މުޅި ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ ނުރައްކަލަކީވެސް ކުޑަ ނުރައްކަލެއް ނޫން ކަމަށާއި އެއީ ބިޔަ ބޮޑު ސުނާމީއެއް ފަދަ ނުރައްކަލެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ އެއްބަވައިންތަކަމުގެ ދުވަހާ ގުޅިގެން ފޮރިން މިނިސްޓްރީން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އެއްބައިވަންތަ ކަމުގެ ދުވަހަކީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އިންޑޮނޭޝިއާގެ ސުމަޓްރާއަށް އައި ބިންހެލުމާ ގުޅިގެން ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާން އާކޮށް ދިވެހިން އެދުވަހު ދެއްކި އެއްބައިވަންތަކަމުގެ ރީތި ނަމޫނާގެ ހަނދާން އާކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ.
ސުނާމީ ކާރިސާއަށް ފަހު ޗައިނާ ސަރުކާރުގެ އެހީގައި މާލެ ވަށައިގެން ހަދާފައިވާ ޓެޓްރަޕޮޑް ތޮށިގަނޑުގައި މަޑުކޮށްލަވައިގެން ހުންނަވައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ މިއަދު ރާއްޖެ އާއި މުޅި ދުނިޔެއަށް މިއަދު ކުރިމަތިވެފައި މިވަނީ ވެސް ބޮޑު ސުނާމީއެއް ފަދަ ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި މި ސުނާމީއަކީ ލޮލަށް ފެންނަ ސުނާމީއެއް ނޫން ކަމަށާއި ކުދިކުދި ވައިރަސްތަކެއްގެ ސިފައިގައި އައިސް މުޅި މުޖުތަމައުއަށް ހަމަލާދެމުންދާ ސުނާމީއެއް ކަމަށެވެ.
ޝާހިދު ވިދާޅުވީ މީގެ 16 އަހަރު ކުރިން ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ދިވެހިންގެ ފަރާތުން ފެނުނު އެއްބައިވަންތަކަން މިއަދު މި ހާލަތުގައިވެސް ފެންނަމުން އަންނަ ކަމަށެވެ. އެގޮތުން އަމިއްލަ ނަފްސަށް ބެލުމެއްނެތި އެހެން މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް އަތުކުރި އޮޅާލައިގައިގެން އިސް ސަފުގައި ގިނަ ބަޔަކު ހަރަކާތްތެރިވާތަން މިއަދުވެސް ފެންނަމުން އަންނަ ކަމަށެވެ.
"މި ސުނާމީއަކީ ލޮލަށް ފެންނަ ސުނާމީއެއް ނޫން. މި ސުނާމީގައި އަޅުގަނޑުމެންގެ އެތަށް ބަޔަކު އަޅުގަނޑުމެންނާއި ވަކިވެ އަލްވަދާއު ކިޔައިފި. އެކަމަކު މިފަދަ ކޮންމެ ކަމެއްގައި ވެސް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އެއްބައިވަންތަކަން، އެކުވެރިކަން. ދިވެހިން ދައްކަމުންގެންދާ ނަމޫނާއަށް އަޅުގަނޑު ފަހުވެރިވަން. މީގެ 16 އަހަރު ކުރިން ސުނާމީ އެރި ދުވަހު ދިވެހިންގެ ފަރާތުން ފެނިގެން ދިޔައީ އޭގެ ކުރިން ދުވަހަކުވެސް ނުފެންނަ ވަރުގެ އެއްބައިވަންތަކަމާއި އެކުވެރިކަން. މިއަދުގެ މި ހާލަތުގައިވެސް ފެންނަމުންދަނީ އެ އެއްބައިވަންތަކަން." މިނިސްޓަރު ވިދާޅުވިއެވެ.
މި ރަސްމިއްޔާޓުގައި ވަނީ ސުނާމީ ކާރިސާގައި މަރުވި މީހުންގެ ހަނދާނުގައި އެއް މިނެޓުގެ ސުކޫތެއް ގެެސްފައެވެ. އަދި ސުނާމީއަށްފަހު ރާއްޖެއަށް އެކި ގޮތްގޮތުން އެހީވެދިން ބޭރު ގައުމުތަކަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު