ސްޕެއިންގެ ފޯވަޑް ޑިއޭގޯ ކޮސްޓާ، އެތުލެޓިކޯ މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުން އުވާލައިފިއެވެ.

މިވަގުތު ފްރީ އެޖެންޓެއްގެ ގޮތުގައި ހުރި ކޮސްޓާގެ އެއްބަސްވުން އުވާލިކަން އެތުލެޓިކޯއިން ޔަގީން ކޮށްދީފައިވާ އިރު، ކުރިއަށް އޮތް ޓްރާންސްފާ ސީޒަންގައި އަގަކާ ނުލައި ކޮސްޓާ ގެންދިއުމުގެ ފުރުސަތު ކޮންމެ ޓީމަކަށްވެސް އެބައޮތެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި އޭނާ ފެނުން އެންމެ ގާތީ ޕްރިމިއާ ލީގުގެ ކްލަބަކުންނެވެ.

އުމުރުން 32 އަހަރުގެ ކޮސްޓާ، ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ އަންނަ ހޫނު މޫސުމަށް ނަމަވެސް ކްލަބުން އޭނާގެ އެއްބަސްވުން އުވާލީ އަމިއްލައަށް އެދުމުންނެވެ. ކޮސްޓާ ކްލަބަށް އެދިފައިވަނީ އަމިއްލަ ބައެއް ސަބަބުތަކާ ހުރެ އެތުލެޓިކޯ ދޫކޮށްލަން ބޭނުންވާ ކަމަށެވެ.

އެތުލެޓިކޯއިން ނެރުނު ބަޔާނެއްގައި ބުނީ ކޮސްޓާގެ އެއްބަސްވުން އުވާލަން ކްލަބުން އެއްބަސްވެ، އެއްބަސްވުން އުވާލަން ސޮއިކޮށްފައިވާ ކަމަށާއި ކްލަބަށް ކޮސްޓާ އަދާކޮށްދިން ހިދުމަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

އޮކްޓޯބަރު މަހުން ފެށިގެން ކޮސްޓާ އެތުލެޓިކޯ ޖާޒީގައި ދަނޑުމައްޗަށް ނުކުމެފައި ވަނީ އެންމެ ތިން މެޗަށެވެ. އެއީވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އެތުލެޓިކޯއިން ލީގުގެ އެއްވަނައިގައި އޮތް އިރު، އެޓީމުގެ ފޯވަޑް ލައިނުން މި ސީޒަންގައި އާންމުކޮށް ފެންނަނީ ބާސެލޯނާއިން ކްލަބަށް ބަދަލުވި ލުއިސް ސުއަރޭޒްގެ އިތުރުން ޕޯޗުގަލްގެ ހުނަވެރި ފޯވަޑް ޖައޯ ފެލިކްސްއެވެ.

އެތުލެޓިކޯ މެޑްރިޑުން ވިދާލައި، އިނގިރޭސި ކްލަބު ޗެލްސީއާއެެކު ކާމިޔާބު ތިން އަހަރު ހޭދަކުރުމަށްފަހު ކޮސްޓާ އެނބުރި އެތުލެޓިކޯއަށް ދިޔައީ 2017 ވަނަ އަހަރުއެވެ. އޭރު ކޮސްޓާ ޗެލްސީ ދޫކޮށްދިޔައީ ކޯޗު އެންޓޯނިއޯ ކޮންޓޭއާ މައްސަލަތަކެއް ޖެހިގެންނެވެ. ޗެލްސީއަށް ކުޅުނު 120 މެޗުން ކޮސްޓާ ވަނީ 59 ގޯލް ޖަހައިފައެވެ.

ހަބަރުތައް ބުނާ ގޮތުން އާސެނަލްއާއި ވުލްވްސްއިން އަންނަނީި ކޮސްޓާއަށް ފާރަލަމުންނެވެ. ޖަނަވަރީ މަހުގެ ޓްރާންސްފާ ސީޒަންގައި ކޮސްޓާ ޕްރިމިއާ ލީގަކަށް ދިއުން ވަރަށް ގާތެވެ.