ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ކ. ފުށިދިއްގަރުފަޅު ތަރައްގީކުރުމުގެ މަޝްރޫއާ ގުޅޭގޮތުން އޭރުގެ ފިނޭންސް މިނިސްޓަރު އަދި ފަހުން ނައިބު ރައީސަކަށް ހުންނެވި އަބްދުﷲ ޖިހާދުގެ މައްޗަށް ކުރާ ކޮރަޕްޝަން މައްސަލައިގެ ދައުވާގައި، އޭނާ ބޭސް ފަރުވާއަށް ފުރަން އެދުމުން އެ ހުއްދަ ނުދިނުމަށް ކުރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ބުނިގޮތުގައި ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެނޫން ގޮތަަށް އަމަލުކުރުމުގެ ކުށުގެ ދައުވާ ޖިހާދުގެ މައްޗަށް ކުރަން ފޮނުވި މައްސަލައަކީ ރިޔާސީ ކޮމިޝަނުން ތަހުގީގުކޮށް ފޮނުވި މައްސަލައެކެވެ.
މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމަކީ، ޖިހާދު ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދައަށް އެދިފައިވާތީ، އެކަމާ މެދު ގޮތެއް ނިންމަން ބޭއްވި އަޑުއެހުމެކެވެ.
ސިއްހީގޮތުން ޖިހާދަށް ދިމާވެފައިވާ ބަލި ހާލަތު މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ހުށަހަޅުއްވަމުން ޖިހާދުގެ ވަކީލު ހަސަން ފަލާހު ވިދާޅުވީ، ޖިހާދުގެ ބަލިތަކުގެ ތެރޭގައި އިންސޮމްނިއާ އަދި ހަކުރު ބަލި ހިމެނޭ ކަމަށެވެ. އަދި ޖިހާދަކީ އަވަސްއަވަހަށް ކުޑަކަމުދިއުމުގެ ބަލި ހުންނަ ބޭފުޅެއް ކަމަށް ވެސް ވިދާޅުވިއެވެ.
އެ ބަލި ހާލަތްތަކަކީ ގަވާއިދުން ބޭސްކުރަންޖެހޭ ހާލަތްތަކެއް ހާމަކުރައްވަމުން ވަކީލު ވިދާޅުވީ، އެ ބަލިތަކަށް ފަރުވާ ހޯދަން ދުބާއީއަށް ވަޑައިގަންނަވަން ޖިހާދު ޓިކެޓުވެސް ނަންގަވާފައިވާ ކަމަށެވެ.
މީގެ އިތުރުން ޖިހާދަކީ ގައުމުގެ ނާއިބު ރައީސްކަމުގެ އިތުރުން ފިނޭންސް މިނިސްޓަރު ކަމާއި، އެމްއެމްއޭގެ ގަވަރުނަރުކަން ކުރައްވައި، 35 އަހަރު ވަންދެން ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ދައުލަތުގެ އިއްޒަތްތެރިއެއްކަންވެސް ވަކީލު ފާހަގަކުރެއްވިއެވެ. އަދި ޖިހާދުގެ ދެ ދަރިން ކިޔަވަން ގޮސް ތިބެނީ ވެސް ދުބާއީގައި ކަމަށާއި އެކުދިންނާ ބައްދަލު ނުކުރެވޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މި މައްސަލައިގައި ޖިހާދު ބޭސްފަރުވާއަށް ފުރުމަށް ހުއްދަ ދިނުމަށް އިއުތިރާޒުކޮށް ދައުލަތުގެ ވަކީލު ވިދާޅުވީ، ޖިހާދަށް ކޮށްފައިވަނީ ޖިނާއީ ބޮޑު ދައުވާއެއް ކަމަށެވެ. އަދި މި މައްސަލައިގައި ޖިހާދަށް ފަސް އަހަރުގެ ހުކުމެއް ކުރުމުގެ ފުރުސަތު އޮއްވައި، ފުރައިފި ނަމަ ފިލައިފާނެ ކަމަށް ބެލެވޭ ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
ދުބާއީއާއި ރާއްޖެއާ ދެމެދު އެކްސްޓްރަޑިޝަން އެއްބަސްވުމެއް ނެތުމުން އޭނާ ފިލައިފި ނަމަ ހައްޔަރުކޮށްގެން ރާއްޖެއަށް ގެނެވޭނެ ގޮތެއް ނޯންނާނެ ކަަމަށް ވެސް ދައުލަތުން ވިދާޅުވިއެވެ.
ދައުލަތުން ދެއްވި ވާހަކަތަކާ ގުޅިގެން ޖިހާދު ވިދާޅުވީ، އޭނާގެ މައްޗަށް ކޮށްފައިވަނީ ނުހައްގު ދައުވާތަކެއް ކަމަށާއި ދައުލަތުން އޭނާއަށް ދެމުން ދަނީ އަނިޔާ ކަމަށެވެ. އަދި އޭނާއަކީ ފިލައިގެންދާނެ މީހެއް ނޫން ކަމަށާއި ހަތިމެއް ދިއްކޮށްފިއްޔާ އެކަމަށްޓަކައި ހަތިމުގައި އަތްލާފައިވެސް އެވާހަކަ ދަންނަވާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ. ޖެނުއަރީ 11ގައި އަނބުރާ ރާއްޖެ އަންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމުގައި ދެފަރާތުން ދެކެވުނު ވާހަކަތަކަށް ބެއްލެވުމަށްފަހު، ޖިހާދު ފިލައިގެންގޮސް، ކޯޓަށް ހާޒިރު ނުވާނެ ކަމުގެ އިހުތިމާލު އޮތުމުން ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ ޖިހާދަށް ނުދޭން ގާޒީ މުހައްމަދު ސަމީރު ނިންމެވިއެވެ.
ޕީޖީ އޮފީހުން ބުނީ ފުށިދިއްގަރު، ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާގޮތަށް ޖޮއިންޓްވެންޗާ އެއްބަސްވުމެއް ހެދުމަށް ނޮވެމްބަރު، 29، 2011، ގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެ ނިންމުމުގައި އޮތީ އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދުކުރަން ނުޖެހޭ ގޮތަށާއި އެ މަޝްރޫއުގެ ބިމު ކުލި ދައުލަތަށް ލިބެން ޖެހޭނެ ގޮތަށެވެ.
އެކަމަކު ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޖިހާދު އެ ރަށުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ކަނޑައެޅިގެން ހިލާފަށް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ހިލާފުވާން ޖެހޭ ސަބަބެއް ނެތި ޖިހާދު، ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު ސޮއިކުރެއްވީ 50 ޕަސެންޓުގެ ބަދަލުގައި ދިވެހި ދައުލަތުގެ 25 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ކަމަށެވެ.
"އަބްދުﷲ ޖިހާދުގެ މި އަމަލުގެ ސަބަބުން ރައްޔިތުންނާއި ދައުލަތަށް ލިބެން އޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައި ވެސް 604،713،750 ޑޮލަރު އުނިވެފައިވެއެވެ. މީގެ އިތުރުން، ދައުލަތުގެ 50 ޕަސެންޓް ހިއްސާގެ ބަދަލުގައި 25 ޕަސެންޓަށް ހިއްސާ ބަދަލުވުމުން، ކުންފުނީގެ ވިޔަފާރި ފައިދާ އިން ލިބޭނެ ގެއްލުން ވެސް އޮންނާނެއެވެ،" ޕީޖީން ކުރިން ބުނެފައިވެއެވެ.
ވަޒީރުންގެ މަޖިލީހުން ނިންމެވި ގޮތުންނަމަ، ބިމު ކުލިން 50 އަހަރުގެ ތެރޭގައި 411،720،000 ޑޮލަރު އަދި ޕްރައިމް ލޮކޭޝަން ޗާޖު، 50 އަހަރުގެ ތެރޭގައި 192،993،750 ޑޮލަރު ލިބޭނެއެވެ. ނަމަވެސް ޖިހާދު އަމަލުކުރެއްވި ގޮތުން އެ ފައިދާ ނުލިބި ދައުލަތަށް ބޮޑު ގެއްލުމެއް ވަނީ ލިބިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު