ސަޕޯޓަރުންގެ ފަރާތުން ލިބޭ ނަފުރަތާއި، އުނދަގޫ ކުރުންތަކަކީވެސް ކުޅުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ކޮވިޑް 19 ގެ ނުރައްކަލާއެކު ސަޕޯޓަރުން ދަނޑުތަކަށް ވެއްދުން ހުއްޓާލާފައި އޮތްއިރު، ބައެއް ލީގުތަކުގައި މިހާރު މަދުމަދުން ސަޕޯޓަރުން ވައްދަން ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ. އެންމެ ވަރުގަދަ ލީގު، އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތަކަށްވެސް މިހާރު ވަނީ މަދު އަދަދަކަށް ސްޕޯޓަރުން ވައްދަން ފަށައިފައެވެ. ގާތްގަނޑަކަށް 2000 ސަޕޯޓަރުން މެޗުތަކަށް ވައްދަން ފަށާފައިވާއިރު، ސަޕޯޓަރުންގެ އެންމެ ބޮޑު ސަމާލުކަމެއް ހުއްޓޭ ރޮނާލްޑޯ ބުނެފައި ވަނީ ސަޕޯޓަރުން ނެތި ކުޅެން ޖެހުމަކީ މާޔޫސް ކަމެއް ކަމަށެވެ.

"ހުސް ސްޓޭޑިއަމްއެއްގައި ކުޅުމަކީ ވަރަށް ފޫހި ކަމެއް. އެކަމަކު އެއީ ގަބޫލުކުރަން ޖެހޭ ކަމެއް. ސިއްހީ ހުރިހާ ޕްރޮޓޮކޯލަކަށް ސަމާލުވާން ޖެހޭނެ. އަހަރެން ތެދަށް ބުނަންޏާ ކޮންމެ ސަޕޯޓެއްވެސް ގަޔާވޭ. ފުޓުބޯޅައަކީ އަހަރެން އެންމެ ލޯބިވާ ކުޅިވަރު. އެހެންވީމާ ސަޕޯޓަރުން ބޫ ކުރިޔަސް، ތަރުހީބު ދިނަސް، ސަޕޯޓަރުންނާއި އާއިލާ ދަނޑަށް ވަދެ މެޗު ބެލުމަކީ ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުން،" ގްލޯބް ސޮކާ އެވޯޑްސްއިން މިދިޔަ 100 އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އެރުވި ރޮނާލްޑޯ ބުނެފައިވެއެވެ.

ރޮނާލްޑޯ ބުނެފައި ވަނީ އުންމީދަކީ 2021 ވަނަ އަހަރު ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭނެ ގޮތް ވުން ކަމަށާއި، އާއިލާގެ ހުރިހާ މެންބަރުން، ހާއްސަކޮށް ދަރިންނަށް ދަނޑަށް ވަދެ މެޗު ނުބެލޭތީ ކުދިންގެ ޝަކުވާ އަންނަ ކަމަށެވެ، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރަށް ހޯދާފައިވާ ރޮނާލްޑޯއަކީ ދުނިޔޭގެ ތާރީހުވެސް ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ.