ކޮވިޑުގެ އާ ވޭރިއަންޓްގެ ކޭސްތަކެއް އިންޑިއާއިން ފެނިއްޖެއެވެ.

ޔޫކޭ އިން ފެނިފައިވާ ކޮވިޑްގެ އާ ވޭރިއަންޓްގެ ހަ ކޭސްއެއް އިންޑިއާއިން ފެނިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

އިންޑިއާގެ އޮފިޝަލުން ވަނީ ޔޫކޭއިން އެގައުމަށް އައިސްފައިވާ އެ ހަ މީހުން އައިސޮލޭޓްކޮށް ފަރުވާ ދޭން ފަށާފައިވާ ކަމަށް ބުނެފައެވެ. އަދި އެ ހަ މީހުންނާ ކޮންޓެކްޓް ވެފައިވާ މީހުން ހޯދައި ޓެސްޓުތައް ވެސް ވަނީ ކުރަން ފަށައިފައެވެ.

މިދިޔަ މަހު ޔޫކޭ އިން އިންޑިއާއަށް 33،000 މީހުން އެތެރެވެފައިވާ އިރު، އޭގެ ތެރެއިން 114 މީހަކު ކޮވިޑަށް ޕޮޒިޓިވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. އަދި ޕޮޒިޓިވްވި މީހުންގެ ސާމްޕަލްތައް އާ ވޭރިއަންޓަށް ޓެސްޓު ކުރުމުގެ މަސައްކަތް އެގައުމުން ވަނީ ފަށައިފައެވެ.

ޑަބްލިއުއެޗްއޯ އިން ވަނީ ކޮވިޑްގެ އާ ވޭރިއަންޓް ނުރައްކާ ނޫން ކަމަށް ބުނެފައެވެ. ނަމަވެސް މިފަހަރު ފެންނަން ފަށާފައިވާ އާ ވޭރިއަންޓު ފެތުރޭ ނިސްބަތް ހަލުވި ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފައިވެއެވެ.

އިންޑިއާއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 10 މިލިއަނަށްވުރެ މައްޗަށް އަރާފައިވާ އިރު، އެ ގައުމު ވެފައިވަނީ މުޅި ދުނިޔެއިންވެސް ދެވަނައަށް ކޮވިޑުގެ ނުރައްކާ ބޮޑު ގައުމަށް ވެފައެވެ.