އެއް ކުލަބަކަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކަށް ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ވެއްޖެއެވެ.
ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑް ޕެލޭ އަތުގައި އޮތް ރެކޯޑު މެސީ މުގުރާލީ ބާސާ އިން ރޭ ލަލީގާގައި ވަލަޑޮލިޑާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލް ޖަހައިގެންނެވެ. ރޭގެ މެޗުގައި ބާސާއިން 3-0 އިން މޮޅުވެފައިވާއިރު، މެސީގެ އިތުރުން ގޯލްތައް ޖަހައިދިނީ މާޓިން ބްރެއިތުވެއިޓް އަދި ޑިފެންޑަރު ކްލެމެންޓް ލެންގްލެޓެވެ.
ޕެލޭގެ ކާމިޔާބު ކެރިއަރުގައި އޭނާ 1000 އަށްވުރެ ގިނަ ގޯލް ޖަހާފައިވާއިރު، އޭގެ ތެރެއިން 643 ގޯލް ޖަހާފައިވަނީ ބްރެޒިލްގެ ސަންޓޯސް އަށެވެ. މެސީ މިހާތަނަށް 644 ގޯލް ބާސާއަށް ޖަހާ ދީފައިވާއިރު، ޕެލޭގެ އެ ރެކޯޑަކީ އެއްވެސް ކުޅުންތެރިޔަކަށް މުގުރާ ނުލެވޭނެ ކަމަށް ގިނަ ބަޔަކު ހީކުރި ރެކޯޑެކެވެ. އެއީ މިއަދުގެ ޓްރާންސްފާ މާކެޓަށް ބަލައި، ކުޅުންތެރިޔަކު އެއް ކުލަބަކަށް އެހާ ގިނަ ދުވަސްތަކެއް ވަންދެން ކުޅޭނެ ކަމަށް ގަބޫލު ނުކުރެވޭތީ އެވެ. ހާއްސަކޮށް މެސީ ފެންވަރުގެ މޮޅު ކުޅުންތެރިޔަކު ކެރިއަރުގައި އެހާ ގިނަ ދުވަސްތަކެއް ވަންދެން އެއް ކުލަބަކަށް ކުޅޭނެ ކަމަށް ކުރިން ބެލެވިފައެއް ނެތެވެ.
ރޭގެ މެޗަށްފަހު މެސީ ކުރި އިންސްޓާގްރާމް ޕޯސްޓެއްގައި ބުނެފައިވަނީ ފުރަތަމަ ކުޅެން ފެށި އިރު އެއްވެސް ރެކޯޑެއް މުގުރާލެވޭނެ ކަމަށް އުންމީދު ނުކުރާ ކަމަށާއި ހާއްސަކޮށް ޕެލޭ ފަދަ ކުޅުންތެރިއެއްގެ ރެކޯޑަކާ އަރާ ހަމަކުރެވޭނެ ކަމަށް ކުރިން ދުވަހަކު ވެސް އުންމީދު ނުކުރާ ކަމަށެވެ.
އުމުރުން 33 އަހަރުގެ މެސީ ވަނީ އޭނާގެ ކާމިޔާބީގައި ހިއްސާވާ އާއިލާގެ އިތުރުން ކުލަބުގެ ކުޅުންތެރިންނާއި ހުރިހާ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ.
ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ މެސީ، ބާސާގެ ސީނިއާ ކެރިއަރު ފެށީ 2004 ވަނަ އަހަރު އެވެ. އޭރު މެސީގެ އުމުރުން އެންމެ 17 އަހަރެވެ. އުމުރުން 13 އަހަރުން ފެށިގެން ބާސާގައި ކުޅެމުންދިޔަ މެސީ ވަނީ ކުލަބާއެކު 10 ފަހަރަށް ލީގު އުފުލާލައި، ހަ ފަހަރަށް ކަޕް ކާމިޔާބުކޮށް، ހަތަރު ފަހަރަށް ޗެމްޕިއަންސް ލީގު ވެސް އުފުލާލައިފަ އެވެ.
އިންޑިވިޖުއަލް އެވޯޑުތަކަށް ބަލާއިރު، އޭނާ ވަނީ ޖުމްލަ ހަ ފަހަރަށް ބެލޮންޑިއޯ ހޯދައި، ރެކޯޑު ވެސް ހަދައިފަ އެވެ. އެންމެފަހުން މެސީއަށް ބެލޮންޑިއޯ ލިބުނީ 2019 ވަނަ އަހަރު އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު