މާލޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން 50 އިންސައްތައަށް ވުރެ ގިނަ މީހުންނަކީ އެކަނިވެރިކަމާއި ޑިޕްރެޝަން ތަހައްމަލު ކުރާ މީހުން ކަމަށް ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ކުރި ދިރާސާއަކުން ދައްކައިދިއެވެ.
މޯލްޑިވްސް ނެޝަނަލް ޖާނަލް އޮފް ރީސާޗްގެ އަށްވަނަ ވޮލިއުމްގެ ދެވަނަ ނަންބަރުގައި ޝާއިއުކޮށްފައިވާ މި ދިރާސާއަކީ މާލޭގައި އުޅޭ ދުވަސްވީ މީހުންގެ ދުޅަހެޔޮކަން ބެލުމަށްޓަކައި ކުރިއަށްގެންދިޔަ ދިރާސާއެކެވެ. ގައުމީ ޔުނިވާސިޓީއާއި ވިލާ ކޮލެޖް ގުޅިގެން ކުރިއަށްގެންދިޔަ މި ދިރާސާގައި މާލޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުން އެކަށީގެންވާ އިޖުތިމާއީ ގުޅުން ބާއްވާ މިންވަރާއި އެކަނިވެރިކަމާއި ޑިޕްރެޝަނާ ހުރި ގުޅުން ބަލާފައިވެއެވެ.
"ވެލް-ބީން އޮފް އެލްޑަލީ ލިވިން އިން މާލެ ސިޓީ މޯލްޑިވްސް: ޕްރިވަލެންސް އެންޑް ރިލޭޝަންޝިޕް ބިޓްވީން ސޯޝަބިލިޓީ، ލޯންލިނެސް އެންޑް ޑިޕްރެޝަން"ގެ ނަމުގައި ކުރިއަށްގެންދިޔަ މި ދިރާސާގައި އުމުރުން 65 އަހަރާއި 75 އަހަރާ ދެމެދުގެ 312 މީހުން ބައިވެރިކޮށްފައިވެއެވެ. އެއީ 152 އަންހެނުންނާއި 161 ފިރިހެނުންނެވެ. ދިރާސާގައި ބުނީ، އެ ދިރާސާއަށް ބޭނުންވާ މައުލޫމާތު އެއްކުރީ ރެންޑަމްކޮށް ހޮވާލެވިގެން އިންޓަވިއު ކުރި މީހުން ދިން މައުލޫމާތުން ކަމަށެވެ. މާލޭގައި އެ ދިރާސާ ކުރީ ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ބޮޑު އިންސައްތައެއް މާލޭގައި ދިރިއުޅޭތީ ހުރިހާ އަތޮޅެއްގެ މީހުންވެސް ދިރާސާގައި ހިމެނުމަށެވެ.
ދިރާސާއިން ދައްކާ ގޮތުގައި މާލޭގައި އުޅޭ ދުވަސްވީ މީހުންގެ 56.1 އިންސައްތަ މީހުން ޑިޕްރެޝަން ތަހައްމަލު ކުރެއެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ސެވިއާ ޑިޕްރެޝަން ތަހައްމަލު ކުރާ މީހުންނެވެ. އެގޮތުން 29.2 އިންސައްތަ މީހުން ސެވިއާ ޑިޕްރެޝަން ތަހައްމަލު ކުރާއިރު، މޮޑަރޭޓް ޑިޕްރެޝަން ތަހައްމަލު ކުރަނީ 3.2 އިންސައްތަ މީހުންނެވެ. މައިލްޑް ޑިޕްރެޝަން ތަހައްމަލު ކުރަނީ 23.7 އިންސައްތަ މީހުންނެވެ.
މީގެ އިތުރުން މާލޭގައި އުޅޭ ދުވަސްވީ މީހުންގެ 55.5 އިންސައްތައަކީ އެކަނިވެރިކަން ތަހައްމަލު ކުރާ މީހުން ކަމަށާއި 64 އިންސައްތަ މީހުންނަކީ އެކަށީގެންވާ އިޖުތިމާއީ ގުޅުން ބާއްވާ މީހުން ކަމަށް ދިރާސާއިން ދައްކައެވެ.
ދިރާސާގައި ބައިވެރިވި އެންމެންނަކީވެސް ލިޔަންކިޔަން ދަންނަ މީހުންނެވެ. އޭގެ ތެރޭގައި ގްރޭޑް 7 ނިންމާފައިވާ 108 މީހަކާއި ގްރޭޑް 8 ނިންމާފައިވާ 34 މީހަކާއި ގްރޭޑް 9 ނިންމާފައިވާ 18 މީހަކާއި ގްރޭޑް 10 ނިންމާފައިވާ 36 މީހަކާއި އޭ ލެވެލް ނިންމާފައިވާ އަށް މީހުން ހިމެނެއެވެ.
ދިރާސާގައި ބުނީ، އުމުރުން ދުވަސްވީ ގިނަ މީހުންނަކީ ނަފްސާނީ ކަންކަން ތަހައްމަލު ކުރާ މީހުން ކަމަށްވާ އިރު، އެމީހުންނަށް ފަރުވާ ދޭން ސަޕޯޓް ސިސްޓަމްތަކާއި ޕްރޮގްރާމްތައް ތައްޔާރުކުރަން ޖެހޭ ކަމަށެވެ.
ދެހާސް އަށާރަ ވަނަ އަހަރު ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި މާލޭގައި 65 އަހަރުން މަތީގެ 2،500 އަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ. އޭގެ ތެރޭގައި ގިނައީ އުމުރުން 65 އަހަރާއި 75 އަހަރުގެ މީހުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު