ރިޕޯޓް

ކޮފީ ބުއިމުގައިވެސް ހައްދެއް އޮންނަން ޖެހޭ، ނޫނީ މައްސަލަތަކެއް ދިމާވޭ (ވީޑިއޯ)

އަހުމަދު ސާއިލް އަލީ

ޑރ. އާސިޔާ ވަން އަށް އިންޓަވިއުދެއްވަނީ ---

ކޮފީއަކީ ގިނަ ދިވެހިންނަށް އެއާ ނުލައި ނޫޅެވޭނެ އެއްޗެކެވެ. ރައްޓެއްސަކާ ބައްދަލު ކުރަން ވިޔަސް ލޯބިވެރިންނާ ބައްދަލުކުރަން ވިޔަސް ނުވަތަ އާއިލީ ގުޅުންތައް ބަދަހި ކުރާއިރު ވެސް އެ އެއްޗަކަށް އެންމެ އިސްކަން ދޭ އެކަށްޗަކަށް ކޮފީ މިވަނީ ވެފަ އެވެ. ގިނަ ދިވެހިން ކޮފީ ބޯން ލޯބި ކުރެ އެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ގިނައިން ކޮފީ ބުއިމަކީ ގިނަ ބައެއްގެ އާދަ އެވެ. ނަމަވެސް އެކަމުގައި ވެސް ލިމިޓެއް ގެންގުޅެން ޖެހެ އެވެ.

ދިރާސާތައް ބުނާގޮތުން ކޮފީއަކީ އޭގައި ގިނަ ފައިދާތަކެއް އެކުލެވޭ އެއްޗެކެވެ. ސިއްހަތަށް އޭގެ ސަބަބުން ފައިދާ ކުރާތީ ވަކި މިންވަރެއްގެ ތެރެއިން ކޮންމެ ދުވަހަކު ވެސް ކޮފީ ބުއިމަކީ ރަނގަޅު ކަމެއް ކަމަށް ސިއްހީ ތަޖުރިބާކާރުން ވެސް ވިދާޅުވެ އެވެ.

"ކެއުމުގެ އިތުރަށް ހިތްހަމަ ޖައްސާލަން ބޯލާއެއްޗެއްގެ ގޮތުގައި ބޯލަން ކޮފީއަކީ އެހާ ގޯސް އެއްޗެއް ނޫން. ކޮފީގައި އެބަހުރޭ ހަށިގަނޑަށް ފައިދާ ކުރާ ބައެއް ކަހަލަ މާއްދާއްތައް. މިސާލަކަށް ކެންސަރުން ސަލާމަތްކޮށްދިނުން ނުވަތަ މީހާގެ ހިތްހަމަ ޖެހޭ ބައި،" ޑައިޓީޝަން އާސިޔާ އަބްދުލްރަހީމް ވިދާޅުވި އެވެ.

ރަނގަޅަށް ކެއުމުގެ ބަދަލުގައި ކޮފީ ބުއިމަކީ ވެސް ބައެއް ދިވެހީންގެ އާދަ އެކެވެ. އެއީ ސިއްހީ ގޮތުން ރަނގަޅު އާދައެއް ނޫން ކަމަށް އާސިޔާ ވިދާޅުވި އެވެ.

"އެކަމަކު މީހާގެ މުޅި ކެއުން ބިނާވެފައި އޮންނަނީ ކޮފީގެ މައްޗަށް ކަމަށް ވަންޏާ އެއީ މައްސަލައެއް. މިސާލަކަށް ހެނދުނުވެސް ސައި ނުބޮއެ އޭނާގެ ހެނދުނުގެ ސަޔަކީ ހަމައެކަނި ކޮފީ ވެއްޖެއްޔާ އެއީ މައްސަލައެއް. މެންދުރުގެ ކެއުމަކީ ވެސް ހަމައެކަނި ކޮފީވެއްޖެއްޔާ އެއީ މައްސަލައެއް،" އާސިޔާ ވިދާޅުވި އެވެ.

ހަކުރު ނާޅާ ކޮފީ ބުއިން ރަނގަޅު ކަމަށާއި ނަމަވެސް ދުވާލަކު ދެ ތައްޓަށް ވުރެ އިތުރު ނުކުރަން ވިސްނަން ޖެހޭ ކަމަށް އާސިޔާ ވިދާޅުވި އެވެ. ނިންޖަށް ނޭދެވޭ އަސަރު ކުރާނެތީ ކޮފީ ބުއިން ރަނގަޅީ ދުވާލުގެ އަވަސް ވަގުތުތަކުގައި ކަމަށް ވެސް އާސިޔާ ވިދާޅުވި އެވެ.

"ކޮފީއަކީ މީހާގެ ނިންޖަށް އަސަރު ކުރުވާ އެއްޗެއް. ކޮފީބޯން އާދަވެފައި ހުންނަ މީހަކަށް ނިދުނަސް އަސްލު އެ މީހަކު އެ ނިދަން ބޭނުންވާ ހަމަ ނިންޖެއް ނުވެސް ނިދޭނެ. މިސާލަކަށް އިތުރަށް ހުވަފެން ފެނުން ނުވަތަ ނިދީގައި އުނދަގޫތަކެއްވުން އެކަށީގެންވޭ،" އާސިޔާ ވިދާޅުވި އެވެ.

ކޮފީގެ ގިނަ ވައްތަރުތަކެއް ރާއްޖޭން ވެސް ލިބެން ހުރެ އެވެ. ކޮފީއަކީ ސިއްހަތަށް ފައިދާ ހުރި އެއްޗެއް ނަމަވެސް ގިނަ ބަޔަކަށް ހެދޭ އެންމެ ބޮޑު ގޯހަކީ ކޮފީ ތައްޓަށް މާ ގިނައިން ހަކުރު އެޅުމެވެ. އޭގެ ސަބަބުން ކޮފީން ލިބޭ ފައިދާގެ ބަދަލުގައި ހަކުރުގެ ސަބަބުން ލިބޭ ގެއްލުން ބޮޑުވެ އެވެ.

"ވަރަށް މަޝްހޫރުވެގެން އުޅުނު ޑޮލަގްނާ ކޮފީއެއް. އެވެސް ތައްޔާރު ކުރާގޮތަށް ބަލާއިރު ވަރަށް ބައިވަރު ހަކުރު އަޅައިގެން މި ތައްޔާރު ކުރަނީ. އެހެންވީމަ އަސްލު ކޮފީގެ ރާހަތް ކެނޑިފައި ބޮޑަށް ހަކުރު ފަންޏެއް މި ބޯލެވެނީ. ޕެކެޓް ކޮށްފައި ހުންނަ ކޮފީއަށް ބަލާއިރު އޭގައިވެސް އެންމެ ގިނަ ވާނީ ހަކުރު. ދެން އެންމެ ގިނަ ވާނީ ތެޔޮ. އެހެންވީމަ ކޮފީކަމަށް ހީކޮށް އަސްލު މި ބޮވެނީ ކޮފީއެއް ނޫން،" އާސިޔާ ވިދާޅުވި އެވެ.

ޑައިޓް ކުރުމުގެ ގޮތުން ވެސް ކޮފީ ބުއިމަށް ގިނަ ބަޔަކު ލޯބި ކުރެ އެވެ. ބަރުދަން ލުއިކޮށްދޭ ކަމަށް މަޝްހޫރު ކުރާ ކޮފީތަކާ ގުޅޭގޮތުން އާސިޔާ ވިދާޅުވީ އެއީ ބޭނުން ކުރަން ރަނގަޅު އެއްޗެއް ނޫން ކަމަށެވެ.

"ހާއްސަކޮށް ކޮފީއެއް ބޮއެގެން މިސާލަކަށް މީހާގެ ބަރުދަން ލުއިކުރެވޭ ކަމަށް ވަންޏާ އޭގައި ހުންނާނެ އެ މީހެއްގެ ހަށިގަނޑަށް ލިބޭނެ ބޮޑެތި ގެއްލުންތަކެއް." އާސިޔާ ވިދާޅުވި އެވެ.

ކޮފީގެ ފައިދާތަކަށް ބަލާއިރު ބަލިބަލިން ދިފާއުވުމާއި ސިކުނޑީގެ މަސައްކަތް ބަރާބަރުވުމަށް އެހީތެރިވެދީ ހަކަތަ އިތުރުވުމާއި ބަރުދަން ލުއިކުރުމަށް ވެސް އެހީތެރިވެ އެވެ. އަދި ބައެއް ދިރާސާތައް ބުނާގޮތުން ކޮފީގެ ސަބަބުން ޑިޕްރެޝަންގެ ނުރައްކާ ކުޑަކުރެވެ އެވެ.

ކޮފީ ބުއިމުގެ އާދަ ދިވެހީންގެ ހުންނަ ގޮތަށް ބަލާއިރު ވަކި މިންވަރެއް ނެތި ކޮފީ ބުއިން އާންމެވެ. ނޭނގި ނަމަވެސް އޭގެ ނޭދެވޭ އަސަރު މީހާއަށް ކުރެ އެވެ. އެހެންކަމުން ފައިދާ ހުރި އެ ބުއިން ބޯއިރުވެސް ވަކި މިންވަރަކަށް އެ އާދަ ގެންގުޅެން ވިސްނަން ޖެހެ އެވެ. އަބަދު ކޮފީ ބުއިމުގައި އުޅުމުގެ ބަދަލުގައި ކޮފީން ވެސް ހަށިގަނޑަށް ހެޔޮ ފައިދާ ލިބޭނެ މަގަށް ކޮފީގެ އާދަ ބަދަލުކުރާން ޖެހެ އެވެ.