމަ ހާފްގައި ގޯލް ޖެހިއިރު، ދެވަނަ ހާފްގެ ކުރީކޮޅުގައި ބާޓްރޭންޑް ޓްރިއޯރޭގެ ގޯލާއެކު ވިލާއިން ނަތީޖާ ހަމަހަމަ ކުރިއެވެ.
ޔުނައިޓެޑުން މޮޅުވީ ފެނާންޑޭޒްގެ ޕެނެލްޓީންނެވެ. ރޭގެ މެޗަށްފަހު ކޯޗު އޮލެގުނަ ސޮލްސްޖާ ވަނީ ކުޅުމަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު