(26 ޑިސެމްބަރުގެ އަދަދާ ގުޅޭ)
رشـيـد ވަރަށް ބާރު އަޑުފުޅަކުން ވިދާޅުވިއެވެ. "އޭނާ މިތަނަށް ވެދެވަޑައިގަންނަވާން ހުއްދަ ހޯއްދަވާން ޖެހިވަޑައިގަންނަވާނެ ވާހަކަ އަހަރެން ބުނީ ކޮންއިރަކުތަ؟"
ޚާދިމާ ފަސްފަހަތަށް ބޭރަށް ނުކުމެއްޖެއެވެ. އިރުކޮޅެއްފަހުން زيـاد އެތެރެއަށް ވެދެވަޑައިގެންފިއެވެ.
"މާފުކުރައްވާ! އަޅުގަނޑު ހީކުރީ މަނިކުފާނު އަވަހާރަފުޅު ލައްޕަވައިފާނެކަމަށް. އެހެންވެ ޚާދިމާ ފޮނުވައިގެން ޚަބަރު ބަލައިލުން ރަނގަޅުވާނެ ކަމުގައި އަޅުގަނޑު ހިތަށް ފެނުނީ!"
"އެންމެ ރަނގަޅު! ކޮން ޚަބަރެއްތޯ ގެންނެވީ؟"
زيـاد ޖަވާބު ދެއްވިއެވެ. "ޚަބަރަކީ މާހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ޒާތުގެ ޚަބަރެއް ނޫން.
އަޅުގަނޑު ދަންނަން އޭނާއަކީ ވަރަށް ގޮތްދޫނުކުރައްވާ ބޭފުޅެއް..... އިށީނދެވަޑައިގަންނަވާ!"
زيـاد ގޮނޑިއެއްގައި އިށީނދެވަޑައިގަންނަވަމުން ވިދާޅުވިއެވެ. "ގޮތްދޫނުކުރެއްވުމަށްވުރެވެސް އޭނާ މޮޔަފުޅީ އިނގޭތޯ. އަޅުގަނޑުގެ ފަރާތުން ހުރިހައި މަސައްކަތްތަކެއް ކުރެވިއްޖެ. އެކަމަކު އޭނާ ގަބޫލެއް ނުކުރައްވާ!"
"އަޅުގަނޑު ޤުރުޠުބާގެ ގަވަރނަރަކަށް ދާވާހަކަވެސް زيـاد ވިދާޅުވީމުތޯ؟"
"އާދެ! އެކަމަކު އޭނާ ވިދާޅުވީ މަނިކުފާނު މުޅި އަންދަލުސުގެ ވެރިޔާ ކަމުގައި ވެވަޑައިގެންނެވި ކަމުގައިވިޔަސް އޭނާގެ ޖަވާބަކީ އެއީ ކަމަށް."
"އެއީ އަނެއްކާ ކީއްވެގެންބާ؟" رشـيـد ގޮނޑިއެއް ކައިރިކޮށްލައްވައިފައި زيـاد ގެ އަރިހުގައި އިށީނދެވަޑައިގަންނަވަމުން ސުވާލު ކުރެއްވިއެވެ.
"އޭނާ ވިދާޅުވީ އޭނާ ސަރުކާރުގެ ވަޒީފާއެއް އަދާކުރައްވަނީ ކަމަށާއި، އޭނާގެ ކޮއްކޮގެ އަބުރު ވިއްކައިނުލައްވާނެ ކަމުގައި."
"އެހެންވީއިރު އޭނާ ދެކެވަޑައިގަންނަވަނީ އަޅުގަނޑު އޭނާގެ ކޮއްކޮއާ ކާވެނިކުރުމަކީ ކޮއްކޮގެ އަބުރު ގެއްލުންކަމަށްތޯ؟ އަންދަލުސުގެ ރަސްމަތިފުށުގެ އާއިލާތަކުގެ އެތައް އަންހެންކުދީންނެއް އަހަރެން އެކުދީންނަށް ކާވެނީގެ ޢިއްޒަތްދިނުން އެދިތިބި ވާހަކައެއް ވިދާޅެއް ނުވަމުތޯ؟"
زيـاد ވިދާޅުވިއެވެ. "ޝެހެޒާދާ! ތިޔަހުރިހައި ކަމެއްވެސް އޭނާއަށް އެނގިވަޑައިގަންނަވާ. މައްސަލައަކީ އޭނާގެ މޮޔަފުޅުކަން. މޮޔަކަމަކީ އެކަމުގެ ބޭހެއް އޮތްކަމެއް ނޫނެއްނޫންތޯ؟ އަޅުގަނޑު ހައިރާންވަނީ މަނިކުފާނު إدريـس ގެ ކޮއްކޮޔާހުރެ ތިޔަހައި ބޭޤަރާރު ވެވަޑައިގަންނަވާ ސަބަބަކާމެދު، މަނިކުފާނު ބޭނުންފުޅިއްޔާ އަންދަލުސުގެ ބޭރުންވެސް އެތައް ރަސްރަސްކަލުންނެއް މަނިކުފާނާ ގުޅުން އުފެއްދެވުމަކީ ފަޚުރެއްކަމުގައި ދެކެވަޑައިގަންނަވާނެ. ތިޔަ ميـمــونـة އާމެދު އަޅުގަނޑު ކަންބޮޑުވަނީ إدريـس ގަބޫލުފުޅުވިޔަސް މަނިކުފާނުގެ އަނބިކަނބަލަކަށް އޭނާ ހައްދަވަން ރަސްގެފާނު ގަބޫލުފުޅު ވެވަޑައިނުގަންނަވާނެތީ."
رشـيـد ވިދާޅުވިއެވެ. إدريـس ގަބޫލުފުޅުވެވަޑައިގެންފިނަމަ ދުވަސްކޮޅަކު ހިފަހައްޓަވައިލައްވައިފައިވެސް ބައްޕާފުޅު ރުހިވަޑައިގެންފާނެކަމުގެ ޔަގީންކަން މަންމާފުޅަށް އެބައޮތް. އަނެއްކާ ޤުރުޠުބާގެ ގަވަރަނަރަކަށްވީމާ އަޅުގަނޑުގެ ހައިސިއްޔަތުވެސް ތަފާތުވާނެ. އަޅުގަނޑަށް ބައްޕާފުޅަށް މަޖުބޫރުވެސް ކުރެވިދާނެ. އެކަމަކު إدريـس ގަބޫލުފުޅު ނުވަންޏާ އެއީ ބައްޕާފުޅަށް ދެއްކެވިދާނެ ވަރުގަދަ ބަހަނާއެއް!"
زيـاد ވިދާޅުވިއެވެ. "ޝެހެޒާދާ! ކުށަކަށް ނުވަންޏާ އަޅުގަނޑު ސުވާލެއް ކޮށްލަންތޯ؟ އަނެއްކާ އެކުއްޖާގެ ކިބައިން މަނިކުފާނަށް ފެނިވަޑައިގެން ތިޔަ އުޅުއްވާ ފުރިހަމަ ކަމަކީ ކޮބައިތޯ އަޅުގަނޑަށް ސުވާލު ކުރެވިދާނެތޯ؟ އަޅުގަނޑު ދެކޭގޮތުގައި ތިޔަ ކަމަކީ ޙަޔާތުގައި ކުރިމަތިވާ އެހެންވެސް ހިތްނުރުހޭ ކަންތައްތައްކަހަލަ ކަމެއް. ރަސްގެފާނު ފަހަރެއްގައި ތިޔަ ކާވެނިފުޅު ގަބޫލުކުރެއްވިޔަސް މަނިކުފާނު ޢިއްޒަތްތެރި އެތައް އާއިލާތަކެއްގެ ބޭފުޅުން އެއްކިބާ ކުރައްވައިފައި ވަރަށް އާދައިގެ ހައިސިއްޔަތެއްގެ އާއިލާއެއްގެ އަނބިކަނބަލަކު އޭނާގެ ޅީދަރިކަނބަލަކަށް ހެއްދެވިކަމުގެ ހިތާމަފުޅު އަބަދަށް ދެމިހުންނާނެ!"
رشـيـد ވަރަށް ދެރަފުޅުވެފައި ވިދާޅުވިއެވެ. "زيـاد ميـمــونـة އަކީ އާދައިގެ ކުއްޖެއް ނޫން. އަޅުގަނޑަކަށް އެ ޅަޅަ މޫނުފުޅު ފަހަރެއްގައިވެސް ހަނދާން ނައްތައެއް ނުލެވޭނެ. އެމޫނުފުޅުގައި ލަދުވެތިކަމާއި ކޯފާގެ ރަތް ދޮންކުލައިގެ ރާޅުތައް ދުވެދުވެހުރި. އަޅުގަނޑުގެ ކުރިމަތީގައި އަންހެންކުދީންތަކެއް އޭނާގެ މޫނުފުޅުގައި އޮތް ބުރުގާކޮޅު ދަމައިގަތުމާއެކު އޭނާގެ ލޯފުޅުގައި އުފެދިގެންދިޔަ ވިދުވަރު زيـاد އަކަށް ފެނިވަޑައެއް ނުގަންނަވާނެ. އަޅުގަނޑަށް ހީވީ އޭނާ ކީރިތި ކުރައްވަން ފައްޓަވާނެކަމަށް. ނަމަވެސް މިގަނޑުވަރުގެ ސިޑިމަތީން އަޅުގަނޑު އޭނާއަށް ހުރަސް އެޅުމުން އޭނާގެ ކިބައިގައި އަންހެން ސިންގާއެއްގެ ހިތްވަރު އުފެދުނު ގޮތެއްވެސް ނޭނގުނު. އަޅުގަނޑަކަށް އޭނާ ހަނދާން ނައްތައެއް ނުލެވޭނެ. އޭނާ ދޫކޮށެއްވެސް ނުލެވޭނެ. މިކަންތައް ވާނީ އަޅުގަނޑުގެ ޙަޔާތުގެ އެންމެބޮޑު ނާކާމިޔާބީ ކަމުގައި! މި ނާކާމިޔާބީގެ އިޙުސާސް މިކުރެވެނީވެސް އަޅުގަނޑުގެ ވަރަށް އާދައިގެ ނޯކަރެއްގެ ކޮއްކޮއެއްގެ ކިބައިން. އެއީ އަޅުގަނޑަށް ކުރާ ހިތި އަސަރު އެތައް ގުނައެއް ވަރުގަދަކޮށްދޭ ކަމެއް. زيـاد! ތިޔައީ އަޅުގަނޑުގެ ރަޙުމަތްތެރިއެއް. އަޅުގަނޑު ކަލާގެ އެހީފުޅު ބޭނުން. އެކުއްޖާގެ އަތުން ބަލިވެއްޖެކަން ގަބޫލުކުރަން زيـاد އަޅުގަނޑަށް މަޝްވަރާ ނުދެއްވާ. ކޮންމެ އަގެއްގައިވެސް އަޅުގަނޑު އޭނާ ހޯދާނަން!"
زيـاد ވިދާޅުވިއެވެ. "މަނިކުފާނު މި މައްސަލަޔަށް ތިޔަހައި އަހަންމިއްޔަތު ދެއްވާކަމެއް މީގެ ކުރިޔަކު އަޅުގަނޑު ނުދެނަހުރިން. އެހެންނޫންނަމަ!"
"އެހެންނޫންނަމަ ހައްދަވާނީ ކިހިނަކުންތޯ؟" رشـيـد ގެ ހިތްޕުޅުގައި ކޮންމެވެސް މިންވަރަކަށް އުންމީދު އާލާވެގެން ދިއުމާއެކު ސުވާލު ކުރެއްވިއެވެ.
"ތިޔައީ އެއްގޮތަކަށްވެސް އުނދަގޫ މައްސަލައެއް ނޫން!"
"މާތް اللّـه އަށްޓަކައި ވިދާޅުވެބައްލަވާ! މިއީ އަޅުގަނޑުގެ މަރާއި ދިރިހުރުމާބެހޭ މައްސަލައެއް!"
زيـاد ހިނިފުޅުވަޑުވައިލައްވައިފައި ވިދާޅުވިއެވެ. "އަޅުގަނޑަށް މިހާރު ވިސްނިއްޖެ. ތިޔައީ ހަމަ މަނިކުފާނުގެ ދިރިހުންނެވުމާ އަވަހާރަވުމާ އެއްވަރުގެ މައްސަލައެއް. އެދުވަހުގެ ހާދިސާއިން މަނިކުފާނުގެ ހިތްޕުޅުގައި ޣީރަތު އުފެދުނީ މަނިކުފާނު ބޭނުންފުޅުވަނީ އެކަމުގެ ބަދަލު ހިއްޕަވަން."
"އެންމެ ރަނގަޅު! ތިޔަހެންކަމަށްވިޔަސް ހެޔޮ. އެކަމަކު މާތް اللّـه އަށްޓަކައި ވިދާޅުވެބައްލަވާ. މި މައްސަލައިގައި زيـاد ހައްދަވާނީ ކިހިނަކުންތޯ؟"
زيـاد ވިދާޅުވިއެވެ. "ބައްލަވާ! މިހާރު މިމައްސަލަ މަހާރަދުންގެ އަރިހަށް ހުށަހެޅުއްވުމުގެ ބޭނުމެއްނެތް. މަނިކުފާނު ވިދާޅުވޭ. މަނިކުފާނު ޤުރުޠުބާއަށް އަޅުގަނޑު ބޭނުންފުޅުކަމަށް. އަޅުގަނޑު އޭނާ ޤުރުޠުބާއަށް ފޮނުވުމުގެ އިންތިޒާމު ހަމަޖައްސާނަން. އެއަށްފަހު އޭނާ އިންނަވާނީ މަނިކުފާނުގެ އިޚުތިޔާރުގެ ދަށުގައި. ބޭނުންފުޅުވެއްޖެ ހިނދެއްގައި إدريـس ވެސް ރުއްސިދާނެ. އެހެންނޫނީ ޤުރުޠުބާގެ ކިއްލާއަކުން އޭނާގެ އަޑުފުޅެއް ބޭރަކަށް ނުނިކުންނާނެ!"
"إدريـس މިރަށުގައި ހުންނަވަނިކޮށް އޭނާގެ ކޮއްކޮ ވަގަށް ނަގާނީ ކިހިނަކުންތޯ؟"
زيـاد ޖަވާބު ދެއްވިއެވެ. "އަޅުގަނޑު ތިޔަކަމާވެސް ވިސްނައިފިން. މާދަމާ ޚަޒާނާއާބެހޭ ވަޒީރު އަލްފާންސޫގެ އަރިއަހަށް ޖިޒީ ހިއްޕަވައިގެން ވަޑައިގަންނަވާނެ. އޭނާގެ އަރިހުގައި إدريـس ގެންދަވަން މަނިކުފާނު އޭނާއަށް މަޝްވަރާ ދެއްވާ! ޚަޒާނާއާ ބެހޭ ވަޒީރަށް މަނިކުފާނުގެ މަޝްވަރާ ރައްދެއް ނުކުރެއްވޭނެ. މަނިކުފާނަށް އޭނާއަށް އަމުރުވެސް ކުރެއްވިދާނެ. އަދިއެއް މިރޭގެ މަހެފިލެއް ނުނިމޭ. މަނިކުފާނު މިހާރު ވަޑައިގެން އޭނާއާ ވާހަކަ ދައްކަވާ. އޭރުން ދުވަސްކޮޅަކަށް إدريـس ރަށުންބޭރަށް ފޮނުވައިލެވިދާނެ. އޭނާއަށް އެނބުރި ވަޑައިގެންނެވޭއިރު އަޅުގަނޑުމެން ميـمــونـة ޤުރުޠުބާއަށް ގެންގޮސް ނިންމާނަން."
رشـيـد ވިދާޅުވިއެވެ. "زيـاد! މާތްކަލާނގެ ގަންދެން. ކަލެޔަކީ ވަރަށްބޮޑު އިނާމެއްގެ ޙައްޤުވެރިއެއް. އަހަރެންގެ އިޚުތިޔާރު އޮތްނަމަ ކަލެޔަށް މަރުސިއްޔާގެ ގަވަރުނަރުކަން ދިނީމުސް."
زيـاد ވިދާޅުވިއެވެ. "މީހަކު ކަމަކަށް ޢައްޔަންކުރުމާއި ކަމަކުން ދުރުކުރުމުގެ އިޚުތިޔާރު މަނިކުފާނުގެ ބާރުފުޅުގެ ދަށަށް އަންނާނެ ދުވަހަކަށް އަޅުގަނޑު ޝައުޤުވެރިކަމާއެކު އިންތިޒާރު ކުރާނަން."
* * * * * * * * * * *
މެންދުރެއްހައިއިރުވީތަނާ سعد ގެ އަރިހަށް ގަނޑުވަރުގެ ޤާޟިދެއް އަތުވެއްޖެއެވެ. އޭނާ ދެންނެވިއެވެ. "މިރޭ ޅެންވެރީންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާން މަހާރަދުން މަނިކުފާނަށް ދަޢުވަތު ދެއްވާ. ޝާހީ މެހުމާންޚާނާގެ ވެރިޔާ އެދިވަޑައިގަންނަވަނީ ކަލާ މިހާރުއްސުރެ ޝާހީ މެހުމާންޚާނާއަށް ބަދަލުވެވަޑައިގެންނެވުން. ކަލާ މިރޭ ޝާހީ ކިއްލާއަށް ވަޑައިގަތުމުގެ އިންތިޒާމު އެތަނުން ހަމަޖެއްސޭނެ. އަޅުގަނޑު މިއައީ ކަލާ ވަޑައިގަންނަވާން ބައްގީވެސް ހިފައިގެން."
سعد އޭނާގެ އެކުވެރީންނާ ދިމާއަށް ބައްލަވައިލެއްވިއެވެ. އެއަށްފަހު ޤާޞިދާ ދިމާއަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "އެކަމަކު އަހަރެން ހުންނަހިތްވަނީ މިތާނގައި!"
ޤާޞިދު ދެންނެވިއެވެ. "ޝާހީ މެހުމާންޚާނާގެ ވެރިޔާ ވިދާޅުވީ ކަލާ ހުންނެވީ މެހުމާންސަރާގައިކަން މަހާރަދުންނަށް އެނގިވަޑައިގެންފިނަމަ ވަރަށް ހިތްޕުޅާ ހަމަނުކުރައްވާނެކަމަށް. ވަޒީރު إبـن عمّــار ވެސް އަންގަވައިފައިވަނީ ކަލާއަށް މެހުމާންދާރީ އަދާކުރުމުގައި އެއްގޮތަކަށްވެސް ފަރުވާކުޑަ ނުކުރާން."
سعد ވިދާޅުވިއެވެ. "އަހަރެން އެތަނަށް ދިޔުން ތިޔަހާ މުހިންމު ކަމުގައިވާނަމަ މިއަދު ހަވީރު ހިނގައިދާނަން."
ޤާޞިދު ސަލާންކޮށްލައިފައި ހިނގައްޖެއެވެ. سعد އިރުކޮޅެއްވަންދެން އިސްދަށަށް ޖައްސަވައިގެން އިންނަވައި ވިސްނައިވަޑައިގަތުމަށްފަހު އޭނާގެ އެކުވެރީންނާ ދިމާއަށް އެނބުރިވަޑައިގެންފައި ވިދާޅުވިއެވެ. "ތިޔަބޭފުޅުންގެ އަރިހުން އަޅުގަނޑު އެދެނީ ތިޔަބޭފުޅުން އަވަހަށް މިރަށުން ފުރައިވަޑައިގެންނެވުން. އެކެއްގެ މަސައްކަތުން ފުދޭނެ ކަމެއްގައި އެންމެން ނުރައްކަލަކަށް ހުށަހެޅޭކަށް އަޅުގަނޑު ނޭދެން."
إليــاس އިޙުތިޖާޖު ކުރެއްވިއެވެ. "سعد! ކަލާއަށް އަޅުގަނޑުމެންނަކަށް ފިނޑިކަމުގެ މަލާމާތް ރައްދެއް ނުކުރެވޭނެ!"
سعد މަޑުމައިތިރިވެވަޑައިގެންފައި ވިދާޅުވިއެވެ. "ކަލާ އަޅުގަނޑާމެދު ތިޔަ ވިސްނައިވަޑައިގެންނެވީ ރަނގަޅަކަށް ނޫން. އަޅުގަނޑުމެން މިތަނަށް އައިއިރު ހީކޮށްގެންތިބީ އަޅުގަނޑުމެން އެންމެންނަށްވެސް معـتـمـد ގެ ފައިންޕުޅު ފެނުމުގެ ފުރުސަތު ލިބޭނެކަމަށް. ނަމަވެސް މިހާރު އޭނާގެ އަރިހަށް މިދަނީ އަޅުގަނޑު އެކަނި. މިހާރު މިފެންނަ މަންޒަރުތަކަށް ބަލާއިރު معـتـمـد އަޅުގަނޑާމެދު ރަޙުމަތްތެރިއެއްގެ ނަޒަރުން ބެއްލެވުމަށްވުރެ ބޮޑަށް އެކަށީގެންވަނީ އެންމެ ނުރައްކާތެރި ދުޝްމިނެއްކަމުގައި ބެއްލެވުން. އަޅުގަނޑު ނޭދެން ކަމަކާނުލައި އަޅުގަނޑުގެ ޙަޔާތުގެ ބާކީ معـتـمـد ގެ ޖަލުގައި ހޭދަކޮށްލާކަށެއް. އަޅުގަނޑު އެތަނުން ސަލާމަތްވެގެން ނުކުންނަން މަސައްކަތްކުރާނަން. އެހެންވެއްޖެ ހިނދެއްގައި އިޝްބީލިއްޔާގެ ފުލުހުންގެ އެންމެ އިސް ވާޖިބަކަށް ހަދާނީ
މި މެހުމާންސަރާ ޙިޞާރުކުރުން. އަޅުގަނޑުގެ ބަދަލުގައި ތިޔަބޭފުޅުން ހައްޔަރުކުރުން. އޭރުން އަޅުގަނޑަށް މަޖުބޫރުވާނެ. އަޅުގަނޑުގެ އަމިއްލަ ނަފްސު އެބައިމީހުންގެ ކުރިމައްޗަށް ހުށަހަޅަން."
إليــاس ވިދާޅުވިއެވެ. "ކަލާ ހައްޔަރުވެވަޑައިގެންފިނަމަ އަޅުގަނޑުމެން ޣަރުނާޠާއަށް ގޮސް ދައްކާނީ ކޮން މޫނެއްތޯ؟"
سعد ވިދާޅުވިއެވެ. "إبـن عمّــار މިގޮތަށް ނިކަމެތިވެވަޑައިނުގެން އަލްފާންސޫއާ ހަނގުރާމަ ފަށައި އެތާނގައި އަޅުގަނޑު ޝަހީދުވިނަމަ ތިޔަބޭފުޅުން ހައްދަވާނީ ކިހިނަކުންތޯ؟"
إليــاس ޖަވާބު ހުސްވެގެންކަހަލަ ގޮތަކަށް ވިދާޅުވިއެވެ. "އަޅުގަނޑުމެން މި މެހުމާންސަރާ ދޫކޮށްލުމަށްފަހު އެހެންތަނެއްގައި ކަލާއަށް އިންތިޒާރު ކުރިއްޔާ ކަމަކު ނުދާނެތޯ؟"
ވަރަށް ދިގު ބަހުސު ތަކަކަށްފަހު އެބޭފުޅުން އެއްބަސްވެވަޑައިގަތީ أحمد އާއި حسن އާ ދެބޭފުޅުން إدريـس ގެ ގެއަށް ބަދަލުވެވަޑައިގަތުމަށެވެ. ދެން ތިއްބެވި ބޭފުޅުން إليــاس ގެ އަރިހުގައި އިޝްބީލިއްޔާއާ ފަސްކޯހުގެ ދުރުގައިހުރި މެހުމާންސަރާއަކަށް ވަޑައިގެން އެތާނގައި މަޑުކުރެއްވުމަށެވެ. سعد معـتـمـد އާ ބައްދަލުކުރެއްވުމުން ރަނގަޅު ނަތީޖާއެއް ނުކުމެއްޖެ ކަމުގައިވާނަމަ ވިދިގެން އަންނަ ދުވަހު އެހުރިހައި ބޭފުޅުންވެސް إدريـس ގެ ގެއަށް ވަޑައިގެންނެވުމަށެވެ. سعد އަށް އެނބުރި ވަޑައިނުގެންނެވިއްޖެނަމަ أحمد އާއި حسن އާ ދެބޭފުޅުންވެސް إليــاس މެންގެ އަރިހަށް ވަޑައިގަތުމަށެވެ.
މި ނިންމެވުމަށްފަހު سعد އޭނާގެ ކޮއްކޮމެންގެ އަރިހުގައި ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ސަބަބުން إدريـس އަށް އެއްވެސް މައްސަލައެއް ކުރިމަތިވާކަށެއް ބޭބެ ނޭދެން. އެހެންކަމުން ތިޔަ ދެބެން އެގެއަށް ވަޑައިގެން އުޅުއްވަންވާނީ ވަރަށް ބޮޑަށް ރައްކާތެރިވެވަޑައިގެން. ރަނގަޅުވާނީ މިރޭ އިރުއޮއްސުމަށްފަހު ކޮއްކޮމެން އެގެއަށް ބަދަލުވެވަޑައިގެންނެވުން. ބައްދަލުވުން ނިމުމާއެކު ބޭބެ އެގެއަށް ދާނަން. ބޭބެ ލަސްވެއްޖެނަމަ އޭގެ މާނައަކީ ތިޔަ ދެބޭން އިޝްބީލިއްޔާގައި ތިއްބެވުން ރައްކާތެރިއެއް ނޫނޭ. ތިޔަ ދެބެންގެ ވާޖިބަކަށްވާނީ އަވަހަށް إليــاس އަށް ޚަބަރު ދެއްވައި އޭނާގެ އަރިހުގައި ގެއަށް ވަޑައިގަތުން. ބޭބެގެ ކަންތައް ހިނގިގޮތެއްގެ ވާހަކަ إدريـس ޣަރުނާޠާއަށް ޚަބަރު ފޮނުވާނެ."
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު