ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަންޔޫބީލްގެ ކައުންޓްޑައުން ފަށައިފި އެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭނީ އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހު އެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަންޔޫބީލްގެ ކައުންޓްޑައުން މިއަދު ވަނީ ފަށައިފަ އެވެ. ކައުންޓްޑައުން ފަށާފައިވަނީ ރާއްޖޭއަށް އެންމެ ފުރަތަމަ ޒިޔާރަތްކުރި އެއް ފަތުރުވެރިޔާ އަދި ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އިޓަލީގެ ޖޯޖް ކޯބިންގެ ވީޑިއޯ މެސެޖަކުންނެވެ.

ފަތުރުވެރިކަމާބެހޭ މިނިސްޓްރީން ބުނީ، ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަންޔޫބީލްގެ ކައުންޓްޑައުން ކެމްޕެއިންގެ ތެރެއިން މިއަދުން ފެށިގެން އަންނަ އަހަރުގެ އެންމެ ފަހު ދުވަހުގެ ނިޔަލަށް އެ ސިނާއަތުގެ ހާއްސަ އެކި ފަރާތްތަކުގެ ވީޑިއޯ މެސެޖުތައް ސޯޝަލް މީޑިއާގައި ޝާއިއު ކުރާނެ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގެ ހާއްސަ ޕާޓްނަރުންނާއި ހިއްސާދާރުންނާއި އެކިއެކި ފަރާތްތައް ގުޅިގެން ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ކުލަ ގަދަ ހަރަކާތްތަކާއި އިވެންޓްތައް ރާވައި ހިންގާނެ ކަމަށް ބުންޏެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ރިސޯޓެއްގެ ގޮތުގައި ހުޅުވީ ކ. ވިހަމަނާފުށީގައި ހިންގި ކުރުނބާ ވިލެޖު ނުވަތަ ކުރުނބާ މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ އެވެ. އެންމެ ފުރަތަމަ ފަތުރުވެރިންގެ ގޮތުގައި އައިސްފައިވަނީ ސްރީލަންކާ މަގުން ރާއްޖެ އަށް އައި އިޓަލީވިލާތުގެ ގުރޫޕެކެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް މިދިޔަ އަހަރު 48 އަހަރު ފުރިފައިވާއިރު، ކޮވިޑުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު ބޯޑަރު ބަންދުކުރުމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތް އެއްކޮށް ހުއްޓުމަކަށް އައެވެ. ނަމަވެސް ޖުލައި މަހުގެ މެދުތެރޭގައި އަލުން ބޯޑަރު ހުޅުވާލި ފަހުން އެއް ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ އެވެ.

މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައި، ސަރުކާރުން ވަނީ މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފައިފަ އެވެ.