މާދަމާއިން ފެށިގެން ސިވިލް ސާވިސްގެ މަގާމުތަކަށް މީހުން ނެގުން އިއުލާންކުރުން ވަގުތީގޮތުން ހުއްޓައިލުމަށް ކަމާބެހޭ އޮފީސްތަކަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އަންގައިފިއެވެ.
ސީއެސްސީން މިއަދު ބުނިގޮތުގައި މާދަމާއިން ފެށިގެން މުވައްޒިފުން ނެގުން ހުއްޓާލުމަށް އެންގީ ސިވިލް ސާވިސްގެ މަގާމުތަކަށް މީހުން ހޮވުމާއި، އެ މަގާމުތަކަށް މީހުން އައްޔަން ކުރުމުގެ އާ މިންގަނޑަށް އަންނަ މަހުގެ އެކަކުން ފެށިގެން އަމަލުކުރުމަށް ހަމަޖެހިފައިވާތީއެވެ.
އެ މިންގަނޑަށް އަމަލުކުރަން ތައްޔާރުވުމުގެ ގޮތުން މާދަމާއިން ފެށިގެން ސިވިލް ސާވިސްގެ މަގާމުތަކަށް މީހުން ހޯދުމަށް އިއުލާންކުރުން ހުއްޓާލަންޖެހޭ ކަމަށާއި އެއްވެސް އިދާރާއަކަށް ކޮންމެހެން އިއުލާންކުރަންޖެހޭ މަގާމެއް އޮތްނަމަ މާދަމާގެ ކުރިން އެ އިއުލާން ގެޒެޓްކުރަންޖެހޭނެ ކަމަށް ވެސް ސީއެސްސީން ބުނެފައިވެއެވެ.
ސިވިލް ސާވިސް ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގައި އަމަލުކުރަމުން އަންނަ އުސޫލުތަކާއި މިންގަނޑުތައް އިސްލާހުކޮށް، ގައިޑްލައިންތައް އެކުލަވާލައި މީގެ ކުރިން ވަނީ އާންމުކޮށްފައެވެ.
ސީއެސްސީން ބުނީ އެ އިސްލާހުތައް ގެނެސްފައިވަނީ ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ހޯދުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކޮށް، ވަޒީފާއަށް އައްޔަންކުރުމުގެ މަރުހަލާތައް އިތުރަށް ތަފްސީލުކޮށް ދިނުމުގެ ގޮތުން ކަމަށެވެ.
- ސިވިލް ސާވިސްގެ އިދާރީ އަދި ފަންނީ މަގާމުތަކުގެ އަސާސީ ޝަރުތު (7 ވަނަ އިސްލާހު)
- ސިވިލް ސާވިސްގެ މަގާމުތަކުގެ ތައުލީމީ ރޮނގު އަދި މަސައްކަތުގެ ދާއިރާ ކަނޑައަޅާނެ ގޮތުގެ އުސޫލު
- ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް 2021
- ސިވިލް ސާވިސްގެ ވަޒީފާތަކަށް އެސެސްމަންޓް ތައްޔާރުކުރާނެ ގޮތުގެ ގައިޑްލައިން
ސީއެސްސީން ބުނީ، ސިވިލް ސާވިސްގެ ވަޒީފާތަކަށް އިއުލާންކުރުން ހުއްޓައިލުން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދެމިއޮންނާނެ ކަމަށެވެ.
އެއަށްފަހު ދެން ވަޒީފާތަކަށް މީހުން ނަގަން އިއުލާންކުރާނީ "ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް 2021" އާ އެއްގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު