ގަތަރު އެއާވޭސް އިން ރާއްޖެއަށް ކުރާ ދަަތުރުތައް އަނެއްކާވެސް އިތުރުކޮށްފިއެވެ.

މީގެ ކުރިން އެ އެއާލައިނުން އައީ ރާއްޖެއަށް ދުވާލަކު ތިން ފްލައިޓު ބާއްވަމުންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލުން ރޭ ކުރި ޓުވީޓެއްގައި ބުނީ، ގަތަރު އެއާވޭސްއިން ރާއްޖެއަށް ދުވާލަކު ހަތަރު ދަތުރު މިހާރު ކުރާނެ ކަމަށެވެ.

އެގޮތުން އެ އެއާލައިނުން އެކަނިވެސް ދުވާލެއްގެ މައްޗަށް 1،110 މީހުން ރާއްޖެ ގެނެވޭނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ޖުލައި 15ގައި ބޯޑަރު އަލުން ހުޅުވާލި އިރު ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރު ފެށީވެސް ގަތަރު އެއާވޭސް އިންނެވެ.

ބޯޑަރު ހުޅުވާލިފަހުން ގިނަ އެއާލައިންތަކުން އަންނަނީ ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ. އެގޮތުން މިހާތަނަށް 25 އަށް ވުރެ ގިނަ އެއާލައިނުން އަންނަނީ ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައި 15 ގައި ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް 165،000 ވުރެ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.