މިއަހަރުގެ އެންމެ ހިތްގައިމު ޖަޒީރާ މަންޒިލްގެ ގޮތުގައި އިންޓަނޭޝަނަލް ޓްރެވަލް އެވޯޑްސްގެ ފަރާތުން ދިވެހިރާއްޖެ ހޮވައިފި އެވެ.
އިންޓަނޭޝަނަލް ޓްރެވަލް އެވޯޑްސް އިންތިޒާމިކޮށްފައިވަނީ ކޭއެސްއޭ ޓޫރިޒަމް މާކެޓިން އެންޑް ޕީއާރް ކޮމްޕެނީގެ ފަރާތުންނެވެ. މި ކުންފުންޏަކީ ދުނިޔޭގެ ފެންވަރުގައި 5،000 ގްލޯބަލް ފަތުރުވެރިކަމުގެ ބްރޭންޑް އިޝްތިހާރު ކުރުމުގައި ދިހަ އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ. އަދި މިއީ ފަތުރެވެރިންގެ އިތުރުން މި ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުގެ މެދުގައި މަގުބޫލު ކުންފުންޏެކެވެ. އެގޮތުން މި އެވޯޑް ތަކަށް ނޮމިނޭޓް ވެފައިވާ ފަރާތްތަކަށް 100،000 އަށް ވުރެ ގިނަ ފަތުރުވެރިން އަދި މި ދާއިރާގެ މާހިރުން ވޯޓް ލާފައިވެ އެވެ.
މި އެވޯޑް ދިނުމުގައި ފަނޑިޔާރުކަން ކުރައްވާފައިވަނީ އެކި އެކި ދާއިރާއިން ހުނަރާއި ތަޖުރިބާ ހުރި ބޭފުޅުންނެވެ.
ކޯވިޑް -19 ގެ ސަބަބުން ދިވެހިރާއްޖޭގައި އަޅާފައިވާ ހަރުދަނާ ރައްކާތެރި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއިން ވަނީ ދުނިޔަވީ ފެންވަރުގައި ފާހަގަ ކޮށްލެވޭ ބައިވަރު އެވޯޑްތަކެއް ހާސިލްކޮށްފަ އެވެ. އެގޮތުން ރާއްޖެއިން ވަނީ މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީން ވެސް ހަތަރު އެވޯޑެއް ކާމިޔާބުކޮށްފަ އެވެ. އެއީ އިންޑިއަން އޯޝަން ލީޑިން ބީޗް ޑެސްޓިނޭޝަން، އިންޑިއަން އޯޝަން ލީޑިން ކްރޫޒް ޑެސްޓިނޭޝަން، އިންޑިއަން އޯޝަން ލީޑިން ޑެސްޓިނޭޝަން އަދި އިންޑިއަން އޯޝަން ލީޑިން ޑައިވް ޑެސްޓިނޭޝަންގެ އެވޯޑެވެ.
ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ތައްޔިބު މުހައްމަދު ވިދާޅުވީ މިފަދަ ޝަރަފުވެރި އިނާމުތަކެއް ލިބުމީ ދިވެހިރާއްޖެއާއި މެދު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަތުރުވެރިންގެ ހިތްތަކުގައި އޮންނަ ލޯތްބާއި ޔަގީންކަން އަންގުވައިދޭ ކަމެއް ކަމަށެވެ.
ތައްޔިބު ވިދާޅުވީ ވިޒިޓް މޯލްޑިވްސްގެ ޓީމާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ އެންމެންވެސް ރާއްޖެ އަކީ އެންމެ ރައްކާތެރި އަދި މަގުބޫލު މަންޒިލްގެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިފަދަ އެވޯޑްތަކަކީ މިކުރާ މަސައްކަތްތަކުގެ ކާމިޔާބީގެ ހެއްކެއް ކަމަށްވެސް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު