ސީލައިފާއެކު ދައުލަތުން ވެފައިވާ އެއްބަސްވުމެއް ބާތިލުކުރުމުން ބަދަަލުގެ ގޮތުގައި 12 މިލިއަން ޑޮލަރު ހޯދަން ސިވިލް ކޯޓުގައި ކުރި ދައުވާ އެކުންފުންޏާ ދެކޮޅަށް ނިންމައިފިއެވެ.
ސީލައިފަށް ބަދަލުދޭން ކުރީގެ ސަރުކާރުން 2018 ވަނަ އަހަރުވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެ ކުންފުންޏަށް 12 މިލިއަން ޑޮލަރު ނަގައިދޭން އެދި ހުށަހެޅި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނީ ސީލައިފާއި ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ދެމެދު 26 ފެބްރުއަރީ 2018 ގައި ސޮއިކޮށްފައިވާ ސެޓްލްމަންޓް އެގްރިމެންޓުގައި ބަލަންޖެހޭ ކަންތައްތަކެއް ހުރުމާއެކު އެކަން ބެލުމަށްފަހު ނިންމަންދެން ސެޓްލްމަންޓް އެގްރީމެންޓް ބާތިލުކޮށްފައިވާކަން އެ މިނިސްޓްރީން ސީލައިފަށް 01 މާޗް 2018 ގައި އަންގާފައިވާ ކަމަށެވެ.
ހުކުމުގައި ވަނީ ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުން ސެޓްލްމަންޓް އެގްރީމެންޓްގެ މައްސަލަ ބަލަމުންދާ ކަމަށާއި ކޮމިޝަނުން ބެލި ލިޔެކިޔުންތައް ހިސާބުކުރުމުން ސީލައިފުން ކޮށްފައިވާ ހަރަދުތައް ކަމަށް ސެޓްލްމަންޓް އެގްރީމެންޓުގައި ބަޔާންކޮށްފައިވާ އަދަދާ ދިމާނުވާކަމަށް އެ ކޮމިޝަނުގެ ކަރުދާހުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ސެޓްލްމަންޓްގެ އެގްރީމެންޓުގައި އެއްބަސްވެފައިވާ އަދަދުގެ ސައްހަކަމާ މެދު ސުވާލު އުފެދިފައިވާތީ މިއީ ބާތިލުކުރުމުގެ އިހުތިޔާރު ލިބިގެންވާ އެއްބަސްވުމެއް ކަމަށްވެސް ހުކުމުގައިވެއެވެ.
"ސެޓްލްމަންޓް އެގްރީމެންޓުގައި އެއްބަސްވެފައިވާ އަދަދު ރަނގަޅު ކަމަށް ސެޓްލްމަންޓް އެގްރީމެންޓުގައި ސޮއިކުރިއިރު ހައުސިން މިނިސްޓްރީން އެއްބަސްވެފައިވުމަކީ، އެ އަދަދުގެ ސައްހަކަމާ މެދު މިހާރު ސުވާލު އުފެދުމުން އެ އަދަދުގެ ސައްހަކަން ކަށަވަރުކުރުމެއްނެތި، އެގްރީމެންޓުގައި އެއިރު ސޮއިކުރިކުރުމުގެ މައްޗަށް އެކަނި ބަލައި ސެޓްލްމަންޓް އެގްރީމެންޓުގައި ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް އެއްބަސްވެފައިވާ ފައިސާ ނަގައިދެވޭނެ ސަބަބެއްކަމަށް ޝަރީއަތަށް ބުރަވެވެން ނެތުމުން، ސެޓްލްމަންޓް އެގްރިމެންޓާ އެއްގޮތްވާ ގޮތުގެ މަތިން ފައިސާ ދެއްކުމަށް ދިވެހި ދައުލަތުގެ މައްޗަށް އަންގާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ހުކުމްކޮށްފިން،" ހުކުމުގައިވެއެވެ.
ސީލައިފްއާ 2014 ވަނަ އަހަރު ހަވާލުކުރެވުނު ހައުސިން މަޝްރޫއުގެ ހައުސިން ޔުނިޓުތައް ހެދުމަށް އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު އެ ކުންފުނިން ވަނީ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓަލައިފައެވެ. އަދި ފައިސާ ނެގި ފަރާތްތަކަށް ބަދަލު ދީފައެއް ވެސް ނުވެއެވެ.
ސީލައިފަށް ހުޅުމާލޭގައި 3000 ފްލެޓް އެޅުމުގެ މަޝްރޫއެއް 2014 ވަނަ އަހަރު ތެރޭ ހަވާލު ކުރެވުނު އިރު، މި ހައުސިން ޔުނިޓުތައް ގަތުމަށް 200 އަށްވުރެ ގިނަ ފަރާތްތަކަކުން ވަނީ ބުކިން ފީ އަދި ޑައުންޕޭމަންޓް ވެސް ދައްކައިފައެވެ. މަޝްރޫއު ހުއްޓުމުން ފްލެޓު ގަތުމަށް ފައިސާ ދެއްކި ފަރާތްތަކުން ވަނީ ބަދަލު ހޯދުމަށް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. ނަމަވެސް ކޯޓުން ބޭރުން މި މައްސަލަ ނިންމާލާފައިވަނީ އެޗްޑީސީން އެ ފަރާތްތަކަށް ބަދަލު ދޭގޮތަށެވެ.
ސީ ލައިފަށް ދެއްކި ފައިސާ އަނބުރާ ހޯދަން ގިނަ ބަޔަކު އެ ކުންފުންޏާ ދެކޮޅަށް ވަނީ ދައުވާވެސް ކޮށްފައެވެ. އަދި އެ މައްސަލަ ފުލުހުން ވެސް އަންނަނީ ބަލަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު