ކޮވިޑާއި ގުޅިގެން ހުއްޓިފައި އޮތް ހިމަބިހީގެ ވެކްސިނޭޝަން ކެމްޕޭން އަންނަ ހަފްތާގައި އަލުން ފަށާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފިއެވެ.

އެޗްއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ކޮވިޑާއި ގުޅިގެން ހުއްޓިފައި އޮތް ހިމަބިހީގެ ވެކްސިނޭޝަން ޕްރޮގްރާމް އަލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން 18 މަހާއި 40 އަހަރުގެ ދިވެހިންގެ ތެރެއިން ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ޖެހިކަމުގެ ލިޔުން ނެތް ފަރާތްތަކުން ވެކްސިން ޖަހަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އަންނަ ހަފްތާގައި މި ޕްރޮގްރާމް ތިން އަތޮޅެއްގައި ފެށި ނަމަވެސް އެ އަތޮޅުތައް ނިންމުމަށްފަހު އެހެން އަތޮޅުތަކުގައި ވެކްސިނޭޝަން ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށެވެ.

"ބިދޭސީންގެ ތެރެއިން ހުރިހާ އުމުރެއްގެ މީހުންނަށްވެސް ދެ ޑޯޒް ޖަހައިފައިވާ ކަމުގެ ލިޔުން ނެތިއްޔާ އެބޭފުޅުންނަށް ވެކްސިން ދޭނެ. ދެން މި އަންނަ ހަފްތާއިން ފެށިގެން ތިން އަތޮޅެއްގައި އަޅުގަނޑުމެން ވެކްސިނޭޝަން ފަށާނެ. އެގޮތުން ނ އަތޮޅު، ލ އަތޮޅު އަދި މ އަތޮޅުގައި މި ވެކްސިން ކެމްޕޭން ފަށާނެ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ޖެނުއަރީ މަހުގެ ތެރޭގައި މާލެއިން ހިމަބިހީގެ އައުޓްބްރޭކެއް ފެނުމުން، ވެކްސިންގެ ޑޯޒް ހަމަނުކޮށް ތިބި މީހުންނަށް ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ންގޮސްފައިވާ ކަމަށެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން ވެކްސިން ޖެހުމުގެ ކަންކަން މެދުކަނޑާލިއެވެ.