ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް ބަޓްލާ އެކަޑަމީއާ ދެމެދު ބަޓްލަރުން ތަމްރީން ކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރު އަދި އެކްޓިން ޕާމަނެންޓް ސެކްރެޓަރީ އަލީ ޝިނާނެވެ. މޯލްޑިވްސް ބަޓްލާ އެކަޑަމީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު މުހައްމަދު ޔަމާނީއެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މޯލްޑިވްސް ބަޓްލާ އެކަޑަމީގެ ސެޓްފިކެޓް އެންޑޯޒްކޮށްދޭނެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ބަޓްލަރުން ތަމްރީނުކުރުމާ ގުޅޭ ކަންތައްތަކުގައި ޓޫރިޒަމް މިނިސްޓްރީއަށް މޯލްޑިވްސް ބަޓްލާ އެކަޑަމީގެ އެހީތެރިކަން ފޯރުކޮށް ދިނުމާއި ރާއްޖޭގެ ބަޓްލާ ޓްރެއިނިން ކޯސް ހިންގުމާއި ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ބަޓްލާ ޕްރޮފެޝަންއަށް ދިވެހިންގެ ޝައުގުވެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ބަޓްލާ ޓްރެއިނިން ޕްރޮގްރާމަކީ ރާއްޖެއަށް ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށާއި ބަޓްލާ ކަމަށް ގިނަ ދިވެހިން ކުރިމަތިލާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ބަޓްލާ އެކަޑަމީގެ ޑިރެކްޓަރު މުހައްމަދު ޔަމާނީ ވިދާޅުވީ އެ ޕްރޮގްރާމުތަކުން ދިވެހިންނަށް ވަޒީފާގެ ކުރިއެރުން ލިބުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ.
މަތީ ފެންވަރުގެ ރިސޯޓުތަކުގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމުގައި ބަޓުލަރުން ބޭނުންކުރުމަކީ މިފަހަކަށް އައިސް ވަރަށް މަގުބޫލުކަމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު