އަންނަ އަހަރުގެ ފުރަތަމަ ދުވަހު ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް މާލެ އާއި ވިލިމާލޭގައި ފައިމަގުގައި އުޅޭގޮތަށް ހަމަޖައްސައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ވަނީ މިއަހަރަކީ ކޮވިޑްގެ ސަބަބުން މާލޭ ސިޓީގެ ގިނަ ރައްޔިތުން ފުރަ ބަންދުވެ، ދަތުރުފަތުރު ކުރުން ހުއްޓިފައިވާ ހާލަތުގައި ދުވަސްތައް ހޭދަ ކުރަން ޖެހިފައިވާ އަހަރެއް ކަމަށެވެ. އަދި މިއަދާ ހަމައަށްވެސް އާންމު ހާލަތަށް ނުދެވި ވާތީ މިހާލަތުގައި ތިބި ރައްޔިތުންނަށް ހިތްހަމަޖެހުމެއް ގެނެސްދިނުމަށް ކައުންސިލުން ބޭނުންވާ ކަމަށެވެ.
އެގޮތުން މާލެ އަދި ވިލިމާލޭގައި ފައިމަގުގައި ހިނގާ ވަގުތުކޮޅެއް ހަމަޖައްސައިދިނުމަށްޓަކައި ކައުންސިލުން އަންނަ އަހަރުގެ ޖެނައަރީ މަހުގެ އެކެއްވާ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 8:00 މާލެ އަދި ވިލިމާލޭގައި ފައިމަގުގައި ހިނގާ އުޅޭ ވަގުތެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 8:00އާ ދެމެދު އެއްގަމުގައި ދުއްވާ އުޅަނދުތައް ދުއްވުން މަނާވާނެ ކަމަށް ކައުންސިލުން ބުންޏެވެ.
އެ އެންގުމާ ހިލާފުވާ ފަރާތްތަކާ މެދު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ކައުންސިލުން ބުންޏެވެ.
އީދު ބަންދުތަކާއި އެހެނިހެން މުނާސަބަތުތަކާ ދިމާކޮށް، މީގެ ކުރިންވެސް މާލޭގައި ވަކި ވަގުތުތަކެއްގައި ފައިމަގުގައި ހިނގާފައި އުޅޭ ގޮތަށް ހަމަޖައްސާފައިވެއެވެ.