ކޮވިޑް 19އިން ރައްކާތެރިވުމަށް ބްރެޒިލްގައި އެކުލަވާލާފައިވާ އުސޫލުތަކާ ހިލާފަށް، 150 މީހުންނާއެކު އާ އަހަރުގެ ޕާޓީއެއް ބާއްވަން އުޅުނު ކަމަށް ދެކެވޭ ވާހަކަތައް ޕީއެސްޖީގެ ތަރި ނޭމާ ދޮގުކޮށްފިއެވެ.

ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އުމުރުން 28 އަހަރުގެ ނޭމާ ވަނީ އާ އަހަރާ ދިމާކޮށް ޕާޓީއެއް ބާއްވަން ތައްޔާރުވެފައެވެ. ބްރެޒިލްގައި ހުންނަ ނޭމާ ބޮޑު މެންސަނެއްގައި ޕާޓީ ބާއްވަން އޭނާ ރޭވި ކަމަށް ދެކެވުނު ވާހަކަތައް ދޮގުކުރަމުން ނޭމާގެ ފަރާތުން އޭނާގެ ވަކީލު ވިދާޅުވީ ނޭމާގެ ގެ ހިމެނޭ ސަރަހައްދުގައި ބާއްވާ ޕާޓީއަކީ ނޭމާއާ އެއްވެސް ގުޅުމެއް ނެތް ޕާޓީއެއް ކަމަށާއި އެ ޕާޓީއަކީ އަމިއްލަ ކުންފުންޏެއް ކަމަށްވާ އެޖެންސިއާ ފެބްރިކާއިން ބާއްވާ ޕާޓީއެއް ކަމަށެވެ.

"އެއީ ފެބްރިކާގެ އިވެންޓެއް. ނޭމާއާ އެ ޕާޓީއާ އެއްވެސް ގުޅުމެއް ނެތް. ނޭމާ އާ އަހަރުގައި ހުންނާނީ އާއިލާ ގާތުގައި،" ވަކީލު ވިދާޅުވިއެވެ.

އެޖެންސިއާ ފަބްރިކާއިން ބުނެފައިވަނީ އާ އަހަރާ ދިމާކޮށް، ރިއޯގެ ކޮސްޓާ ވާޑޭ ސަރަހައްދުގައި 150 މީހުންގެ ޕާޓީއެއް އެ އެޖެންސީން ބާއްވަން ނިންމާފައިވާ ކަމަށާއި އެ ޕާޓީ ކުރިއަށްދާނީ އާންމު ސިއްހީ ރައްކާތެރިކަމަށް ހެދިފައިވާ ހުރިހާ އުސޫލަކަށް ހަރުކަށިކޮށް އަމަލުކުރުމަށް ފަހުގައި ކަމަށެވެ.

ނޭމާގެ ގެ ހިމެނޭ މަންގަރަތީބާ ސިޓީގައި ފަސް ދުވަހަށް ކުރިއަށްދާ ގޮތަށް ބާއްވާ ޕާޓީއެއްގެ ވާހަކަ މީޑިއާއަށް ތިލަވި ހިސާބުން އެ ޕާޓީއަކީ ނޭމާގެ ޕާޓީއެއް ކަމަށް ބްރެޒިލްގެ ބައެއް ނޫސްތަކުންވެސް ވަނީ ބުނެފައެވެ. ޕީއެސްޖީއަށް ކުޅެމުންދާ ނޭމާ މިވަގުތު އަނިޔާގައި ހުރި އިރު، އޭނާ ދިރިއުޅެމުންދަނީ ބްރެޒިލްގައެވެ.

ބްރެޒިލްގައި މިހާތަނަށް ކޮވިޑް 19ގެ 190،000 ކޭސް ފެނިފައިވާ އިރު، އެގައުމަށްވުރެ ގިނައިން އެ ބަލީގައި މީހުން މަރުވި ހަމައެކަނި ގައުމަކީ އެމެރިކާއެވެ.