ކޮރޯނާވައިރަސްގެ އާ ސްޓްރެއިން ނުރައްކަލެއް ނޫން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯ އިން ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑިރެކްޓަރު ޓެޑްރޮސް އަދަނޮމް ވިދާޅުވީ ޔޫކޭއާއި ދެކުނު އެފްރިކާއިން ފެންނަމުންދާ ކޮރޯނާވައިރަސްގެ އާ ސްޓެރެއިންއަކީ ނުރައްކާތެރި ސްޓްރެއިންއެއް ކަމަށް އަދި ހޯދިފައިނުވާ ކަމަށެވެ.

ޓެޑްރޮސް ވިދާޅުވީ މިހާރު ފެންނަމުންދާ ސްޓެރެއިން އަކީ އާންމުކޮށް ފެންނަ ސްޓްރެއިންތަކަށްވުރެ ގޯސް ސްޓްރެއިންއެއް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި މިހާރު އެންމެ އަހަންމިއްޔަތު ކަމެއް ދީގެން ކުރަންވީ ކަމަކީ ބަލި ފެތުރުން ހުއްޓުވުމަށް އާންމުންނަށް ކުރެވެން ހުރި ކަމެއް ކުރުން ކަމަށް ޓެޑްރޮސް ވަނީ ވިދާޅުވެފައެވެ.

ޔޫކޭއިން ކޮރޯނާވައިރަސްގެ އާ ސްޓްރެއިން ފެނުމާއެކު ޑަބްލިއުއެޗްއޯ އިން ވަނީ ސާމްޕަލް ނަގައި ސައިންސުވެރިން މެދުވެރިކޮށް ތަހުލީލުތައް ފަށައިފައެވެ. އަދި ޖެނެޓިކް ބަދަލެއް އައިސް ވައިރަހަށް ބަދަލު އާދޭތޯ ސައިންސުވެރިން އަންނަނީ ބަލަމުންނެވެ.