ރިޕޯޓް

2020- އިންސާނުންގެ ހަގީގީ ސައިޒު ދައްކައިދިން އަހަރު!

އަހުމަދު ސާއިލް އަލީ

މިއަހަރަކީ އެންމެން އެ އަހަރަކަށް އިންތިޒާރު ކުރި އަހަރެވެ. ވިހިވިހީގެ ތަސައްވަރުގެ ވާހަކަ ދައްކާތާ އެތައް އަހަރެއްވިއިރު އެންމެން ވެސް ތިބީ މިއަހަރު ދުނިޔެއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމުގެ އުއްމީދުގަ އެވެ. ޓެކްނޮލޮޖީއާއި ތަރައްގީގެ ސަބަބުންނެވެ. ނަމަވެސް ކަންވީ އެހެނެއް ނޫނެވެ. މިއަހަރު ވެގެން ދިޔައީ އިންސާނުންގެ ސައިޒު ދައްކައިދިން އަހަރަކަށެވެ.

ޗައިނާގެ ވޫހާން އިން 2019 ވަނަ އަހަރުގެ ފަހުކޮޅު ފެނުނު ގޮތް ނޭނގޭ ކުޑަކުޑަ ކޮރޯނާވައިރަސް ބާރު ސްޕީޑުގައި ފެތުރެން ފެށުމާއެކު މުޅި ދުނިޔެ ޖެހުނީ ކުޑަކަކޫމައްޗަށް ތިރިވާށެވެ. ބާރުގަދަ ކަމަށް ބުނާ ގައުމުތަކާއި ފަގީރު ގައުމުތަކާ ތަފާތެއް ނެތެވެ. ބާރު ސްޕީޑުގައި އެތައް ލައްކަ ބަޔަކު މަރުވަމުން ދިއުމާއި އިންތިހާއަށް ބާރު ސްޕީޑުގައި ބަލި ފެތުރެން ފެށުމާއެކު ބަލި ކޮންޓްރޯލް ކުރަން މުޅި ދުނިޔެ ނުކުޅެދުނެވެ. އެތައް ލައްކަ ބަޔަކު އެނދުމަތި ކުރަން ޖެހުނުއިރު ސީދާ ފަރުވާއެއް ނުހޯދުނެވެ. ބަލި ކޮންޓްރޯލް ކުރުމަށްޓަކައި މިނިވަން ދިރިއުޅުން ދޫކޮށް އެންމެން ޖެހުނީ ގޭގައި ބަންދުވާންށެވެ. އޭގެ ސަބަބުން މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް އެތައް ގެއްލުމަކާ ކުރިމަތިލާން ޖެހުނެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މޮޅު ސައިންސުގެ "އަސްލު" މޮޅުކަމެއް ނުފެނުނެވެ.

މިހާތަނަށް 80 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހުނުއިރު 1.76 މިލިއަން މީހުން ވަނީ މަރުވެފަ އެވެ. އެމެރިކާފަދަ ސިއްހީ ގޮތުން ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކު ދަނީ މަރުވަމުންނެވެ. އެކަމެއް ނުހުއްޓުވުނެވެ. ކޮވިޑް-19އިން ފަސޭހަވީ މިހާތަނަށް 45.7 މިލިއަން މީހުންނެވެ. ރާއްޖޭން ކޮވިޑް-19އަށް 13،644 މީހުން ޕޮޒިޓިވްވިއިރު 48 މީހުން ވަނީ މަރުވެފަ އެވެ.

ރާއްޖެ މަޝްހޫރު ވެފައިވަނީ ދުނިޔެމަތީގެ ސުވަރުގޭގެ ގޮތުގަ އެވެ. މިގައުމަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ މި ގައުމުގެ ރީތިކަން ދެކިލަން އަންނަ ޓޫރިސްޓުންގެ ފަރާތުންނެވެ. އެމީހުންނަށް ރާއްޖޭގެ ގުދުރަތީ ރީތިކަން ވިއްކައިގެންނެވެ. ކޮވިޑް-19އާއެކު މުޅި ދުނިޔެ ބަންދުވުމާއެކު ރާއްޖޭގެ ރިސޯޓްތައް ވެސް ޖެހުނީ ބަންދު ކުރާށެވެ. ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ބޭނުން ކުރި ރިސޯޓްތައް ފިޔަވައި އެހެން ރިސޯޓްތަކުގައި ޖެހުނީ ބޮޑުތަޅު އަޅުވާށެވެ. އޭގެ ސަބަބުން އެތައް ހާސް މުވައްޒަފުންގެ ވަޒީފާ ގެއްލިގެންދިޔަ އެވެ.

ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ހުރިހާ އުފާތަކެއް ދޫކޮށް ގިނަ ދުވަސްތަކެއް ވަންދެން ގިނަ ބަޔަކު ގޭގައި ބަންދުވެ ތިބެން ޖެހުނެވެ. އޭގެ ސަބަބުން ވިޔަފާރިތަކަށް ނޭދެވޭ އަސަރު އިންތިހާއަށް ކުރި އެވެ. ވިޔަފާރިތަކަށް ވީ ގެއްލުން ކުޑަ ކުރަން ގިނަ ތަންތަނުން މުވައްޒަފުންތަކެއް ވަކި ކުރިއިރު އަނެއްބައި ތަންތަނުން މުވައްޒަފުންގެ މުސާރައިން ބޮޑުބައެއް އުނިކުރި އެވެ. އެކަމުގެ ސަބަބުން އާއިލާތަކަށް ނޭދެވޭ އަސަރުތަކެއް ކުރި އެވެ. އާމްދަނީ ދަށްވެ އަނބިދަރީން ގޮވައިގެން މާލޭގައި އުޅެވޭނެ އެއްވެސް ގޮތެއް ނެތިގެން އެތައް އާއިލާއެއް ރަށްރަށްވެސް ވެސް ބަދަލުވާން ޖެހުނެވެ.

ކޮވިޑް-19 އާ ހެދި ރާއްޖެ އާއި އެހެން ގައުމުތަކުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދީ ކުރިއެރުން 51 ޕަސެންޓު ދަށްވި އެވެ. ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިސްކްސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޓޫރިޒަމަށް އައި ހީނަރުކަމާ އެކު އިގުތިސާދީ އެހެން ހަރަކާތްތައް ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. ދަތުރުފަތުރާއި މުވާސަލާތީ ހިދުމަތްތަކުގެ ދާއިރާ އިން 6.8 ޕަސެންޓު، ހޯލްސޭލް އަދި ރީޓޭލް ވިޔަފާރީގެ ދާއިރާއިން 4.0 ޕަސެންޓު ވަނީ ދަށަށް ގޮސްފަ އެވެ. އެއާއެކު ގައުމަށް ލިބޭ އާމްދަނީ ވެސް ވަނީ ބޮޑުތަން ދަށްވެފަ އެވެ.

ތައުލީމު ހާސިލް ކުރުމާއި މިނިވަންކަމާއެކު ހިތް އުފާ ކުރުމާއި އަޅުކަން ކުރުމުގެ މިނިވަން ކަމަށް ވެސް ކޮވިޑް-19 ގެ ސަބަބުން ހުރަސް އެޅުނެވެ. ސްކޫލްތަކާއި ޔުނިވާސިޓީތައް ބަންދު ކުރަން ޖެހުމުން އެކަމުގެ ނޭދެވޭ އަސަރު އެތައް ބަޔަކަށް ކުރި އެވެ. އޮންލައިންކޮށް ކިޔަވައިދިން ނަމަވެސް އެންމެ އެދެވޭ ނަތީޖާއެއް ނުލިބެ އެވެ. މިހާ ތަރައްގީ ވެފައިވާ ދުނިޔެއެއްގައި އެންމެ މުހިންމު އެއް ހައްގު ކަމަށްވާ ތައުލީމް ހާސިލް ކުރުމަށް ވެސް މިއަހަރު ގިނަ ހުރަސްތަކެއް އެޅުނެވެ.

މާލެ އާއި އަތޮޅުތެރޭން ވެސް ކޮވިޑް-19 ފެނުނު ރަށްރަށުން ގިނަ ދުވަސްތަކަކަށް މިސްކިތްތައް ބަންދު ކުރި އެވެ. މިއަހަރުގެ ރޯދަ މަސް ވެސް އެއްކޮށް ދިޔައީ މާލޭގެ މިސްކިތްތައް ބަންދުކޮށްގެންނެވެ. އޭގެ ކުރީއަހަރުތަކުގައި ބޮޑެތި ޖަމާއަތްތަކުގައި ކޮށް އުޅުނު ނަމާދުތަކަށް ހުރަސް އެޅި ގޭގައި އަޅުކަން ކުރަން ޖެހުނީ އެވެ. މިނޫނީ ރާއްޖީގެ މުޅި ތާރީހުގައިވެސް މިސްކިތްތައް ބަންދުކޮށްފައެއް ނުވެއެވެ.

ކޮވިޑް-19އަށް ވެކްސިން ލިބި މުޅި ދުނިޔެ މަސައްކަތް ކުރަމުން އަންނަނީ މި ބަލި މަޑުކަމުން އަރައިގަނެވޭތޯ އެވެ. އެންމެން އެ އަހަރަކަށް އިންތިޒާރުކުރި 2020 ވީ މުސީބާތުގެ އަހަރަކަށެވެ. އިންސާނުންގެ ސައިޒު ރަނގަޅަށް ވެސް ދައްކައިދީފި އެވެ.