ތާޖު އެކްޒޯޓިއާ ރިސޯޓުގެ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ތާޖު ރިސޯޓުގެ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު މިރޭ 8:30 ގައި ލިބިފައިވާ ކަމަށެވެ.

އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި ތާޖު އެކްޒޯޓިއާ ރިސޯޓަށް އެމްއެންޑީއެފްގެ ފަޔާ ޓީމު ދިޔަ އިރު، އެ ރިސޯޓުގެ ފަޔާ ޓީމުން ވަނީ ރޯވެފައިވާ އަލިފާންގަނޑު ނިއްވާލައިފައެވެ.

އެނގިފައިވާ ގޮތުގައި، އަލިފާން ރޯވީ އިންޖީނުގޭގެ ސީލިންގުގައެވެ. އެ ހާދިސާގައި އެއްވެސް އިންޖީނަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި މި ހާދިސާގައި މީހަކަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.