މަސްވެރިންނަށް ދިމާވާ ދަތިތައް ސަރުކާރުން ހައްލުނުކޮށް، މަސްވެރިންގެ ކަންކަން ގޯހުންގޯހަށް ދާކަމަށް ބުނެ މަސްވެރިންތަކެއް ފެލިވަރު ކައިރީގައި މުޒާހަރާ ކުރަން ފަށައިފި އެވެ.
މުޒާހަރާގައި ބައިވެރިވާ މަސްވެރިއަކު "ވަން" އަށް ބުނީ، ބައެއް މަސްވެރިން މިހާރު ވެސް ފެލިވަރު ކައިރީގައި މުޒާހަރާ ކުރަމުން އަންނައިރު އިތުރު މަސްވެރިންތަކެއް ހުޅުމާލޭ ބަނދަރުން ފުރައިގެން ފެލިވަރަށް ދަތުރު ފަށާފައިވާ ކަމަށެވެ. އަދި ވިއްސާރައަކަސް، ކަނޑުގަދަ ވިޔަސް ހައްގު ހޯދުމަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށް ބުންޏެވެ.
އެގޮތުން އެމީހުން ޑިމާންޑު ކުރަމުންދަނީ މަހުގެ ހަމައަގު މަސްވެރިންނަށް ލިބުމަށާއި މަހުގެ އަގު 20 ރުފިޔާ އަށްވުރެ ދަށް ނުވުމަށާއި ފެލިވަރުގައި ފަސޭހަ ގޮތެއްގައި މަސްކިރޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ކަމަށް މަސްވެރިޔާ ބުންޏެވެ. އަދި ށ. ކީކިމިނި މިފްކޯގެ ބެލުމުގެ ދަށަށް ގެނެސް ބޭނުން ކުރެވޭނެ ހާލަތަށް ގެނައުމަށް ވެސް އެދޭ ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުމެން ރެއާ ދުވާލު އާއިލާތަކާއި ދުރުގައި، ދޭހާ އަތްވެއްގައި ވެހޭހާ ވާރޭއެއްގައި މި މަސައްކަތް ކުރަނީ ކާންބޯން. އަނބިދަރިންނަށް ކާންދޭނެ. ބާނާ މަސްކޮޅު މި ކިރެނީ 5-10 ދުވަސް ފަޅުގައި ބައިތިއްބައިގެން އެތަށް އިންތިޒާރަކަށްފަހު. އޭރު މަހުގެ އަގު ދަށްވެ ހަމައަގެއް ނުލިބޭ. ބޭބޭފުޅުން ފިނި ކޮޓަރީގެ ތިއްބަވައިގެން ބޮޑެތި މުސާރަ ނެންގެވިޔަސް އަޅުގަނޑުމެން މި ތިބެނީ ވާރޭގަ އާއި އަވީގަ. އެހެންވީމަ މީއެއް ނޫން އަޅުގަނޑުމެންގެ ހައްގު މިންވަރު. ރައީސް ސޯލިހު އެހެން ރަށްރަށަށް ވަޑައިގެން ރައްޔިތުންގެ އަޑު އެއްސެވޭނަމަ މިއަދު ފެލިވަރަށް ވަޑައިގެން ވެސް މަސްވެރިންގެ އަޑު އައްސަވަންވީ ނޫންތޯ؟ އަޅުގަނޑުމެން މިތިބީ ވަރަށް ހާލުގައި. އަޅުގަނޑުމެން މިއައީ ހަނގުރާމަ ކުރާކަށް ނޫން. އަޅުގަނޑުމެން ހައްގު ހޯދަން." "ވަން"އާ ވާހަކަދެއްކި މަސްވެރިޔާ ބުންޏެވެ.
މި މުޒާހަރާގެ ބައިވެރިން ދަނީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި ފެލިވަރުގެ މެނޭޖްމަންޓް އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފެލިވަރަށް ވަޑައިގެން މަސްވެރިންގެ އާދޭހުގެ އަޑު އެއްސެވުމަށް ވެސް ދަނީ ގޮވަމުންނެވެ.
އެގޮތުން މި ސަރުކާރު ގެނައީ އެމީހުންގެ ވެސް މަސައްކަތުން ކަމަށާއި އެހެންކަމުން ރައީސް ސޯލިހަށް އެމީހުންނާ ބައްދަލުކުރެވެން ޖެހޭނެ ކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ. އަދި މިފްކޯއަކީ މަސްވެރިންގެ ހިތާ ގުޅިފައިވާ ނަމެއް ކަމަށާއި އެހެންކަމުން މަސްވެރިންނަށް ދިމާވާ އެކިއެކި ގޮންޖެހުންތައް ގޯހުންގޯހަށް ދިއުމުގެ ކުރިން އެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރެވެން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު