ޖުޑީޝަލް ސާވިސް ކޮމިޝަން

ގޮއިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ނިޝާރުގެ ސުލޫކީ މައްސަލައެއް ބަލަނީ

އަލީ އަފާފު ރަމީޒު

ބ. ގޮއިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ނިޝާރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ އެ މައްސަލައަކީ އަހުމަދު ނިޝާރުއާ ވިޔަފާރީގެ ގުޅުން އޮންނަ ފަރާތަކަށް ރައްދުވާ ގޮތަށް ގޮއިދޫ ކޯޓަށް ހުށަހެޅުނު ގަޒިއްޔާއެއް ބެލުމުން ތަނާޒުލު ނުވެ، ނިޝާރު އެ ގަޒިއްޔާ ކުރިއަށް ގެންދިއުމާއި އެ ގަޒިއްޔާ ކުރިއަށް ގެންދިޔުމުގައި ވެސް ފަނޑިޔާރެއްގެ ސުލޫކަށް އަސަރުކުރާގޮތަށް ނިޝާރު އަމަލުކުރި މައްސަލައެއް ކަމަށެވެ.

މީގެ އިތުރުން ނިޝާރު އަމިއްލަ ވިޔަފާރިކޮށްގެން އާމްދަނީ ހޯދާއިރު އެކަން ނިޝާރުގެ މާލީ ބަޔާނުގައި ހާމަކޮށްފައި ނުވާކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ބުނީ މި މައްސަލަތައް ތަހުގީގު ކުރުމަށް އެކޮމިޝަނުގެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން ނިންމާފައިވާ ކަމަށާއި އެ މައްސަލަތައް ތަހުގީގުކުރާނެ ކޮމިޓީ މިއަދު ބޭއްވި ޖޭއެސްސީގެ 100 ވަނަ ޖަލްސާގައި އެކުލަވާލާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ގޮއިދޫ ސްމެޖިސްޓްރޭޓް އަހުމަދު ނިޝާރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމާފައިވާއިރު، ނ. ޅޮހީ އިސް މެޖިސްޓްރޭޓް އަހުމަދު ހަސަންމަނިކުގެ ސުލޫކީ މައްސަލައެއް ބެލުމަށްވެސް ވަނީ ނިންމައިފައެވެ.