މަސްވެރިކަމުގެ ސިނާއަތް އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް ދޫކޮށްލަންޖެހޭ، ނަމަވެސް މިއީ އެކަން ކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ އެއްބައިވަންތަކަމުގެ ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖޭގެ އިގުތިސާދު އަލުން ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގައި އެންމެ އިސްކަމެއް ދޭން ޖެހިފައިވާ އެއް ދާއިރާއަކީ މަސްވެރިކަން ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމެކޭ އެއްގޮތަށް ރާއްޖޭގެ ދޮށީގެ މަސްވެރިކަމަކީވެސް މިހާރަށްވުރެވެސް ބޮޑަށް ދުނިޔޭގެ މަގުބޫލުކަން ހޯދޭނެ ސިނާއަތެއް ކަމަށެވެ. އެއީ ތިމާވެއްޓާ އެންމެ ރައްޓެހި ގޮތަށް ދުނިޔޭގައި ކުރެވޭ މަސްވެރިކަން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މަސްވެރިކަމުގެ ސިނާއަތަށްވެސް އެންމެ ފައިދާ ހުރި ގޮތަކީ ފަތުރުވެރިކަމެކޭ އެއްގޮތަށް އެ ވިޔަފާރިން ސަރުކާރު ނުކުމެ، އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް ދޫކޮށްލުން ކަމަށް ބުނެވިދާނެ. ނަމަވެސް މިވަގުތަކީ އެކަން އެގޮތަށް ކުރަން އެންމެ ރަނގަޅު ވަގުތު ކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. މިވަގުތު އެކަންކޮށްފިނަމަ، މަސްވެރިކަމަށް ބޮޑެތި ލޯނުތައް ނަގައި އިންވެސްޓުކޮށްގެން ތިބި އެތައް އޮޑިވެރިންނެއް ބަނގުރޫޓުވެދާނެ ކަމުގެ ބިރު އެބައޮތް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް މަސްވެރިކަމުގެ ސިނާއަތް ދޫކޮށްލުމަށްޓަކައި، މީގެ އަހަރުތަކެއް ކުރިން ސަރުކާރުން މަސައްކަތްތަކެއް ކުރި ކަމަށާއި ވަރަށް ގިނަ ލުއިތަކެއް ވެސް ދިން ކަމަށެވެ. ނަމަވެސް މަސްވެރިންގެ ޝަކުވާތައް ދިޔައީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިދަނީ މަސްވެރިންގެ ޝަކުވާތައް އަޑުއަހަމުން، އަދި އެ ޝަކުވާތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް މިއަންނަނީ ކުރަމުން. އަޅުގަނޑުމެންގެ ސިޔާސަތަކީ މަސްވެރިންނަށް އެންމެ ފައިދާ ހުރި ގޮތަށް މިސިނާއަތު ބައްޓަންކުރުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ މަސް ކުންފުނި މިފްކޯ އޮތް ހާލަތު ހުރިހާ ރައްޔިތުންނަށްވެސް އެނގޭނެ ކަމަށާއި މިފްކޯ ބޮޑު ގެއްލުމެއްގައި ހިންގާތާ އެތައް އަހަރެއްވެއްޖެ ކަމަށެވެ. ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައިވެސް ސަރުކާރާއި އެސްޓީއޯ އިން މިފްކޯއަށް 571 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. އެކަން އެގޮތަށް ކުރަންޖެހުނީ، މަސްވެރިންނަށް ލިބޭ އާމްދަނީ ހުއްޓުމަކަށް އަޔާނުދިނުމަށްޓަކައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިދިޔަ އަހަރަކީ މިފްކޯގެ ވޭތުވެދިޔަ 14 އަހަރުގެ ތާރީހުގައިވެސް، އެންމެ ގިނައިން މަސް ގަތް އަހަރު ކަމަށެވެ. އެއީ، 48494 ޓަނުގެ މަސް ކަމަށެވެ. އަދި އެންމެ ގިނަ ފައިސާ މަސްވެރިންނަށް ދީފައިވަނީ ވެސް މިދިޔަ އަހަރު ކަމަށާއި އެ އަހަރުގެ ތެރޭގައި މަހުގެ އަގުގެ ގޮތުގައި މިފްކޯއިން މަސްވެރިންނަށް 903.7 މިލިއަން ރުފިޔާ ދޫކުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މި އަހަރުގެ މިހާތަނަށް މަސްވެރިންގެ އަތުން 44510 ޓަނުގެ މަސް މިފްކޯއަށް ގަނެފައިވާ ކަމަށާއި އަދި 840.31 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށެވެ. މި ސަރުކާރު ފެށުމާއެކު މިފްކޯއަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު