ޒަރޫރީ ބޭނުންތަކަށާއި އާންމު ހިދުމަތްތައް ލިބޭނެ ތަންތަން ގާއިމުކުރުމަށް ހިޔާ ކޮމާޝަލް އިން ދޫކުރާ ބިންތަކަށް ފުރަތަމަ ދެ އަހަރު ބިމު ކުލީގެ ގޮތުގައި ނަގާނީ އަކަފޫޓަކަށް 15 ރުފިޔާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
މި ޖާގަތައް ދޫކުރުމަށް ނިންމާފައިވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހައުސިން ޔުނިޓުތަކުގެ ގުރައުންޑް ފްލޯތަކުންނެވެ. އެ ފްލޯތައް ހާއްސަކޮށްފައިވަނީ އާންމު ހިދުމަތްތަކަށާއި ޒަރޫރީ ބޭނުތަކަށް ހިދުމަތް ލިބޭނެ ތަންތަން ގާއިމުކުރުމަށެވެ.
ހިޔާ ކޮމާޝަލް އިން ޖާގަ ދޫކުރުމަށް ނިންމާފައިވަނީ ދެ ސުޕަމާޓު ހިންގުމަށާއި ކްލިނިކެއް ހިންގުމަށާއި ބޭސްފިހާރައަކާއި ކާބޯތަކެތި ވިއްކާ ކުދި ފިހާރަތައް ހިންގުމަށާއި ކެފެޓީރިއާ ހިންގުމަށެވެ.
އެގޮތުން ބޭސްފިހާރައާއި ކްލިނިކެއް ހިންގުމަށް 542 އަކަފޫޓުގެ ޖާގައަކާއި 2،196 އަކަފޫޓުގެ ޖާގައެއް ދޫކުރުމަށް އިއުލާނުކޮށްފައިވާ އިރު، ކުލީގެ ގޮތުގައި ފުރަތަމަ ދެ އަހަރު އެ ބިންތަކުން ނަގާނީ އަކަ ފޫޓަކަށް 15 ރުފިޔާއެވެ. އަދި ތިންވަނަ އަހަރުން ފަސްވަނަ އަހަރަށް ބިޑް ކުރެވޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 30 ރުފިޔާއެވެ. ބޭސްފިހާރައާއި ކްލިނިކް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
ދެ ސުޕަމާޓް ހިންގުމަށް ހިޔާ ފްލެޓް ހަ އަކާއި 14 އިން 3،000 އަކަފޫޓަށް ވުރެ ބޮޑު ޖާގައެއް ދޫކުރުމަށް އިއުލާނުކޮށްފައިވާ އިރު، ކުލީގެ ގޮތުގައި ފުރަތަމަ ދެ އަހަރު އެ ބިމުން ނަގާނީ އަކަ ފޫޓަކަށް 15 ރުފިޔާއެވެ. އަދި ތިންވަނަ އަހަރުން ފަސްވަނަ އަހަރަށް ބިޑް ކުރެވޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 30 ރުފިޔާއެވެ. ސުޕަމާކެޓް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
ކާބޯތަކެތި ވިއްކާ ކުދި ފިހާރަތައް ގާއިމުކުރުމަށް 1،000 އަކަފޫޓުގެ ޖާގަ، ހިޔާ ފްލެޓް 12 އާއި 16 އިން ދޫކުރުމަށް އިއުލާނުކޮށްފައިވާ އިރު، އެތަނުގެ ކުލީގެ ގޮތުގައި ފުރަތަމަ ދެ އަހަރު އަކަފޫޓަކަށް 15 ރުފިޔާ ނަގަން ވަނީ ހަމަޖައްސައިފައެވެ. ތިންވަނަ އަހަރުން ފަސްވަނަ އަހަރަށް ބިޑް ކުރެވޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 30 ރުފިޔާއެވެ. ގްރޮސަރީ ފިހާރަ ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
މީގެ އިތުރުން ކެފޭ ހިންގުމަށް ހިޔާ ފްލެޓް 12 އިން 926 އަކަފޫޓާއި ހިޔާ ފްލެޓް 15 އިން 1،085 އަކަފޫޓުގެ ޖާގައެއް ދޫކުރުމަށް އިއުލާނުކޮށްފައިވާ އިރު، އެތަނުގެ ކުލީގެ ގޮތުގައި ފުރަތަމަ ދެ އަހަރު އަކަފޫޓަކަށް 15 ރުފިޔާ ނަގާނެއެވެ. ތިންވަނަ އަހަރުން ފަސްވަނަ އަހަރަށް ބިޑް ކުރެވޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 30 ރުފިޔާއެވެ. ކެފޭ ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
ހިޔާ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން މިސްކިތްތަކާއި ސްކޫލުތައް ގާއިމުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު