އެއްގަމު އުޅަނދުގެ އަހަރީ ފީ ދެއްކުމުން ދޫކުރުމަށް އާ ސްޓިކާއެއް ތައާރަފުކޮށް އަންނަ މަހުގެ އެކަކުން ފެށިގެން އެއްގަމު އުޅަނދުގެ އަހަރީ ފީ އޮންލައިންކޮށް ދައްކާ ފަރާތްތަކަށް، އޮންލައިންކޮށް ސްޓިކާ ލިބޭނެ އިންތިޒާމް މީރާއިން ހަމަޖައްސައިފިއެވެ.

މީރާ އިން ބުނީ، ޖަނަވަރީ އެކަކުން ފެށިގެން އެއްގަމު އުޅަނދުގެ އަހަރީ ފީ އޮންލައިންކޮށް ދައްކާ ފަރާތްތަކަށް އެ އޮތޯރިޓީން ސްޓިކާ ދޫކުރާނީ އީމޭލް މެދުވެރިކޮށް، އެ ފަރާތުން އަމިއްލައަށް ޕްރިންޓް ކުރެވޭނެ ގޮތަށް ކަމަށެވެ. އަދި އެއްގަމު އުޅަނދުގެ އަހަރީ ފީ މީރާގެ ކައުންޓަރުތަކަށް ދައްކާ ފަރާތްތަކަށް ވެސް ޖަނަވަރީ އެކަކުން ފެށިގެން ޕްރިންޓް ކުރުމަށްފަހު ދޫކުރަން ހަމަޖެހިފައިވަނީ އެ ސްޓިކާ ކަމަށް ބުންޏެވެ.

މީރާ އިން ބުނީ، މާދަމާގެ ނިޔަލަށް ދައްކާފައިވާ ވެހިކަލް ފީއަކާ ގުޅިގެން، އެ ފަރާތުން އެދިއްޖެ ހާލަތެއްގައި މިހާރު ބޭނުންކުރަމުން އަންނަ ސްޓިކާ ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ދޫކުރަމުން ގެންދާނެ ކަމަށެވެ.

އެ އޮތޯރިޓީން ބުނީ، އަހަރީ ފީ ސްޓިކާއަށް ގެނައި ބަދަލާއެކު ފައިސާ ދައްކާ ފަރާތްތަކަށް ސްޓިކާ ހޯދުން ފަސޭހަވުމުގެ އިތުރަށް، ސްޓިކާގައިވާ QR ކޯޑް މެދުވެރިކޮށް ސްޓިކާގެ ސައްހަކަން ބެލޭނެ ގޮތް ހަމަޖެހިފައިވާތީ، ވެހިކަލް ފީ ދައްކައިފައިވާކަން ކަމާބެހޭ އިދާރާތަކުން ބެލުމުގެ ނިޒާމަށް އެކަމުގެ ސަބަބުން އިތުރު ހަރުދަނާކަމެއް އަންނާނެ ކަމަށެވެ.