"އަޅުގަނޑުމެން ރެއާއި ދުވާލު އާއިލާތަކާއި ދުރުގައި، ދޭހާ އަތްވެއްގައި ވެހޭހާ ވާރޭއެއްގައި މި މަސައްކަތް ކުރަނީ ކާންބޯން. އަނބިދަރިންނަށް ކާންދޭނެ. ބާނާ މަސްކޮޅު މި ކިރެނީ 5-10 ދުވަސް ފަޅުގައި ތިބެގެން އެތައް އިންތިޒާރަކަށްފަހު. މަހުގެ އަގު ދަށްވެ ހަމައަގެއް ނުލިބޭ. ބޭބޭފުޅުން ފިނި ކޮޓަރީގެ ތިއްބަވައިގެން ބޮޑެތި މުސާރަ ނެންގެވިޔަސް އަޅުގަނޑުމެން މި ތިބެނީ ވާރޭގަ އާއި އަވީގަ. އެހެންވީމަ މީއެއް ނޫން އަޅުގަނޑުމެންގެ ހައްގު މިންވަރު. އަޅުގަނޑުމެން މިތިބީ ވަރަށް ހާލުގައި. އަޅުގަނޑުމެން މިއައީ ހަނގުރާމަ ކުރާކަށް ނޫން. އަޅުގަނޑުމެން ހައްގު ހޯދަން" މިއީ މިމަހުގެ 22 ވަނަ ދުވަހު ފެލިވަރުގައި މަސްވެރިން ކުރި މުޒާހަރާގައި ބައިވެރިވި މަސްވެރިއެއް ފާޅުކުރި ކަންބޮޑުވުމެވެ.
އެ މަސްވެރިޔާގެ އިތުރުން އެ ދުވަހު ފެލިވަރަށް އެއްވެ ތިބި ހުރިހާ މަސްވެރިންގެ ކަންބޮޑުވުމަކީވެސް އެއީއެވެ. ބާނާ މަހަށް ހަމައަގު ނުލިބޭ ވާހަކައެވެ. މަސް ނުކިރި ކިއުގައި ގިނަ ދުވަސްވާ ވާހަކައެވެ. އައިސް ލިބުމުގައި ހުރި ދަތިތަކެވެ. މިފަދަ އެތައް ކަންބޮޑުވުމެއް އެ މަސްވެރިންގެ އެބަހުއްޓެވެ. ގައުމުގެ ލޭނާރަކީ މަސްވެރިކަން ކަމަށްވާއިރު، އެ ލޭނާރުގައިވާ ލޭތައް މަޑުމަޑުން ފޭދެމުން ގެއްލެމުންދާ ކަމުގެ ކަންބޮޑުވުން މަސްވެރިން ދަނީ ކެނޑިނޭޅި ފާޅުކުރަމުންނެވެ.
ފަތުރުވެރިކަމުގެ ސިނާއަތް ރާއްޖޭގެ ވައިގައި ވަކިހިއްޕާލުމުގެ ކުރިން މަސްވެރިކަމަކީ ދިވެހިންނަށް އެންމެ ބޮޑު ނަފާއެއް ހޯދަައިދިން ސިނާއަތެވެ. މަސްވެރިއެއް ނެތް އާއިލާއެއް ރާއްޖޭގައި މަދުއިރު މަސްވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް މިހާތަނަށް އައިއިރު އެއްވެސް ސަރުކާރަކުން މާގިނަ މަސައްކަތްތަކެއް ކޮށްފައައެއް ނުވެއެވެ. ކޮންމެ ވެރިޔަކުވެސް އިންތިހާބުގެ ދުވަސްވަރުގައި މަސްވެރިކަމަކީ ދިވެހިންގެ ލޭނާރޭ ބުނެ އެތައް ހުވަފެނެއް މަސްވެރިންނަށް ދައްކައެވެ. މަސްވެރިންގެ ލޮލުގައި އެތައް އަނދުނެއް އަޅުވައެވެ. އެކަން ހުދު މަސްވެރިންވެސް ގަބޫލުކުރެއެވެ. މަސްވެރިން ގަބޫލު ކުރާ ގޮތުގައި މަސްވެރިކަމުގެ ސިނާއަތަކީ އަޅައިނުލެވި ދޫކޮށްލެވިފައިވާ ސިނާއަތެވެ. އެ ސިނާއަތް އަލުން ކޮޅަށް ޖަހައި މަސްވެރިކަމަކީ ބިލިއަން ޑޮލަރުގެ ސިނާތަކަށް ހެދުމަކީ އެ މަސްވެރިން އަބަދުވެސް ދެކޭ ހުވަފެނެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ހުންގާނުގައި ހިއްޕެވީ މަސްވެރިންނަށް ބޮޑެތި ވައުދުތަކެއް ވުމަށް ފަހުއެވެ. އެގޮތުން މަސްވެރިންނަށް ހަމައަގު ހޯދައިދިނުމަކީ ރައީސްގެ ވައުދުފުޅެކެވެ. ރައީސްގެ އެ ވައުދުފުޅު ފުއްދެވުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީއާއި ސަރުކާރުގެ މަސްކުންފުނި މިފްކޯއިން ފުރަތަމަ ދުވަހުން ފެށިގެންވެސް ފަށައިގަތެވެ. މަސްވެރިންގެ ކަންބޮޑުވުންތައް ދެނެގަނެ އެކަންބޮޑުވުންތަކަށް ހައްލެ ގެނައުމަށް ހުރިހާ ގަލެއް ފުރޮޅިއެވެ. ބޭރު ގައުމުތަކުގައި އަތްފުނާ އަޅައި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރެވޭނެ ކަންކަން ބެލިއެވެ. އެ ސިނާއަތަށް ހިނިތުންވުން ގެނެސްދީ މަސްވެރިންނާއި މަސްވެރިއާއިލާތަކަށް ތަސައްލީއެއް ގެނައުމުގެ އަމަލީ މަސައްކަތައް ސަރުކާރަށް މިވީ ދެ އަހަރުގެ ތެރޭގައި ފަށައިގަތެވެ. އެގޮތުން، ކޫއްޑޫއާއި ފެލިވަރަށް ވަސީލަތްތަކުގެ ގޮތުން ކޮންމެވެސް ވަރެއްގެ ތަރައްގީއެއް ގެނެސްދިނެވެ. އަދި މަސްވެރިކަން ތަރައްގީކުރުމަށް ބޭނުންވާ ފައިނޭންސް ހޯދިއެވެ.
މަސްވެރިކަމަކީ ބިލިއަން ޑޮލަރުގެ ސިނާއަކަށް ހެދުމުގެ އަމާޒުގައި މިފްކޯއާއި ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު، މި އަހަރު މި ކަޑައްތުކުރަން ޖެހުނީ ކޮވިޑްގެ ބަލިމަޑުކަމާއެކުގައެވެ. ދުނިޔޭގެ ގައުމުތައް ބަންދު ވެ، ދުނިޔޭގެ އިގްތިސޯދު އެފުށްމިފުށަށް ޖެހުނު ތަދު އަހަރެއްގެ ތެރޭގައެވެ. އެއާއެކު ރާއްޖޭގެ އިގްތިސޯދަށްވެސް ހީނަރުކަންއައިސް ހުރިހާ ސިނާއަތަކަށް އޭގެ އަސަރު ކުރިއެވެ. ނަމަވެސް ކޮވިޑުގެ ތޫފާނާއެކުވެސް ކަށިން ހިތްވަރު ނެރެ، މަސްވެރީން މާކަނޑަށް ނުކުތެވެ. ދަތި ދުވަސްވަރު ގައުމުގެ އިގްތިސޯދު ހިފެހެއްޓުމުގައި މަސްވެރިން މުހިންމު ދައުރެއް އަދާކުރިއެވެ. މަސްވެރިން ބާނާ މަހަށް މި އަހަރު އެކަނިވެސް 845 މިލިއަން ދޫކޮށްފައިވާއިރު، އެފައިސާ ވެގެން ދިޔައީ ގައުމުގެ އިގުތިސޯދު ހިފެހެއްޓުމަށް މުހިންމު ދައުރެއް އަދާކުރި ފައިސާއަށެވެ.
މަސްވެރިކަމަކީ މޫސުމީ ކަމެއް ކަމުން މިއަހަރު ވެގެން ދިޔައީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް މަސްވެރިކަން އިންތިހާއަށް ރަނގަޅު އަހަރަކަށެވެ. ބޮޑެތި ދޯނިތަކާއެކު އެތައް ހާސް ޓަނެއްގެ މަސް މަސްވެރިން ބާނަމުން އަންނައިރު، ބާނާ މަސް ކިރޭނެ ވަސީލަތްތަކެއް ނެތެވެ. ހާއްސަކޮށް ފެލިވަރުގައި އެ ވަސީލަތްތައް މަދެވެ. އެކަށީގެންވާ ކޯލްޑް ސްޓޯރޭޖަކާއިި ކަލެކްޝަން ކެޕޭސިޓީއެއްވެސް ނެތެވެ. ނަތީޖާއަކަށްވީ މަސްވެރިން ދަހިކޮށް ބޭނި މަސްތައް ކިރޭނެ ގޮތެއް ނެތި އެތައް ދުވަހެއް މަޑުކުރަން ޖެހުމެވެ. އެއާއެކު މަސްވެރިންގެ "ރުޅި" ކޮންޓްރޯލުން ނައްޓައި ކަނޑުމަތީގައްޔާއި ފެލިވަރުގައި މުޒާހަރާ ކުރިއެވެ. ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކޮށް ޕްރެޝަރު ކުރިއެވެ. ހަމައަގު ހޯދުމުގެ އަޑު ގަދަވިއެވެ.
މަސްވެރިންގެ ކަންބޮޑުވުންތައް ކޮޅުންލައިގެން ދިއުމުން މަސްވެރިންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރުން ފުލް ގިއަރުގައި މަސައްކަތް ފެށިއެވެ. އަދި މަސްވެރިންނާއި ގާތުން މަސައްކަތްކޮށް، ފޯރަމްތަކާއި އެނޫންވެސް ގޮތްގޮތުން މަސްވެރިންނަށް މައުލޫމާތު ދީ އެމީހުންގެ ހިތްތައް ފިނިކުރުވިއެވެ. އެގޮތުން ރޭވެސް ވަނީ މަސްވެރިންގެ ސައްލާ 2020 ގެ ނަމުގައި މަސްވެރިންނާއި މިފްކޯ އަދި ފިޝަރީޒް މިނިސްޓްރީގެ ބޭފުޅުން އެކުގައި ބައްދަލުކޮށް މަޝްވަރާކޮށް މަސްވެރިންގެ ހުރި ސުވާލުތަކަށް ޖަވާބު ދެއްވައިފައެވެ.
މަސްވެރިކަން ކުރިއެރުވުމަށް އަންނަ އަހަރުގެ ބަޖެޓުގައި ބޮޑު އަދަދެއް ހިމަނާފައިވާއިރު، އެ ސިނާއަތަށް އަންނަ އަހަރަކީ ފާގަތި އަހަރެއް ކަމުގައި މިފްކޯއިން ބުނެއެވެ. އެގޮތުން އަންނަ އަހަރު އެކަނިވެސް މަސްވެރިކަމުގެ ސިނާއަތަށް 50 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އަންނައިރު، އެ އިންވެސްޓްމަންޓްތަކާއެކު މަސްވެރިން ހެއްވާލާނެ ކަމަށް މިފްކޯއިން ބުނެއެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ މަސްވެރިކަމުގެ ތާރީހުގައި ނުކުރާ ވަރުގެ ބޮޑު އިންވެސްޓެއް ފެލިވަރަކާއި ކޫއްޑޫއަށާއި އަދި ކަނޑުއޮތްގިރިއަށް ކުރުން. އޭގެ އިތުރުން މ. މުލަކަށާއި ގދ ތިނަދޫއަށާއި އެނޫންވެސް ޕްރޮގްރާމްތައް ރޭވިފައި އެބަހުރި. އެހެންކަމުން 50 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އެބަ އާދޭ. ކުރިއަށް އޮތް ތަނުގައި ފެލިވަރު ތަރައްގީކޮށް ނިމޭއިރު 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 200 ޓަނުގެ ބްރެއިން ފްރީޒް ފެސިލިޓީއަކާއި އަދި އާރްއެސްޑަބްލިޔުގެ 80 ޓަނު ބެހެއްޓޭ ގޮތަށް އިރާދަކުރެއްވިއްޔާ ތަރައްގީ ކުރެވޭނެ. ދެކުނުގައިވެސް އެހުރި ވަސީލަތްތަކާ އެއްވަރަށް ތިބޭފުޅުން ހިތްހަމަޖެހިގެން ކޮންމެ ދުވަހަކު މަހަށް ދެވޭ ވަރަށް އަޅުގަނޑުމެން ތަރައްގީކުރާނަން" މަސްވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް އަންނަ އަހަރު ފަށަން ނިންމާފައިވާ މަޝްރޫއުތަކާ ބެހޭ ގޮތުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވިއެވެ.
ފައުޒީ ވިދާޅުވި ގޮތުގައި މިހާރު ފަށަން ތައްޔާރުވެފައިވާ މަޝްރޫއުތައް ނިމުމުން މަސްވެރިންނަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބޭނެއެވެ. އެގޮތުން ރާއްޖޭގައި ބާނާ މަހަށް ރާއްޖޭގައި ވެލިއު އެޑްކުރެވި، ޕްރޮސެސް ކުރެވެން ފެށުމުން މަސްވެރިންނަށް ހަމަ އަގު ލިބި، މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހެދޭނެ ކަމަށް ވިދާޅުވިއެވެ. އަލަށް ފަށާ މަޝްރޫއުތަކާއެކު އާ ކޭނަރީއެއް ފެލިވަރުގައި ގާއިމުކޮށް ދުވާލަކަށް 100 ޓަނުގެ މަސް ޕްރޮސެސް ކުރެވޭވަރު ވާނެއެވެ. ފައުޒީ ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ދައުރު ނިމޭއިރު މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތައް އައިސް މަސްވެރިކަމަކީ ބޮޑު ފައިދާއެއްވާ ސިނާއަތަކަށް ހެދިގެންދާނެއެވެ.
މަސްވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދޭއިރު، މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތް މަސްވެރިންވެސް ބަލައިގަނެއެވެ. މަސްވެރިން ބުނާ ގޮތުގައި އަދިވެސް އެމީހުންގެ އިތުބާރު ސަރުކާރަށް އެބައޮތެވެ.
"ހަގީގަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއި މެދު އަޅުގަނޑުމެންގެ އިތުބާރު އެބައޮތް. ނަމަވެސް ދެ އަހަރު އަޅުގަނޑުމެންގެ އަތުން ބީވެގެން މިޔައީ. އެކަމަކު އަޅުގަނޑުމެން މާޔޫސެއް ނުވޭ. ހަގީގަތުގައި މި ދަތި ދަނޑިވަޅުގައި މަސްވެރިންނަށް ބޭނުންވަނީ އަގެއް ނޫން، ދުވަހުން ދުވަހަށް މިބާނާ މަސްކޮޅު ނެގޭނެ އިންތިޒާމެއް" މަސްވެރިންގެ ސައްލާއި ބައިވެރިވި ކެޔޮޅަކު ބުންޏެވެ.
މަސްވެރިކަމަކީ ދިވެހިންގެ އެތައް އާއިލާއަކާ ގުޅިފައިވާ ސިނާއަތަކަށްވާއިރު، ޒަމާނީ ވަސީލަތްތަކާއެކު މަސްވެރިކަންވެސް ވަނީ ޒަމާނީ ވެފައެވެ. ދޯނިތައް ބޮޑެތިވެ، ބާނާ މަސް ވަނީ އިތުރުވެފައެވެ. ހަމައެކަނި ދައްޗަކީ މިހާރު ހުރި ވަސީލަތްތަކުގައި ހުރި ދަތިކަމެވެ. ފެލިވަރާއި ކޫއްޑޫއާއި އަދި އެނޫންވެސް މަސްވެރިކަމުގެ ސިނާއީ ރަށްރަށް ތަރައްގީ ނުވެ ގިނަ އަހަރުތަކެއް ވެފައި އޮތުމެވެ. އެކަން އެހެންވީ ފާއިތުވި އެތައް އަހަރެންގެ އިހުމާލުންނެވެ. މިދިޔަ ސަރުކާރުތަކުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާތަތް ތަރައްގީކުރަން ކިރިޔާވެސް މަސައްކަތެއް ކުރި ނަމަ މިއަދު މި ހާލަތެއް ނުއޮތީއެވެ. މިއަދު މިފްކޯއާއެކު މި ސަރުކާރުގެ އަމާޒަކީ ފެލިވަރާއި ކޫއްޑޫއާއި އަދިވެސް އެހެން ރަށްތަކުގައިވެސް މަސްވެރިކަން ތަރައްގީކޮށް، މަސްވެރިކަމަށް އަލުން ދިރުން ގެނެސްދިނުމެވެ. މަސްވެރީން ބާނާ މަސްކޮޅު ދުވަހުން ދުވަހަށް ގަތުމާއި މަހުގެ އަގު ރަނގަޅު ގޮތުގައި ހިފެހެއްޓުން ވެސް އޮތީ ގުޅިފައި ވަނީ މި ސަރުކާރުން މިފްކޯ ތަރައްގީކުރުމަށް ފަށާފައިވާ ބޮޑު މަޝްރޫއާ އެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް