ދެހާސް ތިރީސްވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯ އެމިޝަނަށް ރާއްޖެ ވާސިލުވެވޭނީ ހުރިހާ ބޭފުޅުން އަމަލީ ގޮތުން ބައިވެރިވެގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދެހާސް ތިރީސްވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ކާބަން ނެޓް ޒީރޯ ގައުމަކަށް ހެދުމަކީ ރައީސް ސޯލިހުގެ އަމާޒެކެވެ.
ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން ޖައްވު ހޫނުވެ، އަދި ކަނޑުފަޅާއި އެއްގަމުގައި ދިރިއުޅޭ ބައެއް ތަކެތި މުޅިން ނެތިގޮސް، ބިން ތިރި ބައެއް ގައުމުތައް މުޅިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
ދިވެހިރާއްޖެއަކީ ތިމާވެށީގެ މައްސަލަތަކުގައި، އަބަދުވެސް އެންމެ އިސް ސަފުގައި އަޑުއުފުލާ ގައުމެއް ކަމަށާއި މިއަދުވެސް އެކަން އޮތީ އެގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކު ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި ބޭނުންކުރުން 2023 ގެ ނިޔަލަށް ހުއްޓާލުމަށް އެކުލަވައިލި ޕްލޭން ތަންފީޒުކުރުމަށް މިހާރުވަނީ ފަށާފައި ކަމަށެވެ. އަދި މިހާރު އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް ނެޓް ޒީރޯ އެމިޝަންއަށް ވާސިލުވުން ކަމަށްވެސް ވިދާޅުވިއެވެ.
"މިއީ ހާސިލުނުވެވޭނެ ލަނޑުދަނޑިއެއް ނޫން. ބޭނުންވަނީ، އެންމެން އެކުގައި މަސައްކަތް ކުރުން. އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންގެ އަރިހުން މިއެދެނީ، މިކަމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންދެއްވުމަށް. މިކަން ހާސިލުކުރުމުގައި އަމިއްލަ ކުންފުނިތަކާއި ޖަމްއިއްޔާ ޖަމާއަތްތަކާއި އަމިއްލަ ފަރުދުންގެ ބައިވެރިވުން ސަރުކާރަށް ބޭނުންވޭ،" ރައީސް ވިދާޅުވިއެވެ.
އެއްފަހަރު ބޭނުންކޮށް އުކާލެވޭ ޒާތުގެ ތަކެތި ރާއްޖެ އެތެރެކުރުން މަނާކޮށް ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ގާނޫނުގެ 18 ވަނަ މާއްދާއަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ސޯލިހު ވަނީ މިދިޔަ އަންގާރަ ދުވަހު ތަސްދީގު ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު