ތިލަފުށި ފަޅުގައި އޮތް ދޯންޏަކަށް ތެޔޮ އަޅަނިކޮށް ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދިވެހި މީޙާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އައިޖީއެމްޗުން ބުނެފި އެވެ.

އައިޖީއެމްއެޗް އިން ބުނީ ފިހިގެން އެ ހޮސްޕިޓަލަށް ދެ މީހަކު ގެނެވުނު ކަމަށާއި އެއީ ދިވެއްސަކާއި ބިދޭސީއެއް ކަމަށެވެ. އޭގެ ތެރެއިން ދިވެހި މީހާގެ ހާލު ސީރިއަސް ކަމަށާއި އަދިވެސް ފަރުވާދެމުންދަނީ އައިސީޔޫގައި ކަމަށެވެ. ނަމަވެސް ބިދޭސީ މީހާ އެ ދުވަހު ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށްވެސް ބުންޏެވެ.

ދިވެހި މީހާގެ ހަށިގަނޑުގެ 20 ޕަސެންޓް ފިހިފައިވާ ކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފަ އެވެ.

އަލިފާނުގެ މި ހާދިސާ ހިނގީ ތިލަފުށީ ފަޅުގައި އޮތް ދޯންޏަކަށް ތެޔޮ އަޅަން އުޅުމުގެ ތެރޭގަ އެވެ. އަދި އެ ދޯންޏާ ކައިރީގައި އޮތް އިތުރު ދޯންޏެއްގައިވެސް ވަނީ ރޯވެފަ އެވެ. މި ދެ ދޯނީގެ ވާގަނޑު ކަނޑާލުމަށްފަހު ދޫކޮށްލުމުން އޮޔާދަނިކޮށް ސިފައިންގެ އެހީތެރިކަމާއެކު ދެ ދޯނީގައި ރޯވެފައިވާ އަލިފާން ވަނީ ކޮންޓްރޯލް ކޮށްފަ އެވެ.

ދާދިފަހުން ތިނަދޫ ބަނދަރުގައި އޮތް މަސްދޯންޏެއްގައި ހުރި ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާގައި ހަތަރު މީހަކު ފިހިފައިވާ އިރު، އޭގެ ތެރެއިން ދެ މީހަކު ވަނީ މަރުވެފަ އެވެ.