(ޑިސެމްބަރު 21 ގެ އަދަދާ ގުޅޭ)
ނޯކަރުން މާބޮޑަށް ބާރުއެޅުމުން سعد އާއި އޭނާގެ ކޮއްކޮމެން މަރިޔާދުގޭގައި މަޑުކޮށްލައްވައިފިއެވެ. މާގިނައިރެއްނުވެ إدريـس ވެސް ވަޑައިގެންފިއެވެ. ރޭގަނޑުގެ ފަރީއްކޮޅަށްފަހު އެބޭފުޅުން ވަރަށްގިނައިރު ވަންދެން ވާހަކަ ދައްކަވާން ތިއްބެވިއެވެ. އެންމެފަހުން سعد ވިދާޅުވިއެވެ. "މިހާރު މާބޮޑަށް ލަސްވެއްޖެ. ދެން ރަނގަޅުވާނީ އަޅުގަނޑުމެން މެހުމާންސަރާއަށް ދިއުން." إدريـس ޖަވާބު ދެއްވިއެވެ. "މިހާދަންވަރު އެތަނަށް ވަޑައިގެން ކީއްތޯ ކުރައްވަނީ؟ މިރޭ ދެން މިގޭގައި އަވަހާރަފުޅު ލައްޕަވަންވީ ނޫންތޯ؟"
سعد ޖަވާބު ދެއްވިއެވެ. "ނޫން! އަޅުގަނޑުމެންގެ ޚަބަރެއް ނުވީމާ އަޅުގަނޑުމެންގެ އެކުވެރީން ކަންބޮޑުވެގެން އުޅޭނެ."
ގޯތިތެރެއާވީ ދިމާއިން ކޮންމެވެސް މީހެއް ދޮރުގައި ޓަކިޖަހައިފިއެވެ. إدريـس ތެދުވެވަޑައިގެން ބޭރަށް ނުކުމެވަޑައިގެންފިއެވެ. އިރުކޮޅެއްގެފަހުން އޭނާ އެނބުރިވަޑައިގެން ވިދާޅުވިއެވެ. "سعد! ميـمــونـة ކަލާދެކެ ވަރަށް ނުގަބޫލުވެއްޖެ. އޭނާ ބުނަނީ ކަލާ އަޅުގަނޑުމެންގެ މެހުމާންދާރީ ގަބޫލު ނުކުރައްވަންޏާ ކޮއްކޮމެން މިގޭގައި ބައިތިއްބަވައިފައި ވަޑައިގަންނަވާށޭ!"
سعد ވިދާޅުވިއެވެ. "އަޅުގަނޑުމެން އެނބުރި ދިޔުމުގެ ކުރީން އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ މެހުމާންދާރީގެ އުފާ ފުރިހަމަޔަށް ހޯދާނަން. އަޅުގަނޑުމެންގެ މަސައްކަތް ނިމުނުހައި އަވަހަކަށް އަންނަނީ ކަލާގެ އަރިހަށް. އެކަމަކު މިވަގުތު އަޅުގަނޑުމެންނަށް އަމުރު ދެއްވާ!"
إدريـس ވިދާޅުވިއެވެ. "ޚުދު އަޅުގަނޑުވެސް ކަލާގެ ރަޙުމަތްތެރީންގެ އަރިހަށްދާން ބޭނުން. އެކަމަކު މިދުވަސްވަރު އަޅުގަނޑުގެ މަސައްކަތް ވަރަށްވެސް ބޮޑު. ސިއްކަޖަހައި ގޭގައި މިހާރު ދަނީ ރެޔާދުވާލު މަސައްކަތް ކުރެވެމުން. މާދަމާ ނޫން އަނެއްދުވަހު ޚަޒާނާއާ ބެހޭ ވަޒީރު އަލްފާންސޫގެ އަރިހަށް ޖިޒީ ހިއްޕަވައިގެން ފުރައިވަޑައިގަންނަވާނެ. އޭގެކުރީން ސިއްކަޖަހާ ގޭގައިހުރި ހުރިހައި ރަން ރިއްސެއް ފައިސާއަށް ބަދަލުކުރާން އަޅުގަނޑަށްވަނީ އަމުރު އައިސްފައި. އަދިވެސް ވަރަށްގިނަ މަސައްކަތް އެބަހުރި. މިރޭވެސް އިރުއަރަންދެން އަޅުގަނޑު އުޅޭނީ ސިއްކަޖަހާ ގޭގައި. މާދަމާވެސް ފުރުސަތެއް ލިބޭނެކަމެއް ނޭނގެ. އެކަމަކު މާދަމައަށްފަހު އަޅުގަނޑު މުޅީން ހުސްވާނެ. ކަލާއަށް معـتـمـد އާ ބައްދަލުކުރެއްވޭނެ ކޮންމެވެސް ގޮތެއް ހޯދައިދެވޭނެކަމަށްވެސް އަޅުގަނޑު އުންމީދުކުރަން. އުފާފާޅުކުރުމުގެ ރަސްމިއްޔާތު ނިމުމުން إبـن عمّــار ވެސް މަރުސިއްޔާއަށް ފުރައިވަޑައިގެންފާނެ. އަޅުގަނޑަށް ހީވާގޮތުގައި އޭނާ ނެތިއްޔާ ކަލާއަށް މާ މިނިވަންކަމާއެކު ވާހަކަ ދެއްކެވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ."
سعد ވިދާޅުވިއެވެ. "އަޅުގަނޑު ދައްކާން ބޭނުން ވާހަކަތައް ދައްކާން ބޭނުންވަނީ إبـن عمّــار ގެ ކުރިފުޅުމަތީގައި އަޅުގަނޑަށް ދެދުވަހެއްގެ ތެރޭގައި معـتـمـد ގެ އަރިހަށް ދެވިދާނެކަމުގެ ޔަގީންކަން އެބައޮތް."
"ކަލާއަކީ ވަރަށް ގޮތްދޫނުކުރައްވާ ބޭފުޅެއް. އެންމެރަނގަޅު ހިންގަވާ ދަމާ!"
سعد އާއި އޭނާގެ ކޮއްކޮމެން إدريـس ގެ އަރިހުގައި ބައްގީއަށް އަރައިވަޑައިގެންފިއެވެ. ސިއްކަޖަހާ ގެއާ ހަމަޔަށް ވަޑައިގެންފައި إدريـس ފައިބައިވަޑައިގަންނަވަމުން ބައްގީ ދުއްވާ މީހާއަށް އަމުރު ކުރެއްވިއެވެ. "މިބޭފުޅުން މެހުމާންސަރާއަށް ގެންގޮސްފައި އާދޭ!"
* * * * * * * * * * *
ވިދިގެންއައި ދުވަހުގެ ހެނދުނުއްސުރެ ހަވީރުވަންދެން سعد ޝާހީ ގަނޑުވަރުގައި ޠަވާފުކުރައްވަމުން ގެންދެވިއެވެ. ނަމަވެސް އޭނާއަކަށް معـتـمـد ގެ ދަރުބާރަށް ހާޒިރުވެވަޑައިގެންނެވުމުގެ ފުރުސަތެއް ލިބިވަޑައެއް ނުގެންނެވިއެވެ. ޝާހީ ގަނޑުވަރުގެ ޑިރެކްޓަރުގެ އަރިހުގައި އޭނާ ކުރެއްވި ޖޯޝީ ތަޤްރީރުން އޭނާގެ ހިތްޕުޅަކަށް ކުޑަވެސް އަސަރެއް ނުކުރިއެވެ. ޑިރެކްޓަރުގެ އަތްޕުޅުގައި އޮތީ އެންމެ ޖަވާބެކެވެ. "ކީރިތި މަހާރަދުން މިހާރު އުޅުއްވަނީ އުފާފާޅުކުރެއްވުމުގެ ރަސްމިއްޔާތުގައި. މިދުވަސްވަރު ޣަރުނާޠާގެ ވެރިޔާ ވަޑައިގެންނެވި ކަމުގައިވިޔަސް މަހާރަދުން އޭނާއަކާ ބައްދަލެއް ނުކުރައްވާނެ. ކަލާ އެއްހަފްތާ ވަންދެން ކެތްކުރައްވާ. އެހައިތަނުން އަޅުގަނޑު ކަލާގެ ވާހަކަ ކަންފަތްޕުޅަށް އަރުވާނަން. ރަސްގެފާނު ބޭނުންފުޅިއްޔާ އޭރުން ފުރުސަތެއް ދެއްވައިފާނެ. އަޅުގަނޑަށް ކޮށްދެވޭނެ އެހެންކަމެއް ނެތް. ކަލާ އަވަސްކުރައްވަން ބޭނުންފުޅުނަމަ ޝާހީ މެހުމާންޚާނާގެ ވެރިޔާއާ ބައްދަލުކުރައްވާ. އޭނާ މެދުވެރިވެވަޑައިގެންފިނަމަ ކަލާއަށް އުފާފާޅުކުރުމުގެ ޙަފުލާގައި ބައިވެރިވެވަޑައިގަތުމުގެ ހުއްދަ ވިދާޅުބަސްފުޅު ލިބިދާނެ."
سعد ޝާހީ މެހުމާންޚާނާގެ ވެރިޔާއާ ބައްދަލުކުރެއްވުމުން އޭނާ ޢުޒުރުވެރިވެވަޑައިގެން ވިދާޅުވިއެވެ. "އަހަންނަށް ދެންނެވޭނީ ހަމައެކަނި ބޭރުން އަންނަ މަޝްހޫރު ޅެންވެރީންނާއި ލަވަކިޔާ މީހުންގެ ވާހަކަ. އެގޮތަށްވެސް ދެންނެވޭނީ އަހަރެން އެމީހެއްގެ ޚަބަރު ބެލުމަށްފަހު ޙަފުލާގައި ބައިވެރިވުން އެކަށީގެންވާ މީހެއްކަމުގައި ވަންޏާ!"
އެދުވަހުގެ ހަވީރު سعد ތަންކޮޅެއް ޖެހިލުން ކުޑަކޮށްލައްވައިފައި ޅެންވެރީންގެ ޖަމާޢަތަކާއެކު ގަނޑުވަރަށް ވެދެވަޑައިގެންނެވިއެވެ. ދޮރޯށީން އެތެރޭގައި ފުލުހުން ދަޢުވަތު ކާޑު ޗެކްކުރަމުން ގެންދެއެވެ. سعد އެމީހުންގެ ކަޅިމަތި ބައްލަވައިފައި އެތެރެއަށް ވެދެވަޑައިގަންނަވާން އުޅުއްވިއެވެ. ނަމަވެސް ފުލުހުންގެ އޮފިސަރެއް އޭނާއަށް ދަންނަވައިލައިގެން ހުއްޓުވައިފިއެވެ.
"ކަލާގެ ދަޢުވަތު ކާޑު ކޮބައިތޯ؟" އޭނާ ސުވާލު ކުރިއެވެ.
"އަހަރެން މިއައީ މަހާރަދުންގެ އަރިހަށް ޣަރުނާޠާއިން ވަރަށް މުހިންމު ޚަބަރަކާއިގެން!" سعد އޭނާގެ ހާސްކަން ފޮރުއްވަން މަސައްކަތް ކުރައްވަމުން ވިދާޅުވިއެވެ.
"ދަޢުވަތު ކާޑު ނެތިއެއް އެތެރެޔަކަށް ވެދެވަޑައެއް ނުގެންނެވޭނެ!"
"އަހަރެން މަހާރަދުންގެ އަރިހަށް ހާޒިރުވުން ވަރަށް މުހިންމު. އަހަންނަކަށް ދަޢުވަތު ކާޑެއް ލިބެންދެނެއް އިންތިޒާރެއް ނުކުރެވޭނެ! ތިޔަބައިމީހުންނަށް އަހަންނާ ބެހޭގޮތުން ޝައްކެއްވަންޏާ އަހަރެން ހައްޔަރުކޮށް ރަދުންގެ އަރިހަށް ގެންދޭ!"
"ކަލާގެ މަޝްވަރާއަށް ޢަމަލުކުރުމަކީ އަޅުގަނޑުމެންގެ އިޚުތިޔާރުގެ ދާއިރާއިން ބޭރުގައިވާ ކަމެއް. ކަލާ އަވަހަށް ބޭރަށް ނުކުމެވަޑައިގަންނަވާ! މީގެފަހުން މިދޮރުން ވެދެވަޑައިގަތުމުގެ އުނދަގޫ ނުއުފުއްލަވާތި!"
سعد ފުލުހުންނާ ބަޙުޘް ކުރައްވަނިކޮށް ފުލުހުންގެ ވެރިޔާ އެތަނަށް ވަޑައިގެންފިއެވެ. سعد ގެ ވަށައިގެން ޖަމާވަމުންދިޔަ ފުލުހުން އެއްފަރާތަކަށް އަރައިފިއެވެ.
ފުލުހުންގެ ވެރިޔާ ސުވާލު ކުރެއްވިއެވެ. "ކީއްތަވެގެން މިއުޅެނީ؟"
ފުލުހުންގެ އޮފިސަރެއް ޖަވާބު ދިނެވެ. "މިހިރަ ޒުވާނާ އަޅުގަނޑުމެން އޭނާ ހައްޔަރުކޮށްގެން މަހާރަދުންގެ އަރިހަށް ނުގެންގޮސްގެން ގަދަދައްކަނީ!"
ފުލުހުންގެ ވެރިޔާ ޖަވާބު ދިނެވެ. "މިހާރަކަށްއައިސް އިޝްބީލިއްޔާގައި މޮޔައިން ވަރަށް ގިނަވެއްޖެ. ރަނގަޅުވާނީ ކަލޭމެން ދޮރޯށީން ބޭރުގައި ތިބެ ދަޢުވަތު ކާޑު އޮތްތޯ ބެލުން."
އޮފިސަރު ޖަވާބު ދިނެވެ. "މިރަށުގެ މޮޔައިންވެސް ޝާހީ ގަނޑުވަރުގެ އަދަބުތައް ދަނޭ. މީނާއަކީ ޣަރުނާޠާއިން އައި މީހެއް."
އެހެންވީއިރު ސިފައިންގެ ދެމީހަކަށް އޭނާ ރަށުން ބޭރަށް ނެރެފައި ދޫކޮށްލަން އަންގާ! އޭނާ ގެންދޭ!"
سعد ހަނުހިމޭންކަމާއެކު ފުލުހުންގެ ވެރިޔާއާ ދިމާޔަށް ބައްލަވާން ހުންނެވިއެވެ. އެފަލަފަލަ ޒުވާނާ ބުރުސޫރައިން އޭނާއަށް މާޒީގެ ފަނޑު ތަސްވީރެއް ފެނިވަޑައިގެންފިއެވެ. ކުއްލިއަކަށް އޭނާގެ ހިތްޕުޅުގައި ހަމަޖެހިވަޑައިނުގަތުމުގެ ވިންދުތަކެއް ހިނގާން ފަށައިފިއެވެ. އޭނާ ބޭރު ދޮރޯއްޓާ ދިމާޔަށް މިސްރާބު ޖައްސަވައިފިއެވެ.
"އިހަށް ހުއްޓިބަލަ!" ފުލުހުންގެ ވެރިޔާ ގުގުރައިވަޑައިގެންފައި ވިދާޅުވިއެވެ.
سعد ހުއްޓިވަޑައިގެން އަނެއްކާވެސް އޭނާއާ ދިމާޔަށް ބައްލަވާން ފައްޓަވައިފިއެވެ.
ފުލުހުންގެ ވެރިޔާ ދެތިން ފިޔަވަޅެއް ކުރިޔަށް އަޅުއްވައިފައި އިރުކޮޅެއް ވަންދެން سعد އާ ދިމާޔަށް ދެލޯފުޅު ބޮޑުކުރައްވައިގެން ބައްލަވާން ހުންނަވައިފައި ވިދާޅުވިއެވެ. "އަހަރެން މީގެކުރީންވެސް ކަލޭ ދުށް ހަނދާނެއް އެބަވޭ."
"ކަލާ ދުވަހަކުވެސް ޣަރުނާޠާއަށް ވަޑައިގެންނެވީމުތޯ؟" سعد ހަމަޖެހިވަޑައިގެން ސުވާލުކުރެއްވިއެވެ.
"ނުދަން. އެކަމަކު އަހަންނަށް ކަލޭ ފެނުނުކަން ޔަގީން."
"އަޅުގަނޑު މިރަށުތެރޭގައި ހިނގާތާ ދެދުވަސް ވެއްޖެ."
"މިރަށުގައި ދެދުވަސް ވީއިރުވެސް އިޝްބީލިއްޔާގެ ޝާހީ ގަނޑުވަރަކީ ކޮންމެ އާވާރާ މިޒާޖުގެ މީހަކަށް އެތާނގެ ދޮރު ހުޅުވިފައިހުރި މުސާފިރުޚާނާއެއް ނޫންކަމެއް ކަލެޔަކަށް ނޭނގުނުތަ؟ ކޮންކަމެއްތަ ކަލޭ ތިޔަ ބޭނުންވަނީ؟"
"އަޅުގަނޑު ބޭނުންވަނީ سـلطـان معـتـمـد އާ ބައްދަލުވާން."
"سـلطـان معـتـمـد ގެ ހާލުކޮޅާމެދު ތިޔަހައިބޮޑު ހަމްދަރުދީއެއް އުފެދިގެން ތިޔަ އުޅުއްވާ ސަބަބެއް އަޅުގަނޑަށް އަހައިލެވިދާނެތޯ؟"
"އަޅުގަނޑަކީ ޣަރުނާޠާއިން ޖިހާދުގައި ބައިވެރިވާން އަމިއްލަގޮތުން އައިމީހެއް. އަޅުގަނޑު އެނބުރި ދިޔުމުގެ ކުރީން.....!"
ފުލުހުންގެ ވެރިޔާ سعد ގެ ވާހަކަފުޅު މެދުކަނޑުވައިލައްވައިފައި ވިދާޅުވިއެވެ. "އަޅުގަނޑު سـلطـان معـتـمـد ގެ ފަރާތްޕުޅުން މަނިކުފާނަށް ޝުކުރުވެރިވަން. އެކަމަކު މަނިކުފާނު އަވަހަށް ރަށަށް ވަޑައިގަންނަވާ. ކަމަކާނުލައި މިތަނުން ބޮނޑިޔެއް ލިބިވަޑައިގަންނަވާތޯ އުޅުއްވުމުގެ ބޭނުންފުޅަކީ ކޮބައިތޯ؟ އަވަހަށް ވަޑައިގަންނަވާ!" ފުލުހުންގެ ވެރިޔާ ވާހަކަދެއްކެވީ މަލާމާތުގެ ރާގުގައެވެ.
سعد އެއްވެސް ޖަވާބެއް ނުދެއްވައި މަޑުމަޑުން ބޭރަށް ނުކުމެވަޑައިގެންފިއެވެ. ފުލުހުންގެ ވެރިޔާ ފުލުހުންނަށް އެންގިއެވެ. "މިބައިމީހުންނަށް ހީވެގެން އުޅެނީ އިޝްބީލިއްޔާގެ ގަސްގަހުގައި ފަތުގެ ބަދަލުގައި ނުކުންނަނީ ރުފިޔާކަމަށް. މީނާ ދެވަނަފަހަރަށް މިތަނަށް އަތުވެއްޖެނަމަ ގެންގޮސް ޖަލަށް ކޮއްޕައިލާ!"
* * * * * * * * * * *
އިރުއޮއްސިއްޖެއެވެ. سعد އިންނެވީ މެހުމާންސަރާގެ ކޮޓަރިޔެއްގައެވެ. سعد އޭނާގެ ކޮއްކޮމެންނަށާއި، އޭނާގެ ރަޙުމަތްތެރީންނަށް އޭނާގެ ދުވާލު ހަތަރުދަމުގެ މަސައްކަތްޕުޅުން ވާހަކަ ވިދާޅުވެ ދެއްވަނީއެވެ. سعد އޭނާގެ ވާހަކަފުޅު ނިންމަވައިލައްވައިފައި أحمد އާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "أحمد ކޮއްކޮ ހަނދުމަފުޅު އެބަހުރިތޯ؟ ކުޑައިރު އެއްފަހަރަކު އަޅުގަނޑުމެންނާ މަދީނަތުއްޒަހުރާގެ ކުދީންނާ ދެމެދު ތަޅައިފޮޅުމެއް ހިނގިޔެއް ނޫންތޯ؟ އެދުވަހު ބޭބެ ވަރަށް ފަލަކޮށްހުރި ކުއްޖަކާ ތަޅައިފޮޅީމެއް ނޫންތޯ؟"
"أحمد ޖަވާބު ދެއްވިއެވެ. "އާދެ! އަޅުގަނޑު ހަނދާން އެބަހުރި. އެކުއްޖާގެ ނަމަކީ زيـاد. އޭނާ ފާހަގަކުރުމުގައި އަޅުގަނޑަށް ކުށެއް ކުރެވުނު ކަމުގައި ނުވާނަމަ އޭނާ މިހާރު އުޅެނީ މިރަށުގައި. އަޅުގަނޑު ދެފަހަރަކު އޭނާ ދެކެފިން."
سعد ވިދާޅުވިއެވެ. "މިހާރު އޭނާއަކީ އިޝްބީލިއްޔާގެ ފުލުހުންގެ ވެރިޔާ. މިއަދު އޭނާއަށް ބޭބެ ފާހަގަ ނުކުރެއްވުނުކަމީ ނަސީބެއް."
إليــاس ވިދާޅުވިއެވެ. "އަޅުގަނޑަށް ހީވާގޮތުން އަޅުގަނޑުމެން ޣަރުނާޠާއަށް އެނބުރިދާން ތައްޔާރުވާންވެއްޖެ. އެއްވެސްކަމަކާނުލައި ކުޅަނދުރު ހަތަޔަކަށް އަތްބޭނުމުގެ ފައިދާއަކީ ކޮބައިތޯ؟"
سعد ވިސްނުންފުޅެއްގެ ތެރެއަށް ގެއްލިވަޑައިގެންފިއެވެ. أحمد އަށާއި حسن އަށް އެންމެފުރަތަމަ ފަހަރަށް އޭނާގެ މޫނުފުޅުމަތީން މާޔޫސްކަމުގެ އަސަރު ފެނިވަޑައިގެންނެވިއެވެ. أحمد ވިދާޅުވިއެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު