ދެހާސް ހަތަރުވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ބިރުވެރި ސުނާމީ ކާރިސާގެ ހަނދާންތައް އާކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކީރިތިކުރައްވައިފިއެވެ.
މިހާރު ކުރިއަށްދާ ގައުމީ އެއްބައިވަންތަކަމުގެ ޖަލްސާގައި ސުނާމީ ކާރިސާގައި މަރުވި މީހުންގެ ހަނދާންތަކާއި ގެއްލުނު މީހުންގެ ހަނދާންތައް އާކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ކީރިތި ކުރައްވައިފައެވެ.
ރައީސް ވިދާޅުވީ 21 ވަނަ ގަރުނުގެ ފުރަތަމަ 20 އަހަރު ނިމިގެންދާ އިރު، ރާއްޖޭގެ ތާރީހު މީގެ ކުރިން ނުދެކޭފަދަ، ދެ ކާރިސާއަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. ފުރަތަމަ ކާރިސާއަކީ މީގެ 16 އަހަރު ކުރިން، 2004 ޑިސެންބަރު 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާ ކަމަށެވެ. އަދި ދެވަނަ ކާރިސާއަކީ ކޮވިޑް-19ގެ ބަލިމަޑުކަން ކަމަށެވެ.
ރައީސް ވިދާޅުވީ ސުނާމީ ކާރިސާގެ ހިތާމަވެރި ތަޖުރިބާތައް އެތައްބައެއްގެ ހަނދާނުގައި މިހާރުވެސް ހަރުލާފައި ހުރި ކަމަށެވެ. އެ ކާރިސާގައި 82 މީހުން މަރުވެ، 26 މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައި ކަމަށާއި އެ ހިތާމަވެރި ކާރިސާގައި ވަކިވެގެންދިޔަ އެންމެންނަށް ހެޔޮ ރަހުމަތް ލައްވައި، ސުވަރުގޭގެ ދާއިމީ އިޢުމަތް މިންވަރުކުރެއްވުމަށް އެދި ދުއާކުރާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެއަށް ސުނާމީ އެރިއިރު، އެމަނިކުފާނު ހުންނެވީ އުފަން ރަށް، ޅ. ހިންނަވަރުގައި ކަމަށާއި މިއަދު ކުރިމަތިވި ކާރިސާއެއް ފަދައިން އެދުވަހުގެ އެ މަންޒަރުތައް ލޮލަށް މިހާރުވެސް ފެންނަމުންދާ ކަމަށެވެ. އަދި ރައްޔިތުން އުޅުނު ހާލާއި ކުރިމަތިވި ބިރުވެރިކަން، އެއީ ހަނދާނުން ފޮހެވޭނެ ކަންކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
"ސުނާމީ ކާރިސާގެ ދުވަސް، ގައުމީ އެއްބައިވަންތަކަމުގެ ދުވަހެއްގެ ގޮތުގައި ފާހަގަކުރަނީ ވަރަށް މުހިންމު ސަބަބުތަކަކާ ހުރެ. ފުރަތަމަ ސަބަބަކީ އެކާރިސާ ކުރިމަތިވި ނާޒުކު ވަގުތުގައި މީހުންގެ ފުރާނަ އާއި މުދާ ސަލާމަތްކުރުމުގައި އަޅުގަނޑުމެން ދެއްކި އެއްބައިވަންތަކަން. ދެވަނަ ސަބަބަކީ ސުނާމީން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ގައުމީ ފެންވަރުގައި ހިންގި ހަރަކާތްތަކުގައިވެސް ރައްޔިތުން ސާބިތުކޮށްދިން އެއްބައިވަންތަކަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެދުވަހުގެ ބިރުވެރި ވަގުތުގައި މިގައުމުގެ ރައްޔިތުންގެ މެދުގައި އޮތް އިންސާނިއްޔަތުކަމުގެ ގުޅުން ވަރަށް ރަނގަޅަށް ސާބިތުވެގެން ދިޔަ ކަމަށެވެ. އެދުވަސްވަރަކީ ރައްޔިތުންގެ މަޖިލީހުގެ ވާދަވެރި ކެމްޕޭން ހިނގަމުން ދިޔަ ދުވަސްވަރު ކަމަށާއި ނަމަވެސް ސިޔާސީ ވާދަވެރިކަން އެއްފަރާތްކޮށް، ގައުމީ އެއްބައިވަންތަކަން ކުރިއަށް ނެރެ، އެންމެން އިސްކަންދިނީ އެކަކު އަނެކަކަށް އެހީތެރިވުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު