މަންމާފުޅާއި ބައްޕާފުޅު ދެއްވި ނަސޭހަތްތަކުގެ ތެރެއިން އެންމެ ހަނދުމަފުޅު ހުންނަވާ އެންމެ މުހިއްމު ނަސޭހަތްޕުޅަކީ، ހަސަދަވެރި ނުވެ، ގާތްކަމާއެކު އެންމެނާއެކު އުޅުމަށް ދެއްވި ނަސޭހަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި، އަޑުން މިއަދު ހެނދުނު ފޮނުވި "ބާއްޖަވެރި ހެނދުނެއް"ގެ ހާއްސަ ޕްރޮގްރާމްގައި އެމަނިކުފާނުގެ މަންމާފުޅާއި ބައްޕާފުޅު ދެއްވި ނަސޭހަތުގެ ތެރެއިން ހަނދާނުގައި އެންމެ ހަރުލާފައި ހުންނަ ނަސޭހަތަކީ ކޮބައިތޯ، އެޕްރޮގްރާމްގެ ޕްރެޒެންޓަރު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ، މީހުންނަށް ހަސަދަވެރި ނުވެ ގާތްކަމާއެކު އުޅުމަށް އެ ބޭފުޅުން އަބަދުވެސް ނަސޭހަތް ދެއްވާ ކަމަށާއި، އެގޮތުން އެންމެ ހަނދާނުގައި ހުންނަ ނަސޭހަތަކީ ވެސް އެއީ ކަމަށެވެ.
"އަޅުގަނޑުގެ ވަރަށް ކުޑައިރު ބައްޕަ ނިޔާވެއްޖެ، ގާތްގަނޑަކަށް އުމުރުން، 15 ވަރަކަށް އަހަރު ވާނީ އެއީ މާލެ ހަމައައިތާ ކައިރީގަ، ބައްޕަ ލިޔުއްވާފައި އޮތް ސިޓީއެއްވެސް އެބައޮތް އަޅުގަނޑުގެ އަތުގައި، އޭގައިވެސް އެވާހަކަ ލިޔުއްވާފައި އެބަ އޮވޭ، އޭގަ ވީހާވެސް ބޮޑަކަށް އެންމެންނާ އެކުގައި އުޅޭށޭ އެއްވެސް މީހަކާ ދޭތެރޭގައި ހަސަދަވެރިކަން ނުބާއްވާށޭ އަދި އާއިލާއާއ އެހެން މީހުންނަށް ވީވަރަކުން އެހީތެރިވެދެވޭތޯ ބަލާށޭ، އެ ހަނދާން އެބަހުރި،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނާ ވާހަކަ ދައްކާ އެންމެނާއި ސިޔާސީ ކަންތައްތަކުގައިވެސް އުޅޭ އެއްމެނަށް ވެސް އެމަނިކުފާނު އެ ނަސޭހަތް ދެއްވާ ކަމަށެވެ.
"އެ ނަސޭހަތް އަޅުގަނޑާ ވާހަކަ ދައްކާ އެންމެނާއި ސިޔާސީ ކަންތައްތަކުގައިވެސް އުޅޭ އެންމެނަށް ދެން، ހަސަދަވެރިކަން ދޫކޮށްލާށޭ، ކިތަންމެ ބޮޑަށް ހިޔާލު ތަފާތުވިޔަސް އެގުޅުން ބާއްވަން ވާނެއޭ އެހެއް ނޫނިއްޔާ އެއަކުން ރަނގަޅު ފައިދާއެއް ނުނިކުންނާނެޔޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު