އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު ލަންޑަން ޑާބީގައި އާސެނަލް އިން ޗެލްސީ ބަލިކޮށްފި އެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުން އާސެނަލް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ނުކުތް އިރު އާސެނަލް އޮތީ ބޮޑު ޕްރެޝަރެއްގަ އެވެ. މިދިޔަ މަހު އެއް ވަނަ ދުވަހުން ފެށިގެން ލީގުގެ މެޗަކުން އާސެނަލް މޮޅުވެފައި ނުވާއިރު، އެޓީމު އޮތީ ރެލިގޭޝަން ޒޯނާ ގާތުގަ އެވެ. ރޭގެ މެޗުން މޮޅުވެ ޗެލްސީއަށް ލީގު ތާވަލުގެ ދެވަނައަށް ޖެހިލެވެން އޮތްއިރު، މެޗުން ބަލިވެ އެޓީމު ވަނީ ހަތްވަނައަށް ސޮއްސާލައިފަ އެވެ.
ޗެލްސީއަށް 15 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، ރޭ ނިއުކާސަލް އަތުން މޮޅުވެ ސިޓީ ވަނީ ފަސްވަނައަށް ޖެހިލައިފަ އެވެ. މެންޗެސްޓާ ޔުނައިޓެޑަށް ދެވަނައަށް ޖެހިލަން ލިބުނު ފުރުސަތު އެޓީމަށް ނާކާމިޔާބުވީ ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވުމުންނެވެ. ޔުނައިޓެޑަށް 14 މެޗުން 27 ޕޮއިންޓް ލިބިފައި އޮތްއިރު، އެޓީމު މިވަގުތު އޮތީ ހަތަރު ވަނައިގަ އެވެ. ލެސްޓާ ސިޓީ ތިންވަނައިގައި އޮތްއިރު، ދެވަނައިގައި އޮތީ ރަނގަޅު ފޯމެއް ދަމަހައްޓަމުން އަންނަ އެވަޓަން އެވެ. އެއްވަނައިގައި 14 މެޗުން 31 ޕޮއިންޓާއެކު އޮތީ ޗެމްޕިއަން ލިވަޕޫލެވެ.
އާސެނަލްގެ ފަރާތުން ރޭގެ މެޗުގައި ފެނުނީ ތަފާތު ކުޅުމެކެވެ. މަސައްކަތު ރޭޓް ޗެލްސީއަށްވުރެ ބޮޑުތަން އިތުރުކޮށް ފެނިފައިވާއިރު، އެ ޓީމުން ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއް ނެގި އެވެ. ފުރަތަމަ ލަނޑު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ އަލެކްސަންޑަ ލަކަޒޭޓް އެވެ. އޭގެ 10 ވަރަކަށް މިނެޓް ފަހުން ހިތްގައިމު ހިލޭ ޖެހުމަކުން ދެ ވަނަ ގޯލު ޖެހީ ސަސްޕެންޝަނަށް ފަހު އެނބުރި އައި ގްރޭނިޓް ޝާކާ އެވެ.
ދެވަނަ ހާފަށް ބަދަލުތަކަކާއެކު ޗެލްސީން ނުކުމެ ވަރަށް ބޮޑަށް އެޓޭކް ކުރަން މަސައްކަތް ކުރި ނަމަވެސް، އާސެނަލްގެ ޑިފެންސުން ވަނީ ގިނަ ހަމަލާތައް ގޯލާ ހަމައަށް ދިޔަ ނުދީ ހިފަހައްޓައިފަ އެވެ. ޗެލްސީން އެޓޭކް ކުރަމުންދަނިކޮށް އަނެއްކާ ވެސް ގޯލް ޖެހީ އާސެނަލް އެވެ. ބުކާޔޯ ސަކާ އަރިމަތިން ހުރަސްކޮށްލަން ޖެހި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ.
ޗެލްސީއަށް މެޗުގައި ގޯލް ޖެހުނީ ނިމެން ފަސްވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ. ޓެމީ އަބްރަހަމްގެ ގޯލާއެކު ޗެލްސީން ލީޑުގެ ފަރަގު ކުޑަކުރިތާ މާ ގިނައިރެއް ނުވެ، އެޓީމަށް ޕެނެލްޓީއެއް ވެސް ލިބުނެވެ. ފަހު ވަގުތު ޖޯޖީނިއޯ ފޮނުވާލި ޕެނެލްޓީ އާސެނަލްގެ ގޯލްކީޕަރު ލެނޯ ވަނީ މަތަކޮށްފަ އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު