މި ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަހަކު ދޮޅު ދަނޑު ގާއިމް ކުރަމުން ގެންދަވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ލޮނުޒިޔާރަތްކޮޅުގައި ރޭ ފުޓްސަލް ދަނޑު ހުޅުވުމަށް ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި، ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އެ ކުރައްވަމުން ގެންދަވާ މަސައްކަތާ ދޭތެރޭ ވިސްނާލާއިރު، އެމަނިކުފާނުގެ ވަޒީރު ކަމުގެ ހޭދަވި 25 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި މަހަކު ދޮޅު ދަނޑު ގާއިމްކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރުން ޒުވާނުންނަށްޓަކައި ކުރައްވާ މަސައްކަތްތަކުގެ ހަލުވި މިން، މިކަމުންވެސް ދޭހަވާ ކަމަށް ވިދާޅުވި އެވެ.
ކޮވިޑުގައި މުޅި ރާއްޖެ ބަންދު ވެ، އެންމެން ގެދޮރުގައި ބަންދުވެފައި ކަންކުރެވޭނެ އެއްވެސް ގޮތެއް ނެތި މުޅި އަހަރުގެ ބޮޑުބައި ދިޔަ ނަމަވެސް މިނިސްޓަރު މަހުލޫފު އަވަދިނެތި އުޅުއްވީ ދަނޑުތައް ގާއިމްކުރައްވައި ރާއްޖޭގެ ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް ފަތުރުއްވުމަށް ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 80 އަށްވުރެ ގިނަ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ހިނގަމުންދާ ކަމަށާއި މިއީ މަދު އަދަދެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
މި ރަސްމިއްޔާތަށްފަހު ޔޫތު މިނިސްޓްރީގެ ޓީމާއި، ކްލަބް ޕީކޭ އާއި ދެމެދު ވަނީ އެކުވެރިކަމުގެ ފުޓްސަލް މެޗެއް ކުޅެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު