ޚަބަރު

ރައީސް ނަޝީދަކީ ދީނުގެ އަދުއްވެއް ކަމަށް ވިދާޅުވުމުން އިޔާޒަށް އެމްޑީޕީ ބޭފުޅުންގެ ނުރުހުން!

އަލީ އަފާފު ރަމީޒު

ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދަކީ އިސްލާމް ދީނުގެ އަދުއްވެއް ކަމަށް ވިދާޅުވުމުން، އެމްޑީޕީ މެމްބަރުންގެ ހޫނު ރައްދުތަކެއް މަޝްހޫރު ދީދީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒަށް ދެއްވައިފިއެވެ.

އެމްޑީޕީގެ މެމްބަރުން އިޔާޒަށް ހޫނު ރައްދުތަކެއް ދެއްވާފައި މިވަނީ ރައީސް ނަޝީދަށް އަމާޒުކޮށް އިޔާޒް ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. އިޔާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްލާމްދީނާ އިދިކޮޅު ދީނެއްގެ އަގީދާ ގަބޫލުކުރާ ބަޔަކަށް ތަހުނިޔާ ކިޔުމުން ދޭހަވަނީ އެމީހެއްގެ ހިތުގައި މައިންބަފައިން ދަސްކޮށްދިން ދީނަށް ކުޑަވެސް ލޯތްބެއް ނެތްކަން ކަމަށެވެ. އަދި އެއީ އިސްލާމްދީނުގެ އަދުއްވެއްކަން ދޭހަވާ ކަމަށާއި ދިވެހި ރައްޔިތުން އޭނާގެ ނުރައްކާތެރިކަމާ މެދު ސަމާލުވާންޖެހޭ ކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ.

އިޔާޒްގެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ވަރަށް ގިނަ ފަރާތްތަކަކުން އަންނަނީ ރައީސް ނަޝީދުގެ ދިފާއުގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދީނުގެ އަދުއްވުން ކަނޑައެޅުމަށް ގާނޫނެއް އޮންނަ ކަމަށާއި ދީނީ އަދުއްވުންތެރިކަމުގެ ގާނޫނާ ޑރ. އިޔާޒް ހިލާފުވެލައްވަނީ ކަމަށެވެ.

"ޑރ. އިޔާޒް ތިޔަ ހެއްދެވީ ގޯހެއް. މުހައްމަދު ނަޝީދަކީ ފުރިހަމައަށް އިސްލާމްދީން ގަބޫލުކޮށް، އެ ދީނަށް އުޅޭ ބޭފުޅެއް،" އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ ޓުވީޓަށް ރައްދުދެއްވައި އިޔާޒް ވިދާޅުވީ އިސްލާމްދީނާ ދެކޮޅަށް ކަންކަންކޮށް، އެކަމަށް ހިތްވަރުދީ އެކަން ފަތުރަން މަސައްކަތް ކުރާނީ ދީނުގެ އަދުއްވުން ކަމަށާއި ރައީސް ނަޝީދުގެ ފަރާތުން އެފަދަ ކަންކަން ތަކުރާރުކޮށް ފެނިފައިވާ ކަމަށެވެ. އަދި އެއްބައިވަންތަކަމުގެ ގާނޫނާ ހިލާފުވީ އޭނާ ކަމަށްވާނަމަ، އެކަން ބެލުމަށް ސުޕްރީމް ކޯޓަށް ވަޑައިގެންނެވުމަށްވެސް އިޔާޒް ވިދާޅުވިއެވެ.

އިޔާޒްގެ ވާހަކަތަކަށް ރައްދުދެއްވައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ޑރ. އިޔާޒަކީ އެއް ދީނެއްގެ ތެރޭގައިވެސް އުޅެން އެނގިވަޑައިނުގަންނަވާ ބޭފުޅެއް ކަމަށެވެ. އަދި އެނޫން މުޖުތަމައުއެއްގައި އުޅެން ޖެހިއްޖެނަމަ ޑރ. އިޔާޒްގެ ހާލަކީ ކޮބައިތޯ ސުވާލު އުފައްދަވައި އިމްތިޔާޒް ވަނީ ޑރ. އިޔާޒަށް ފާޑުވިދާޅިވެފައެވެ.

ޑރ. އިޔާޒްގެ ވާހަކަތަކަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްވެސް ވަނީ ރައްދު ދެއްވައިފައެވެ. ހަސަން ލަތީފް ވިދާޅުވީ ޑރ. އިޔާޒްގެ މި ބަސްފުޅުން އިސްލާމް ދީނަކީ ޖަދަލުވެރި އުސޫލުތަކެއް އޮންނަ ދީނެއްކަމަށް ފެންނަކަމީ ހިތާމަވެރި ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ރައީސް ނަޝީދަކީ އިސްލާމް ދީނުގެ އުސޫލުތަކުގައި ސާބިތުވެ ހުންނެވި ބޭފުޅެއް ކަމަށާއި މީހުންގެ އަގީދާ މިން ކުރުމަކީ އަދި ދީނުގެ އަދުއްވުން ކަނޑައެޅުމަކީ ޑރ. އިޔާޒް ކުރައްވަން އޮތް ކަމެއް ނޫން ކަމަށެވެ.

އެޕާޓީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް ވިދާޅުވީ މީހެއްގެ އިސްލާމްކަމަކީ ޑރ. އިޔާޒަށް ގޮތް ނިންމޭނެ ކަމެއް ނޫން ކަމަށާއި އެކަން އެގޮތަށް ކުރެއްވުމުން އުފެދޭނީ ފިތުނަ އާއި ބައިބައިވުން ކަމަށެވެ.

"މިއަށްވުރެ ވަކިން ދެރަ ކަމެއް އޮންނާނެތޯ، މުހައްމަދު ނަޝީދު ވިޔަސް އަދި ކޮންމެ އިސްލާމެއްގެ އިސްލާމްކަމަކީ އެމީހަކާއި މާތްﷲ އާ ދެމެދު އޮންނަ ކަމެއް. އެއް ގޮތަކަށްވެސް ޑރ. އިޔާޒް ގޮތް ނިންމަން އޮންނަ ކަމެއް ނޫން،" ޝިފާޒް ވިދާޅުވިއެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ ރައީސް ނަޝީދަކީ އިސްލާމްދީނުގައި ސާބިތުވެ ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި ރައީސް ނަޝީދާ އެގޮތަށް ދިމާކޮށްލުމުން ހަރުކަށި ފިކުރުގެ މީހުންނާ ދެކޮޅަށް އެމަނިކުފާނު ކުރައްވާ މަސައްކަތްތައް ހުއްޓާލާނެކަމަށް ޑރ. އިޔާޒް ހީކޮށްގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ ޑރ. އިޔާޒު ފަދަ ބޭފުޅަކު ފިތުނަ އުފައްދަވަން މަސައްކަތް ކުރެއްވީތީ ހިތާމަކުރާ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ނަޝީދަކީ އިސްލާމް ދީން ދެކެ ލޯބިވެވަޑައިގަންނަވާ، އިސްލާމް ދީނުގައި ސާބިތުވެތިބުމަށް އެހެން މީހުންނަށްވެސް ބާރުއަޅުއްވައި އެކަމަށް ހިތްވަރާ ނަސޭހަތް ދެއްވާ ބޭފުޅެއް ކަމަށެވެ.

ނަސާރާއިންގެ ދީނީ އީދެއް ކަމުގައި ފާހަގަކުރާ ކްރިސްމަސް ދުވަހުގެ މުނާސަބަތުގައި ރައީސް ނަޝީދު ތަހުނިޔާ ފޮނުއްވުމާ ގުޅިގެން ވަރަށް ގިނަ އިލްމުވެރިން އަންނަނީ އެކަމަށް ފާޑު ވިދާޅުވަމުންނެވެ.