ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް ކްލަބާ ދެކޮޅަށް މިރޭ ނުކުންނަ މެޗަކީ މި ބުރުގެ ފައިނަލް މެޗު ކަމަށް ކްލަބު ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފިއެވެ.

ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުގައި މާޒިޔާއިން ގިނަ ގޯލުތަކެއް ޖަހައި، ތަފާތު ބޮޑު ސްކޯތަކަކުން މެޗު ކާމިޔާބު ކޮށްފައިވާ އިރު، އެޓީމަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޓީމެވެ. އިދިކޮޅުން ނުކުންނަ ވެލެންސިއާއަކީ ރާއްޖޭގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ކްލަބެވެ. އެ ކްލަބުން ފުރަތަމަ ޑިވިޝަންގެ އެތައް ތަށްޓެއް ހޯދާފައިވާ އިރު، މިއަހަރުގެ ލީގުގައި ވާދަކުރަނީ އެއް އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ.

މި ސީޒަނަށް އަލީ އަޝްފާގު (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) ފަދަ ކުޅުންތެރިންނާއެކު ވެލެންސިއާއިން ލީގަށް ނުކުމެފައިވާ އިރު، އެޓީމުން ވަނީ މިހާތަނަށް ކުޅުނު ދެމެޗު ވެސް ކާމިޔާބުކޮށްފައެވެ.

"މާޒިޔާ މެޗަކީ ވެލެންސިއާގެ ފެންވަރު، ސްޓްރެންތުތަކާއި ވީކްނެސްވެސް ބަލައިލަން އެންމެ ރަނގަޅު މެޗު. ކުރިއަށް އޮތް މެޗުތަކަށް ތައްޔާރުވާން ވަރަށް ރަނގަޅަށް އެނގޭނެ މި މެޗުން. މާޒިޔާއަކީ ލީގުގައި އޮތް އެންމެ ވަރުގަދަ އެއް ޓީމު. އެހެންނަމަވެސް އަޅުގަނޑު ވެލެންސިއާ ނުގުގާނަން ވަރުގަދަ ޓީމެއްގެ ގޮތުގައެއް. މިހާތަނަށް ފެނުނު ކުޅުމަކީ އަދި ޓީމުތަކުގެ ފެންވަރެއް ނޫން. ލީގު ޑިސައިޑް ކުރާކަށް އަދި ނޭނގޭނެ. ވަރަށް ބޮޑަށް ޓީމުތަކަށް ތަފާތު އަންނާނެ ކުރިއަށް އޮތް މެޗުތަކުގެ ތެރެއިން،" މެޗާ ގުޅިގެން ބޭއްވި ޕްރި މެޗު ޕްރެސްގައި އާތީ ބުންޏެވެ.

އާތީ ވަނީ ވެލެންސިއާގެ ނަތީޖާތަކަކީ ކުޅުންތެރިންގެ ބުރަ މަސައްކަތް ކަމަށް ބުނެ، ކުޅުންތެރިންނަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އެހެން ނަމަވެސް އޭނާ ބުނީ ރަނގަޅު ފޯމުގެ ސަބަބުން ވެލެންސިއާއަށް ޕްރެޝަރު ކުރިމަތިވާނެ ކަމަށެވެ.

"ވެލެންސިއާއަކީ ބްރޭންޑެއް. ސަޕޯޓަރުން ވަރަށް ބޮޑަށް ބޭނުންވާނެ މެޗުން މޮޅުވާން. އެއީ ޓީމަށް އަންނަ ޕްރެޝަރެއް. ކޮންމެ މެޗަކުވެސް، ވަކިން ހާއްސަކޮށް މި މެޗުން މޮޅުވާން ހުރިހާ ސަޕޯޓަރުންވެސް އެބަ ބޭނުންވޭ. އެހެންވީމާ މިއީ މި ބުރުގެ ފައިނަލް މެޗޭވެސް ދެންނެވިދާނެ. ފުރަތަމަ ބުރު ރަނގަޅު ހިސާބެއްގައި ނިންމާލަން ބޭނުން ނަމަ މިރޭގެ މެޗު މުހިއްމުވާނެ." އާތީ ބުންޏެވެ.

މިރޭގެ މެޗާ ގުޅިގެން ވާހަކަދައްކަމުން މާޒިޔާގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މިވަގުތަށް ބަލާ އެންމެ އުނދަގޫވާނެ މެޗަކީ މާދަމާ ރޭގެ މެޗު ކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތް ތަނުގައި އެކަންކަން ބަދަލުވެގެން ދާނެ ކަމަށްވެސް ނިޒާމްބެ ބުންޏެވެ. އެގޮތުން ލީގު ކުރިއަށްދާއިރު އަނިޔާއާއި އެހެނިހަން ކަންތައްތަކުގެ ސަބަބުން ޓީމުތަކަށް އަސަރުކުރާނެކަން ނިޒާމްބެ ފާހަގަކުރިއެވެ.

މާޒިޔާއައި ވެލެންސިއާ ކުޅޭ މެޗު އޮންނާނީ މިރޭ 9:00 ގައެވެ.