ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި އެވެ.
ފުލުހުން ބުނީ އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން މިދިޔަ ސެޕްޓެމްބަރު މަހާއި އޮކްޓޫބަރު މަހު ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލާފައިވާ ކަމަށެވެ. އަދި މިއަދު ނައްތާލާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހު ޑާކާ މަގުން ރާއްޖެ އައި ބަންގްލަދޭޝް ރައްޔިތެއްގެ އަތުން ފެނުނު ތިން ކިލޯގެ މަސްތުވާތަކެއްޗާއި މިދިޔަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު ސ.ހިތަދޫ / ފިނިފަރު އަބްދުﷲ އިބްރާޙީމް އާއި އިތުރު ބަޔަކު ބައިވެރިގެން ރާއްޖެ އެތެރެކުރި 79 ކިލޯގެ މަސްތުވަތަކެއްޗާއި، އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހު ދުވަހު ގއ.ވިލިނގިލީ / ލައިޓްހައުސް ޝަހީބް އިބްރާޙީމް އިތުރު ބަޔަކާ ބައިވެރިވެގެން ރާއްޖެ އެތެރެކޮށްފައިވާ 120 ކިލޯގެ މަސްތުވާތަކެތި ކަމަށެވެ.
ފުލުހުން ބުނީ މިއަދު ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 65 އެވިޑެންސްގައި ހިމެނޭ 224 ރަބަރު ޕެކެޓާއި 15،8188.7000 ގްރާމްގެ ހެރޮއިންނާއި 3788.4000 ގްރާމްގެ ކެނަބިހާއި 41090.6000 ގްރާމްގެ މެޓަމްޕެޓަމިން ރެސިމޭޓްގެ އިތުރުން އެހެނިހެން 41 އައިޓަމެއް ކަމަށެވެ. މިއަދު ނައްތާލި މަސްތުވާތަކެތީގެ ބަރުދަނަކީ 203.07 ކިލޯގްރާމެވެ. މި ތަކެތީގެ މަގުމަތީގެ އަގު 203،123،830.00 (203 މިލިއަން) ރުފިޔާއަށް އަރަ އެވެ.
މިތަކެތި ނައްތާލާފައިވަނީ މިއަދު ހެނދުނު ދޫނިދޫގަ އެވެ. މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި އާންމު މީޑިޔާތަކަށާއި އޮބްޒާވަރުންނަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އެގޮތުން އޮބްޒާވަރުންގެ ގޮތުގައި ހަތަރު ފަރާތަކުން ބައިވެރިވެފައިވާ އިރު، މި ހަރަކާތުގެ ތެރެއިން އޮބްޒާވަރުންގެ ސުވާލުތަކަށް ޖަވާބު ދިނުމާއި އޮބްޒާވަރުން ދައްކާ މަސްތުވާތަކެތިން ސާމްޕަލް ނަގައި ޓެސްޓް ކުރުމަށްފަހު އެތަކެތީގެ ބާވަތް ވަނީ ބުނެދީފަ އެވެ.
މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާ މެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލް އެކުލަވާލާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.
ޚަބަރު
ޚަބަރު