އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު މިނެޓުގައި މާކަސް ރަޝްފޯޑް ޖެހި ގޯލާއެކު އެޓީމުން ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

ޔުނައިޓެޑުން 1-0ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްފައިވާއިރު، އެ ނަތީޖާއާއެކު ޔުނައިޓެޑަށް 15 މެޗުން 30 ޕޮއިންޓް ލިބިފައިވެއެވެ. އެއްވަނައިގައި އޮތް ލިވަޕޫލްވެސް އެ އަދަދަށް މެޗު ކުޅެފައިވާއިރު، އެޓީމަށް ލިބިފައި ވަނީ 32 ޕޮއިންޓެވެ. މިއީ ސާ އެލެކްސް ފާގަސަންގެ ޒަމާނަށްފަހު ޔުނައިޓެޑުން ތާވަލުގެ އެއްވަނައަށް ލީގުގެ ކުރީކޮޅުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

މެޗު އެއްވަރުވާން ދަނިކޮށް، ރަޝްފޯޑު ފަހު ވަގުތު ޖެހި ގޯލަކީ އޭރިއާ ތެރެއިން ބޯޅަ ހޯދައި، ޑިފެންޑަރު ކައިރިން ނައްޓައިލުމަށްފަހު ކުރިއަށް ފޮނުވާލި ބޯޅައަކުން ޖެހި ގޯލެކެވެ. ރަޝްފޯޑުގެ ބާރު ހަމަލާ ގޯލަށް ވަނީ ވުލްވްސް ޑިފެންޑަރެއްގައި ގައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ.

މެޗުގައި ވުލްވްސްއިން ރަނގަޅު ފުރުސަތުތަކެއް ހޯދައި ޕޮއިންޓަކަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެކަން ހާސިލް ވާ ގޮތެއް ނުވިއެވެ. ސައިސް ބޮލުން ފޮނުވާލި ބާރު ހަމަލާ ޑޭވިޑް ޑެހެއާ މަތަކޮށް ބޭރުކޮށްލިއިރު، މެޗުގައި ލިބުނު އެންމެ ހުސް ފުރުސަތު ލިބުނީ މެންޗެސްޓާ ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭޒްއަށެވެ. އޭނާގެ ހަމަލާގެ ހުރަހަކަށްވީ ވުލްވްސް ކީޕަރު ރުއި ޕެޓްރީޝިއޯއެވެ.

ރޭ އާސެނަލްއިން ބްރައިޓަންއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗު ކާމިޔާބު ކުރީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލް ކާމިޔާބު ކޮށްދިނީ އެލެކްސެންޑްރާ ލަކަޒެޓެވެ.

ލީގުގެ 14 މެޗާ ހަމައަށް އާސެނަލް އޮތީ އުނދަގޫ ހާލަތެއްގައެވެ. މީގެ ދެ މެޗު ކުރިން ރެލިގޭޝަން ޒޯނާ ހަތަރު ޕޮއިންޓް ކައިރީގައި އާސެނަލް އޮތްއިރު، އެ އޮއެވަރު ބަދަލުވީ ހޮނިހިރު ދުވަހުގެ ރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗާއެކުއެވެ. އެ މެޗުގައި އާސެނަލްއިން ތަފާތު ކުޅުމެއް ދައްކައި، 3-1 އިން ޗެލްސީ ބަލިކުރިއެވެ. އެ ފޯމު ރޭގެ މެޗުންވެސް ފެނިގެން ގޮސްފައިވެއެވެ.

މިވަގުތު އާސެނަލްއަށް 16 މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު އޮތީ 13 ވަނައިގައެވެ.