ފެލިވަރުގައި މުޒާހަރާ ކުރަމުން އަންނަ މަސްވެރިންނާ ވާހަކަ ދައްކައިގެން އެ މަސްވެރިން ޑިމާންޑުކުރާ ކަންކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވެއްޖެ އެވެ.
މިއަދު ހެނދުނުން ފެށިގެން މަސްވެރިންތަކެއް ގެންދަނީ ފެލިވަރުގައި މުޒާހަރާ ކުރަމުންނެވެ. ފުލުހުން ވެސް އެރަށުގައި ހަރަކާތްތެރިވަމުން އަންނައިރު، ފެލިވަރަށް ނޭރޭނެހެން ބަނދަރުމަތީގައި ފުލުހުން ވަނީ ޓޭޕް ދަމައިފަ އެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ އެ ސަފުތައް ފޫއަޅުވާލައި ފެލިވަރަށް އަރައިފަ އެވެ. ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ހިންގާފައެއްނުވެ އެވެ.
މުޒާހަރާ ކުރަމުން އަންނަ މަސްވެރިން ބުނަމުން ދަނީ އެމީހުން ތިބީ ވަރަށް ދަތިހާލަތުގައި ކަމަށާއި އެމީހުންގެ ޝަކުވާތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މިފްކޯގެ އިސްވެރިންތައް އަޑުއެހުމަށް އެދޭ ކަމަށެވެ. އަދި މި ސަރުކާރު ގެނައީ މަސްވެރިންގެ ވެސް ބުރަ މަސައްކަތުން ކަމަށާއި މަސްވެރިން ކުރާ އާދޭހުގެ އަޑުވެސް ރައީސް އައްސަވަން ޖެހޭނެ ކަމަށް ބުނަމުންދިޔަ އެވެ.
މަސްވެރިން ކޮށްފައިވާ ޑިމާންޑުގެ ތެރޭގައި މަހުގެ އަގު 20 ރުފިޔާ އަށްވުރެ ދަށަށް ނުދާނޭހެން ހިފެހެއްޓުމާއި ށ. ކީކިމިނި ފެކްޓަރީ މިފްކޯގެ ދަށަށް ބަދަލުކޮށް، ދުވަހުން ދުވަހަށް މަސް ކިރޭނެ ގޮތެއް ހޯދައި ދިނުން ހިމެނެ އެވެ. އޭގެ އިތުރުން މަސްވެރިންނަށް ފެލިވަރުން ފަސޭހަކަމާއެކު އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ޑިމާންޑު ކޮށްފައެވެ.
އެކަމާ ގުޅިގެން "ވަން" އިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފައުޒީ ވިދާޅުވީ، މުޒާހަރާ ކުރަމުން އަންނަ މަސްވެރިންގެ އަޑު އޭނާ ވަރަށް ގާތުން އައްސަވާ ކަމަށެވެ. އަދި ޑިމާންޑު ކުރަމުން އަންނަ ކަންކަން ހައްލުކުރުމަށް ބޮޑެތި މަސައްކަތްތަކެއް ވެސް ކުރަމުން އަންނަ ކަމަށް ވިދާލުވި އެވެ.
"މުޒާހަރާގައި ބައިވެރިވާ މަސްވެރިންނާ ފޯނުން ގުޅައިގެން ވާހަކަ ދައްކަމުން މިގެންދަނީ. ކުރިއަށް އޮތްތަނުގައި ފެލިވަރުގެ ކެޕޭސިޓި އިތުރުކޮށް މަސްކިރުމަށް ދިމާވާ ދަތިތައް ހައްލުކުރުމަށް މަސައްކަތް ކުރަމުން މިދަނީ. ދެން ހުރިހާ މަސްވެރިންނަށް އެނގޭނެ ފާއިތުވި ހަތް އަހަރު ދުވަސް ތެރޭގައި ވެސް އަޅުގަނޑުމެން މަސް ގަންނަ އަގު ފިކްސްޑް އަގެއް ގޮތުގައި ކަނޑައަޅާފައިވާކަން. އެ އަގަށް އިތުރު ބަދަލެއް އަދިއެއް ނާންނާނެ. މުޅި ދުނިޔެއަށް ދިމާވެފައިވާ ބަލި މަޑުކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ވެސް ދަތިތަކެއް އެބަހުރި،" ފައުޒީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައިސް ލިބުމުގައްޔާއި މަސްކިރުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރާ ގުޅިގެން މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފެލިވަރުގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ވިދާޅުވި އެވެ. އަދި މިހާރު ހިންގަން ރާވާފައި ހުރި މަޝްރޫއުތަކުގެ ތެރޭގައި ފެލިވަރުގައި އިތުރު 100 ޓަނުގެ އައިސް އުފެއްދޭ ޕްލާންޓެއް އެޅުމަށް ވެސް ހިމަނާފައިވާނެ ކަމަށް ފައުޒީ ވިދާޅުވި އެވެ.
ކީކިމިނީ މިފްކޯގެ ބެލުމުގެ ދަށަށް ގެނައުމަށް މަސްވެރިން ކުރަމުން އަންނަ ޑިމާންޑާ ގުޅޭގޮތުން ފައުޒީ ވިދާޅުވީ، އެއީ އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ ރަށެއް ކަމުން، އެރަށް މިފްކޯގެ ބެލުމުގެ ދަށަށް ގެނައުމަށް އެކުންފުންޏަށް ކުރެވޭނެ އެއްވެސް މަސައްކަތެއް ނެތް ކަމަށެވެ.
ފެލިވަރުގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް ދެ މަސް ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ފައުޒީ ވިދާޅުވި އިރު، މިއަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން ރައީސް ދެއްވި ހިތާބުގައި މަސްވެރިންނަށް މިވަގުތު ކުރިމަތިވެފައިވާ، މަސް ކިރުވުމުގެ ދަތިތަކަށް އަވަސް ހައްލެއް ހޯދައި ދިނުމަށްޓަކައި ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުރި މިފްކޯގެ މަސް ކާރުހާނާ އިތުރަށް ތަރައްގީކޮށް، މަސް ރައްކާކުރެވޭ މިންވަރު 3050 ޓަނުން 8000 ޓަނަށް އިތުރުކުރުމުގެ އަމަލީ މަސައްކަތް މި އަންނަ އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
އޭގެ އިތުރުން ގދ. ތިނަދު އާއި މ. މުލަކުގައި މަސް ގަންނަ މަރުކަޒެއް ގާއިމުކުރުމަށްވަނީ ހަމަޖެހިފައިވާ ކަމަށާއި މި މަޝްރޫއުތައް ނިމުމުން، މަސްވެރިންގެ ވަރަށް ގިނަ ޝަކުވާތަކަށް ހައްލު ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު