އަންނަ 2027 ވަނަ އަހަރުގެ ބަޖެޓްގައި، އައްޑޫ ސިޓީއަށް އިތުރު ބޮޑެތި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކެއް ހިންގުމަށް ހިމަނާފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، މާލޭ ސަރަހައްދެކޭ އެއްފަދައިން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިގުތިސޯދީ މަޝްރޫއުތައް ހިންގުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

މާލެ ފިޔަވައި ރާއްޖޭގައި މީހުން ދިރިއުޅޭ އެންމެ ބޮޑު އެއްސިޓީ އަކީ އައްޑޫ ސިޓީ ކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އައްޑޫ ސިޓީގެ ލިންކް ރޯޑް ފުޅާކުރުމާއި އައްޑޫގެ މަގުތައް ތަރައްގީ ކުރުމާއި އިތުރު ބޮޑެތި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކެއް ހިންގުމަށް ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ.

އެކަމުގެ ސަބަބުން، އައްޑޫ ސިޓީގެ އިގުތިސާދަށް އާ ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދުތައް ޒޯންތަކަކަށް ބަހާލައިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ލުއިތަކެއް ދިނުމުގެ ސިޔާސަތުގެ ދަށުން، ފުރަތަމަ ޒޯނެއްގެ ގޮތުގައި ގާއިމު ކުރުމަށް ކަނޑައަޅާފައިވާ "އައްޑޫ އެސްއެމްއީ ޓްރޭޑް ފެސިލިޓޭޝަން ޒޯން" ގެ މަސައްކަތަށް ބޭނުންވާ ފައިސާ 2027 އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ.

މިކަމުގެ ސަބަބުން އައްޑޫގައި ވިޔަފާރި ކުރާ ފަރާތްތަކަށް ލުއިތަކެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހަމައެއާއެކު، ދިވެހި ޒުވާނުންނަކީ ވަޒީފާ ހޯދާ މީހުންގެ ބަދަލުގައި، ވަޒީފާ އުފައްދާ ބަޔަކަށް ހެދުމަށްޓަކައި، އެސްއެމްއީ ސްޓާޓަޕްތަކަށް ބޭނުންވާ ފަންޑު ފޯރުކޮށްދިނުން މި ބަޖެޓުގައި ހިމެނޭ ކަމަށާއި މިއީ އަމިއްލަ ފައިމައްޗަށް ތެދުވާ، އުފެއްދުންތެރި ޒުވާން ވިޔަފާރިވެރިންގެ ޖީލެއް ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.