ސިނަމާލެ ބުރިޖާ ގުޅިފައިވާ ހައިވޭގައި ދެ އެކްސިޑެންޓު ހިނގައިފިއެވެ.

ފުލުހުން ވަނީ ހައިވޭގައި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަން "ވަން" ކަށަވަރުކޮށްދީފައެވެ. އެގޮތުން ފުލުހުން ބުނީ އެއް އެކްސިޑެންޓު ހިނގީ އެމްބިއުލާންސަކާއި ޕިކަޕެއް ޖެހިގެން ކަމަށެވެ. ފުލުހުން ބުނީ އެ އެކްސިޑެންޓުގެ ރިޕޯޓު ލިބުނީ މިރޭ 8:30 ހާއިރު ކަމަށެވެ.

އެ އެކްސިޑެންޓު ހިނގާފައިވަނީ އެމްބިއުލާންސް، ޕިކަޕެއްގެ ފަހަތުގައި ޖެހިގެންނެވެ. އެ އެކްސިޑެންޓުގައި ދެ އުޅަނދަށްވެސް އެކިވަރުގެ ގެއްލުންތަކެއް ލިބިފައިވާ އިރު، އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

ފުލުހުން ބުނީ، ހައިވޭގައި ދެވަނަ އެކްސިޑެންޓް ހިނގީ ފުރަތަމަ އެކްސިޑެންޓު ހިނގި ސަރަހައްދާ 200 ވަރަކަށް ފޫޓު ދުރުން އެއްކޮޅަށް ދުއްވާފައިދިޔަ ތިން ކާރާއި ޕިކަޕެއް ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓުވެސް ހިނގީ މިރޭ 8:30 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

އެ އެކްސިޑެންޓުގައި އެ ހަތަރު އުޅަނދަަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ އިރު، އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

މި ދެ އެކްސިޑެންޓުގައި ހިމެނޭ ހުރިހާ އުޅަނދެއްވެސް ދުއްވާފައިވަނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހުންނެވެ. ފުލުހުންގެ ޓްރެފިކް މެނޭޖުމަންޓް ޑިޕާޓުމަންޓުން އަންނަނީ އެ ދެ އެކްސިޑެންޓުގެ މައްސަލަ ތަހުގީގުކުރަމުންނެވެ.