ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމްގެ ބައްޕަ އިބްރާހިމް ޝާކިރު، ވިލިމާލޭގައި ހުންނަ ސިފައިންގެ ވީއައިޕީ އިމާރާތުގައި ދިރިއުޅުއްވި މައްސަލަ އަލުން ތަހުގީގުކޮށް، އެ މައްސަލައިގައި ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ޝިޔާމްގެ ބައްޕަ ދިރިއުޅުއްވީ ވިލިމާލޭގައި ހުންނަ ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ހިންގާ ގޯތީގެ ވީއައިޕީ ގޭގަ އެވެ. އެތަނުގައި ޝިޔާމްގެ ބައްޕަ ދިރިއުޅުއްވީ ޖުލައި 18، 2017 އިން ޑިސެމްބަރު 11، 2018އާ ހަމައަށެވެ.

އަމިއްލަ ފަރާތަކުން ހުށަހެޅި އެ މައްސަލަ ތަހުގީގުކޮށް، އޭސީސީން ކުރިން ނިންމީ އެކަމުގައި ކޮރަޕްޝަނެއް ނެތް ކަމަށެވެ. އެގޮތުން ސިފައިންގޭގައި އަމަލު ކުރަމުން އަންނަ އުސޫލުގެ ދަށުން ވީއައިޕީ ގޭގައި ޗީފް އޮފް ޑިފެންސް ފޯސް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަދި ކޯސްޓްގާޑްގެ ކޮމާންޑަރު އަންގާ ގޮތެއްގެ މަތިން އެކި މީހުން ހުރުމުގެ ކަންތައް ހަމަޖެހޭނެ ކަމަށް އޭސީސީ އަށް އޭރު ލިބިފައިވާ ލިޔެކިޔުންތަކުންނާއި ތަހުގީގަށް ލިބިފައިވާ މައުލޫމާތުން އެނގެން އޮންނަ ކަމަށް އޭސީސީން ކުރިން ބުންޏެވެ.

ނަމަވެސް އެ މައްސަލަ އަލުން ތަހުގީގު ކޮށްފައި މިވަނީ، ޕީޖީ އޮފީހުން މައްސަލަ އަލުން ތަހުގީގު ކުރުމަށް އެ ކޮމިޝަނަށް އެންގުމުންނެވެ.

މި މައްސަލަ އަލުން ތަހުގީގުކޮށް ނިންމައި، އޭސީސީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ގޮތުން މި މައްސަލައިގައި ޝިޔާމްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުން ކޮށްގެން އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށެވެ.

އޭސީސީން ބުނީ، އެމްއާރުސީސީގެ ވީއައިޕީ ގޭގައި މީހުން ބޭތިއްބުމުގައި އަމަލުކުރާނެ ވަކި ހާއްސަ އުސޫލެއް ނެތް ނަމަވެސް، އެތަނުގެ އިމާރާތުގައި ހުރި ތަންތަނަކީ ސިފައިންގެ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން އަމަލު ކުރެވޭ ތަންތަން ކަމަށްވާތީ، އެމްއާރުސީސީއަށް ހިނގާ އުސޫލު އެތަނުގެ ވީއައިޕީ ގެއަށް ވެސް ހިނގާނެ ކަމަށެވެ. އެހެންކަމުން، އެމްއާރުސީސީގައި އާންމުންނަށް ދިރިނޫޅެވޭ އުސޫލުން ވީއައިޕީ ގޭގައި އާންމުންނަށް ދިރިނޫޅެވޭނެކަން އެނގޭ ކަމަށް ބުންޏެވެ.

އޭގެ އިތުރުން ސިފައިންގެ ގާނޫނުގައި ބަޔާންކުރާ ސިފައިންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން އާންމު ފަރުދުންނަށް ފޯރުކޮށްދެންޖެހޭ ހިދުމަތެއް ފޯރުކޮށްދިނުން ފިޔަވައި، ސިފައިންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން އާންމު ފަރާތެއް ބެލެހެއްޓުމަށް ސިފައިންގެ އޮފިސަރެއް ހަމަނުޖެއްސޭނެ ކަމަށް ބުނެފައި އޮތް ނަމަވެސް، ޝިޔާމްގެ އެންގުމުގެ މަތިން ސިފައިންގެ އޮފިސަރެއް އޭނާގެ ބައްޕަ ބެލެހެއްޓިކަން ތަހުގީގަށް ހޯދާފައިވާ ލިޔުންތަކުންނާއި ލިބިފައިވާ މައުލޫމާތުން އެނގިފައިވާ ކަމަށް އޭސީސީން ބުންޏެވެ.

އެގޮތުން އެމްއާރުސީސީގެ ވަސީލަތްތަކާއި ހިދުމަތްތައް ޝިޔާމްގެ ބައްޕައަށް ބޭނުންކުރެވޭ ގޮތަށް އޮތުމުން، އޭނާއަށް ލިބެންނުޖެހޭ މަންފާތަކެއް ލިބިފައިވާކަން އޭސީސީން ފާހަގަކުރެ އެވެ.

އޭސީސީން ބުނީ، އެމްއާރުސީސީގެ ވީއައިޕީ ގޭގައި ޝިޔާމްގެ ބައްޕަ ދިގު މުއްދަތަކަށް ދިރިއުޅުމަށް ބަހައްޓައި، އަދި ބެލެހެއްޓުމަށް ސިފައިންގެ މުވައްޒަފެއް ބަހައްޓާފައިވަނީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން، އެނގިހުރެ ސިފައިންގޭގެ ގާނޫނާ ގަވައިދާ ހިލާފަށް އޭނާގެ ބައްޕައަށް ނާޖާއިޒު ފައިދާތަކެއް ހޯދައިދިނުމަށްކަން ތަހުގީގަށް ހާމަވެފައިވާ ކަމަށެވެ.