މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ކުރީގެ ރައީސް ބަދުރުއް ނަސީރާއި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލަށް ދިވެހި ދައުލަތުގެ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވައިފިއެވެ.
ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު އެރުވީ ޖުމްހޫރީ މައިދާނުގައި މިހާރު ކުރިއަށްދާ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. މ. މަހުމާވިލާ އިބްރާހީމް އިސްމާއީލަށް އަރުވާފައިވަނީ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު (ނ.މ.ޝ.އ) އެވެ. އަދި މއ. ވިލުވެލި ބަދުރުއް ނަސީރަށް އަރުވާފައިވަނީ ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބު (ނ.ދ.ޝ.އ) އެވެ.
ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު ލިބިވަޑައިގެންނެވި މ. މަހުމާވިލާ އިބްރާހީމް އިސްމާއީލަކީ ދިވެހި ސަރުކާރަށް 44 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ހާއްސަކޮށް ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައި، އަދި ކުޅިވަރުގެ ތާރީހުގައި ގިނަ ކާމިޔާބީތަކެއް ހާސިލުކުރެއްވި ބޭފުޅެކެވެ.
އެގޮތުން އެންމެ ފުރަތަމަ އެކުލަވާލި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގައި ތައުލީމާ ބެހޭ ވަޒީރު އައްޔަން ކުރައްވާ މެންބަރުގެ ގޮތުގައި މަޖިލީހުގައި އިންނެވުމަށްފަހު، އެ މަޖިލީހުގެ ރައީސް ކަމަށް އައްޔަން ކުރެއްވީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެއަށްފަހު މި ސަރުކާރުން އަލުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީސް އެކުލަވާލައި، ރައީސް ކަމަށް އިބްރާހިމް އިސްމާއީލް އައްޔަން ކުރެއްވިއެވެ.
އޭނާ އަކީ 1970ގެ އަހަރުތަކުގެ ފަހުކޮޅާއި 1980ގެ އަހަރުތަކުގެ ކުރީކޮޅު ރާއްޖެއިން ފެނުނު އެންމެ ހުނަރުވެރި މިޑްފީލްޑަރެވެ. އަދި ރާއްޖޭގައި ފުރަތަމަ އެކުލަވާލި ގައުމީ ފުޓްބޯޅަ ޓީމު، 1979 ވަނަ އަހަރު ރިޔޫނިއަނުގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ކުޅުނުއިރު އޭނާއަކީ ޓީމުގެ ކެޕްޓަނެވެ.
އޭގެ އިތުރުން ރާއްޖޭގައި ފުރަތަމަ ފަހަރަށް 2008 ގައި އޮތް އޮލިމްޕިކް ކޮމިޓީގެ އިންތިހާބު ކާމިޔާބުކުރައްވައި، އެ އިދާރާގެ ރައީސްގެ މަގާމުވެސް އިބްރާހިމް އިސްމާއިލް ފުރުއްވާފައިވެއެވެ. އަދި ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަމާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީކަންވެސް ކުރެއްވިއެވެ.
ކުޅިވަރުގެ ދާއިރާގެ އިތުރުން އިބްރާހިމް އިސްމާއިލް ވަނީ 43 އަހަރު ތައުލީމީ ދާއިރާގައިވެސް ހިދުމަތް ކުރައްވައިފައެވެ. އިބްރާހިމް އިސްމާއިލް ތައުލީމާ ބެހޭ ވުޒާރާގައި އެންމެ ފަހުން ހުންނެވީ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމުގައެވެ.
ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު ލިބިވަޑައިގެންނެވި މއ. ވިލުވެލި ބަދުރުއް ނަސީރަކީ ރާއްޖޭގައި ރޭޑިއޯގެ ދާއިރާގައި 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި ބޭފުޅެކެވެ. އެގޮތުން ބާއްޖަވެރި ހެނދުނެއް ފަދަ ޕްރޮގްރާމްތަކާއި މަރްހޫމް ޖަމީލު ދީދީގެ ވާހަކަ "ގިތެޔޮ ގުޅި" ޑްރާމާ އާއި ސައިކުރާ އިބްރާހީމް ނައީމްގެ ވާހަކަ "ހަޔާތުގެ ރާސްތާ" އަކީވެސް ބަދުރުގެ ބައިވެރިވުން އޮތް ދެ ޑްރާމާއެވެ.
މީގެ އިތުރުން ހުސައިން ސޮލާހުއްދީން ތަރުޖަމާކުރައްވައި ދިވެހި ބަހުން އެކުލަވާލައްވާފައިވާ ކީރިތި ރަސޫލާގެ ސިޔަރަތު ހާޖާރަގޭ މުހައްމަދު ތައުފީގުގެ އަޑުން ރިކޯޑްކުރުމުގައިވެސް ބަދުރުގެ ހިއްސާ ވަރަށްވެސް ބޮޑެވެ.
އެންމެ ފަހުން ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފައިވަނީ އަހްމަދު އާދަމާއި އަބްދުﷲ ޟާދިގު (ސޯދުބެ) އަށެވެ.
ދޮންބަންޑާރައިންނަށް ނިސްބަތްވެވަޑައިގަންނަވާ، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު، މީގެ ކުރިން ބޭރުގެ ބައެއް އިއްޒަތްތެރިންނަށް ވަނީ އަރުއްވައިފައެވެ. އެގޮތުން، 15 މާރިޗު 1972 ގައި ޑިއުކް އޮފް އެޑިންބަރާ އަށާއި، އަރލް މައުންޓްބެޓަން އަށް، 30 އޮކްޓޫބަރު 1984 ގައި ދެކުނު ކޮރެޔާގެ އޭރުގެ ރައީސް ޗުންޑޫ ހުވާންއަށާއި 16 ނޮވެންބަރު 1989 ގައި ކޮމަންވެލްތުގެ އޭރުގެ ސެކްރެޓަރީ ޖެނެރެލް ސަރ ޝްރީދަތު ރާމްފާލް އަށް އަރުވާފައިވެއެވެ.
މީގެ އިތުރުން 2 ޑިސެންބަރު 2009 ގައި ސައޫދީ އަރަބިއްޔާގެ ޕްރިންސް އަލްވަލީދު ބިން ތަލާލް ބިން އަބްދުލްއަޒީޒް އާލްސައޫދަށް، އަދި 4 ޖޫން 2013 ގައި ފަލަސްތީނުގެ ރައީސް ޑޮކްޓަރ މަހްމޫދު އައްބާސްއަށް މި އިއްޒަތް އަރުވާފައިވެއެވެ.
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އެންމެ ފަހުން އެރުވި ބޭރުގެ އިއްޒަތްތެރިއަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. އެމަނިކުފާނަށް އެ ލަގަބު އެރުވީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު