އައްޑޫ ސިޓީގައި ހުންނަ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިން ސުކޫލްގެ ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ މެންބަރުން އައްޑޫ ސިޓީއަށް ވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް ހަސަން ޒިޔާއު ވިދާޅުވީ، ދިމާވެފައިވާ މައްސަލަ ހައްލުކޮށް އެ ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް އެ ކޮމެޓީގެ ހަ މެންބަރުން މިއަދު އައްޑޫއަށް ވަޑައިގެންފައިވާ ކަމަށެވެ.

އެ މެންބަރުން ކަމާ ގުޅޭ ފަރާތްތަކާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ޒިޔާއު ވިދާޅުވިއެވެ.

އެގޮތުން އައްޑޫ ސިޓީ ކައުންސިލާއި ފުލައިން ސްކޫލްގެ މެނޭޖްމަންޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ބޭފުޅުންގެ އިތުރުން ފްލައިން ސްކޫލުގެ ދަރިވަރުންނާ، އެ ކޮމިޓީގެ މެންބަރުން ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާނެ ކަމަށްވެސް ޒިޔާއު ވިދާޅުވިއެވެ.

އައްޑޫ ފްލައިން ސްކޫލުން ދަރިވަރުން ވަކިކުރާ މައްސަލަ މިފަހުން ބޮޑުވެފައިވާއިރު، މިހާތަނަށް 15 ދަރިވަރަކު ވަކިކުރުމަށް އެ ސްކޫލުން ވަނީ އީމެއިލް ފޮނުވައިފަ އެވެ.

އޭގެ ކުރިން ވެސް ހަތަރު ދަރިވަރަކު ވަކިކުރަން ސިޓީ ފޮނުވާފައި ވަނިކޮށް، ވަކިކުރަން ނިންމި ނިންމުން ބަދަލުކުރަން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެ ސްކޫލަށް ވަނީ އަންގަވައިފަ އެވެ.

އެ ސްކޫލްގެ ދަރިވަރުންގެ ޖަމިއްޔާއިން ބުނެފައިވަނީ، އެކި ގޮތްގޮތުން ދަރިވަރުންނަށް ދަތި ކުރުމުގެ ކަންތައް އެތަނުން ކުރަމުންގެންދާ ކަމަށާއި، ސަރުކާރުގެ މުއައްސަސާތަކުން ކުރާ އަމުރުތަކަށްވެސް އެ ސްކޫލުގެ މެނޭޖްމަންޓުން ބޯ ނުލަނބާ ކަމަށެވެ.

އެ މައްސަލަތަކުގައި އުފެދުނު ކަންބޮޑުވުންތަކާއި ގުޅިގެން އެ ސްކޫލްގެ ދަރިވަރުންނާ ބައްދަލު ކުރައްވައި އެކުދިންނަށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކުގެ މައުލޫމާތު ނައިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ އޮޅުން ފިލުއްވައިފައެވެ.