ރިޝްވަތު ދޭ މީހުންނާއި ރިޝްވަތުގައި ހިފާ މީހުންނާއި ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވާ މީހުންނަށް ފަހުން ލިބޭ ގެއްލުމާއި ހަލާކު މާބޮޑުކަން ވިސްނާލަންޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
"ރިޝްވަތަކީ ގައުމުގެ ތަރައްގީއަށް އޮތް ހުރަހެއް" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، މުޅި ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ބޮޑެތި ވަބާތަކުގެ ތެރެއިން ނުރައްކާތެރިކަން ފިލުވައިލަން އެންމެ އުދަނގޫ އެއް ވަބާއަކީ ރިޝްވަތުގެ ވަބާ ކަމަށެވެ. އަދި އެއީ ވަރަށް ސިއްރު ގޮތެއްގައި ކުރަމުންދާ ކަމަކަށްވާތީ ވަރަށް ގިނަ މުޖުތަމައުތަކުގައި ރިޝްވަތުގެ އަމަލުތައް އާންމުވެފައިވާ ކަމަށް ބުންޏެވެ.
ރާއްޖޭގެ ކުޑަކުޑަ މުޖުތަމައު ވެސް ރިޝްވަތުގެ ނުރައްކާތެރި ވަބާގައި ޖެހިފައިވާކަން ފާހަގަކުރައްވައި ހުތުބާގައި ބުނީ، ރިޝްވަތާއި ނާޖާއިޒު ފައިދާ އާއި ހިޔާނާތުގެ އަމަލުތައް މުޖުތަމައުގައި ގިނަވެ އެކަމަކީ ވަރަށް އާދައިގެ ކަމެއް ކަމަށް މުޖުތަމައުގެ ބައެއް މީހުން ދެކެން ފަށާފައިވާ ކަމަށެވެ. ނަމަވެސް ގާނޫނުތަކާއި ގަވާއިދުތަކާ ދިމާ އިދިކޮޅަށް ތިމާ ބޭނުންވާ ކަންކަން ހާސިލު ކުރުމަށްޓަކައި ކުރެވޭ އެފަދަ އަމަލުތަކަކީ ތިމާމެންގެ ގައުމުގެ މުސްތަގުބަލާއި ދަރިންގެ ކުރިއެރުމާއި ތަރައްގީ، އަރައި ގަނުގަނެވޭ ފަދަ ފުންވަޅުގަނޑަކަށް ވެއްޓިދާނެ ކަމެއް ކަމަށް ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ، ކޮންމެ މީހަކު ވެސް އެމީހަކާ ހަވާލުކުރެވިފައިވާ ކަމެއްގައި ތެދުވެރިވެ އަމާނާތްތެރިވުމަކީ އިސްލާމްދީނުގައި ވާޖިބު ކުރައްވާފައިވާ ކަމެއް ކަމަށެވެ. އަދި ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމާއި ކަންކަމުގައި ނާޖާއިޒު ފައިދާ ހޯދުމާއި ހިޔާނާތްތެރިވުމާއި މަކަރާއި ހީލަތް ހެދުމަކީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފަ ތަކެއް ކަމަށް ބުންޏެވެ.
އެހެންކަމުން އެކަމުން ދުރުހެލިވެ، އެހެން މީސްތަކުން ވެސް އެކަމުން ދުރުހެލި ކުރުވުމަށް މަސައްކަތްކޮށް، އަދި އެކަމުގެ ނުބައިކަން މީސްތަކުންނަށް ބުނެދިނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށާއި އެކަމުގެ ނުބައިކަމުގެ ބޮޑުކަމާއި އެކުލެވިގެންވާ ފަސާދައިގެ ބޮޑުކަން އަދި އެކަމުގެ ސަބަބުން ފަހުން ލިބިދާނެ ހިތި ނަތީޖާތަކުގެ ވާހަކައިން މީސްތަކުން ހޭލުންތެރި ކުރުވަންޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ، ރިޝްވަތުގެ ސަބަބުން ވަގުތީ ހައްލެއް ނުވަތަ ވަގުތީ އުފަލެއް ލިބުނު ނަމަވެސް، ރިޝްވަތު ދޭ މީހުންނާއި ރިޝްވަތުގައި ހިފާ މީހުންނާއި ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވާ މީހުންނަށް ފަހުން ލިބޭ ގެއްލުމާއި ހަލާކު މާބޮޑުކަން ވިސްނާލަންޖެހޭ ކަމަށެވެ.
އެގޮތުން ތިމާމެންގެ އިތުރުން ތިމާމެންގެ އަނބިދަރިން ނަރަކަޔަށް އެއްލައިލައިނީ ތިމާމެންގެ އަތުންކަން ފާހަގަކުރައްވައި ހުތުބާގައި ބުނީ، ހަރާމްތަކެތި އަނބިދަރިންނަށް ކާންދިނުމަކީ ތިމާމެންގެ ދަރިން ބަސްނޭހުމާއި ވިޔާނުދާ އަމަލުތައް ކުރުމަށާއި ބޮޑެތި ޖަރީމަތައް ހިންގުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ބުންޏެވެ. އަދި މިހާރަކަށް އައިސް ޒުވާނުންގެ ތެރެއިން ބައެއް ޒުވާނުން ހިންގަމުންދާ މާރާމާރީ އާއި ބަދުއަހުލާގީ އަމަލުތަކާއި އެނޫން ވެސް ތަފާތު ކަންތައްތަކުގެ ސަބަބުން ގައުމުގެ ހާލަތު ނުރައްކާތެރި ބިރުވެރި ހާލަތަކަށް ގޮސްފައިވާއިރު އެކަންކަން ހިނގަން މެދުވެރިވާ ސަބަބަކީ ކޮބައިތޯ ވިސްނައިލަނީ ކިތައް ބެލެނިވެރިންތޯ ހުތުބާގައި ސުވާލުކުރި އެވެ.
ހުތުބާގައި އިތުރަށް ބުނީ މާތް ﷲގެ ހައްދުތަކާއި ޝަރީއަތްތައް ރަނގަޅު ގޮތަށް ގާއިމް ވިޔަނުދިނުމަށް ދެވޭ ހަދިޔާއަކީ ވެސް ރިޝްވަތު ކަމަށެވެ. އެގޮތުން ޒިނޭގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތަކާއި މަސްތުވާތަކެތި ފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވި ބަންދުކުރެވިފައިވާ މީސްމީހުންގެ އަތުން ހަދިޔާ އަތުލުން ހުއްދައެއް ނުވާނެ ކަމަށާއި އަދި އެކިއެކި މަގާމުތަކުގައި އެކިކަންތަކާ ހަވާލުވެގެން އުޅޭ މުވައްޒަފުންނަށް ދެވޭ ހަދިޔާއަކީ ވެސް ރިޝްވަތު ކަމަށް ހުތުބާގައި ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު