އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލުން އެންމެފަހުން ލީގުގައި ކުޅުނު ދެ މެޗުވެސް ނިމިފައި ވަނީ އެއްވަރު ވެގެންނެވެ. ރޭ ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗު ގޯލެއް ނުޖެހި އެއްވަރު ވެގެން ނިމުނުއިރު، އޭގެ ކުރިން ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.
ލިވަޕޫލުން 2020 ވަނަ އަހަރު ތާވަލުގެ އެއްވަނައިގައި ނިންމާލި ނަމަވެސް އެންމެފަހުން ދެމެޗުން އެއްވަރުވެ، ދެވަނަގައި އޮތް މެންޗެސްޓާ ޔުނައިޓެޑުން ވަނީ އެޓީމާ ތިން ޕޮއިންޓަށް ގާތް ކޮށްފައެވެ. އެއީ ޔުނައިޓެޑް މެޗެއް މަދުން ކުޅެގެންނެވެ.
ރޭ އެސްޓީ ޖޭމްސް ޕާކްގައި ކުޅުނު މެޗުގައި ލިވަޕޫލްގެ ގިނަ ހަމަލާތަކެއް ބޭކާރުވެގެން ދިޔަތަން ފެނިފައިވެއެވެ. މުހައްމަދު ސަލާހް މުހިއްމު ދެފުރުސަތެއް ބޭކާރު ކޮށްލިއިރު، ސަޑިއޯ މާނޭގެ ގޯލް ކައިރިން ފޮނުވާލި ނުރައްކާތެރި ހަމަލާއެެއް ނިއުކާސަލްގެ ފަބިއަން ޝާ ވަނީ ގޯލްގެ ރޮނގުމަތިން ކަހަލަ ގޮތަކަށް ސާފުކޮށް ބޭރުކޮށްލައިފައެވެ.
މެޗަށްފަހު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފައިވަނީ ތާވަލުގައި އޮންނަ ހިސާބަކީ އެއްވެސް ވަރަކަށް ބަލާނެ ކަމެއް ނޫން ކަމަށެވެ. މި ސީޒަނުގެ ނަތީޖާ، މިހާރު ޓީމުތައް ތާވަލުގައި އޮތް ހިސާބުން ވަޒަން ނުކުރެވޭނެ ކަމަށްވެސް ކްލޮޕް ބުނެފައިވެއެވެ.
"އެއްވަނައިގައި އޮތުމަކީ ހިތްހަމަ ޖެހޭ ކަމެއް. އެކަމަކު އެއީ މާ ބޮޑުކަމެއް ދޭހަވާ ކަމެއް ނޫން. މިސާލަކަށް މިރޭގެ މެޗުން މި އެއްވަރުވީ، އެކަމަކު އަދިވެސް މިއޮތީ ތާވަލުގެ އެއްވަނައިގައި. އެހެންވީމަ އެނގިގެންދަނީ މި ސީޒަންގެ އުނދަގޫކަން. އެންމެނަށްވެސް އޮންނާނެ ގޮތަކީ ލިބޭ ޕޮއިންޓެއް ނެގުން،" ކްލޮޕް ބުނެފައިވެއެވެ.
ކްލޮޕް ބުނެފައި ވަނީ މެޗުން ލިބުނު ނަތީޖާއަކީ އެންމެ ބޭނުންވާ ނަތީޖާއެއް ނޫން ކަމަށާއި، އެހެން ނަމަވެސް ނަތީޖާގެ ސަބަބުން އެއްވެސް މާޔޫސް ކަމެއް ނެތް ކަމަށެވެ. މެޗުގައި ލިވަޕޫލް ކުޅުނު ކުޅުން ރަނގަޅު ނަމަވެސް ނަތީޖާ ނުނެރެވި ދިޔަ ދިޔުން ދެން މެޗަކަށް ރަނގަޅުކޮށް، ނަތީޖާ ނެރެން ވިސްނާނެ ކަމަށްވެސް ކްލޮޕް ބުނެފައިވެއެވެ.
ލިވަޕޫލަށް މި ސީޒަނުގައި އަނިޔާގެ ގިނަ މައްސަލަތަކެއް ދިމާވެފައިވާއިރު، އެ އަނިޔާގެ މައްސަލަތަކާ އެކުވެސް އެޓީމުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. ހާއްސަކޮށް ވާޖިލް ވެންޑައިކާއި ޖޯ ގޮމޭޒް ފަދަ މުހިއްމު ކުޅުންތެރިންގެ އަނިޔާއާއެކުވެސް ލިވަޕޫލުން ވަނީ ލީގާއި ޗެމްޕިއަންސް ލީގުގައިވެސް މުހިއްމު ނަތީޖާތަކެއް ނެރެފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު