މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު 14 ބޭފުޅަކަށް އަދި ހާއްސަ އިނާމު 20 ބޭފުޅަކަށް ދެއްވުމަށް ނިންމަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލެއްވި ގައުމީ އިނާމާބެހޭ ކޮމިޓީން ކަމަށެވެ. އަދި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވާ 14 ބޭފުޅުންގެ ތެރެއިން ހަ ބޭފުޅުންނަކީ މީގެކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުން ކަމަށް އެ އޮފީހުން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް މިއަހަރު ހާސިލު ކުރަނީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ ބޭފުޅަކާއި މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 13 ބޭފުޅަކާއި އަދި ބައިނަލްއަގުވާމީ މުބާރާތްތަކުން ނުވަތަ މިނޫން ވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވާފައިވާ ހަ ބޭފުޅެކެވެ.
ހިތްވަރު ދިނުމުގެ ގައުމީ އިނާމު މިއަހަރު 24 ބޭފުޅަކަށް ދޭން ނިންމާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމާއި ހާއްސަ އިނާމު ދިނުން އޮންނާނީ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ޖުމްހޫރީ މައިދާނުގައި މާދަމާ ރޭ ބާއްވާ ރަސްމީ ޖަލްސާގަ އެވެ. ކީރިތި ގުރުއާން ހިތުދަސްކޮށް އެއް ވަނަ ދަރަޖައިގައި ފާސްވި ހަތަރު ހާފިޒުންނަށް ރައީސް ދެއްވާ ހާއްސަ މެޑަލް ވެސް އެ ޖަލްސާގައި ދެއްވާނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު